ތަރައްގީގެ ހުރިހާ މަޝްރޫއެއް އިންޑިއާއާ އެކު ހިންގާ ނަމަ މިނިވަންކަން ގެއްލޭނެ: އަދުރޭ

ރާއްޖޭގެ ތަރައްގީގެ ހުރިހާ މަޝްރޫއެއް އިންޑިއާއާ ގުޅިގެން ހިންގާ ނަމަ މިނިވަންކަން ގެއްލޭނެ ކަމަށް އިދިކޮޅު ކޯލިޝަން ހިންގުމުގައި އިސްކޮށް ހުންނެވި އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.


އިދިކޮޅު ޕީޕީއެމްގެ ހަރުގޭގައި ބޭއްވި ހާއްސަ ޖަލްސާގައި އަބްދުއްރަހީމް ވިދާޅުވީ، ރާއްޖެ ތަރައްގީ ކުރުމާ ދެކޮޅު ނަހަދާ ކަމަށާއި ބޭނުން ވަނީ ވެސް ރާއްޖެ އިތުރަށް ތަރައްގީކުރަން ކަމަށެވެ. ނަމަވެސް ގިނަ މަޝްރޫއުތައް އިންޑިއާއާ އެކު ހިންގުމުން ރާއްޖޭގެ މިނިވަންކަން ގެއްލޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި އިންޑިއާ މެދުވެރިކޮށް ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގުމާ އިދިކޮޅުން ދެކޮޅު ހަދަނީ އެހެންވެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މިއަދު ބޭއްވި ހާއްސަ ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވާހަކަ ދައްކަވަނީ -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ގިނަ އިސްވެރިންތަކެއް ބައިވެރިވި މި ޖަލްސާގައި، އިންޑިއާގެ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު މިއަދު ފެށި ކާގޯ ފެރީގެ ހިދުމަތަށް ވެސް ފާޑުކިޔެވެ. ކާގޯ ފެރިއާއެކު، ސަރުކާރު އެދޭ ފަދަ ބޮޑު ތަރައްގީއެއް ބޮޑުތިލަދުންމައްޗަށް ނުލިބޭނެ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ބުނެ އެވެ.

"އަޅުގަނޑުމެންނެއް ކަންބޮޑެއް ނުވޭ އުތުރަށް ތަރައްގީ އަތުވެދާނެތީއެއް. ހަނިމާދޫގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދާފާނެތީ އަޅުގަނޑުމެނެއް ކަންބޮޑެއް ނުވޭ. އަޅުގަނޑުމެންނަށް ރަނަގަޅީ ދިވެހި ރާއްޖެއަށް ތަރައްގީ އައިއްޔާ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންޑިއާއާ ގުޅިގެން ގިނަ ރަށްރަށުގައި ހިންގާ މަޝްރޫއުތަކަކީ އެ ގައުމަށް "ވިއްކާލައިގެން" ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް އަބްދުއްރަހީމް ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އިގްތިސާދުގެ ހުރިހާ ބާރުތަކެއް އިންޑިއާގެ ބެލުމުގެ ދަށަށް އެބަދޭ. އަޅުގަނޑުމެންގެ ވިޔަފާރީގެ ގިނަ ބާރުތަކެއް އިންޑިއާގެ ބާރުގެ ދަށަށް އެބަދޭ. އަޅުގަނޑުމެންގެ އިގްތިސާދުގެ ބޮޑު ބައެއް އެމީހުންގެ ތަރިކައިގެ ބަޔަކަށް އެބަވޭ،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އާމްދަނީ އިން ލިބޭ ބޮޑު އެއްޗެއް އެ މީހުންގެ އެއްޗަކަށް އެބަވޭ. މި ހުރިހާ ކަމެއް ވާ އިރު މިނިވަންކަމެއް ނުގެއްލެޔޭ، އަޅުވެތިަމެއް ނުވެޔޭ ބުނީމާ އަޅުގަނޑުމެން ކިހިނެތްތޯ އެކަން ގަބޫލުކުރާނީ؟."

މިކަމަށް އިދިކޮޅުން ދެކޮޅު ހަދާ ކަމަށާއި މި މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އަދި މި ކަމުގައި ދެމި ތިބޭނެ ކަަމަށާއި މީގެ ފަހުން ކޮންމެ ދުވަހެއްގެ ހަވީރު 4:00 ގައި ޕީޕީއެމްގެ ހަރުގޭގައި އިންޑިއާގެ ނުފޫޒު ރާއްޖެ އަށް ފޯރުވުމާ ދެކޮޅަށް އަޑުއުފުލަން ޖަލްސާ ބާއްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އިންޑިއާ އިން ރާއްޖޭގައި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާތީ އިދިކޮޅުން ފާޑުކިޔާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ ބޮޑަށް ގުޅުން ބަދަހިކުރީ ޗައިނާއާ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން އަދި މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން އެކަމާ ދެކޮޅަށް އޭރު ވާހަކަ ދެއްކިއިރު، ޕީޕީއެމް އޮތީ ހިމޭނުން ޗައިނާއާ އެއްކޮޅުގަ އެވެ.

ކޮވިޑް-19ގެ މި ބަލިމަޑުކަމުގެ ދުވަސްވަރުގައި ވެސް ކޮޗިންއާ ދެމެދު އޮތް ގުޅުން ބަދަހި ކުރަން ކޮޗިން ފެރީގެ މަޝްރޫއު އަވަސް އަރުވާލައިގެން ފެށި މައްސަލައަށް ވެސް އިިދކޮޅުން ފާޑުކިޔެވެ. އަދި ސައުދީ އަރަބިއްޔާގެ އެހީގައި މާލޭގައި އިމާރާތް ކޮށްފައިވާ ކިންގް ސަލްމާން މިސްކިތް އަދިވެސް ނުހުޅުވާތީ އެކަމަށް ފާޑު ކިޔެވެ.

އަބްދުއްރަހީމްގެ އިތުރުން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު އާއި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިދިކޮޅު ކޯލިޝަނުގެ ގިނަ އިސްވެރިންތަކެއް ވެސް ވާހަކަ ދެއްކެވި އެވެ