މަރަދޫ "ބޮޑޮގެ" މިހާރު ވަރަށް ފުރިހަމަ، މެނޭޖްކުރާނެ ބަޔަކު ހޯދަނީ

"ބޮޑޮގެ" ރަސްމީކޮށް ހުޅުވަން އަންނަ މަހުގެ 11 ގައި ހާއްސަ ރަސްމިއްޔާތެއް ބާއްވަން ކައުންސިލުން ވަނީ ނިންމާފައި.

އިނގިރޭސީން އައްޑޫގައި ތިބި ދުވަސްވަރު އެ މީހުންގެ މުވާސަލާތީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރި މަރަދޫ "ބޮޑޮގެ" ގެއަކީ މިހާރު އައްޑޫގައި ހުރި ތާރީހީ މުހިއްމު ތަންތަނުގެ ތެރެއިން އެއް އިމާރާތެވެ.


އިނގިރޭސިން ރާއްޖެ އިން ފޭބި ފަހުން އެ އިމާރާތް ހުރީ ދާއިމީ ގޮތެއްގައި އެއްވެސް ކަމަކަށް ބޭނުން ނުކުރެވި ވީރާނާވާން ދޫކޮށްލެވިފަ އެވެ. އެކަމަކު އެކި ދުވަސްވަރު އެކި ކަންކަން އެ އިމާރާތުގައި ހިންގި އެވެ. ސިއްހީ ހިދުމަތް ދޭ ތަނެއްގެ ގޮތުގަ އާއި މަރަދޫ މަކުތަބާއި އަތޮޅުގެ އާއި މަަރަދޫ ސްކޫލާއި ރަށު އޮފީހުގެ އިތުރުން ސިނަމާއެއްގެ ގޮތުގައި ވެސް އެތަނުގެ ބޭނުން ހިފާފައިވެ އެވެ.

އެތަން ފަޅަށް ހުންނަތާ އެތައް އަހަރެއް ވީ ފަހުން 2008 ގައި ގައުމީ ކުތުބާހާނާގެ ގޮތްޕެއް ހަދަން ވެސް ވާހަކަދެއްކި އެވެ. ނަމަވެސް އެ ވާހަކަތައް ހަގީގަތަކަށް ނުވި އެވެ.

އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމްގެ ބައެެއް ހަރަކާތްތައް އެތަނުގައި ހިންގި އެވެ.

މިދިއަ ހުކުރުދުވަހަކީ "ބޮޑޮގެ" އަށް އަނެއްކާވެސް ތާރީހީ ދުވަހެކެވެ. ބައިނަލްއަގްވާމީ ޝެފުންގެ ދުވަހާއި ކާބޯތަކެތީގެ ދުވަސް އައްޑުގައި ފާހަގަކުރަން ކުރިއަށް ގެންދާ "އައްޑޫ ފެސްޓިވް މީލް ޗެލެންޖް" އިފުތިތާހު ކުރުމުގެ ހަފުލާ އޮތީ އެތަނުގަ އެވެ.

މަރަދޫ "ބޮޑޮގޭ" ގައި މިދިއަ ހުކުރުދުވަހު އޮތް ކައްކާއިންގެ ހާއްސަ އިވެންޓް

"ބޮޑޮގޭ"ގެ ހައިބަތު އަލުން ފެންނާނެ ގޮތަށް އައްޑޫ ސިޓީ ކައިންސިލުން މިހާރު ވަނީ އެތަން މަރާމަތުކޮށްފަ އެވެ. ކައުންސިލްގެ ބަޖެޓުން 1.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން، އާބާތުރަ ފިލުވައި، މުޅި އިމާރާތަށް ވަނީ ރީތިކަން ގެނެސްފަ އެވެ.

އެތަނުގެ ޒަމާންވީ ފާރާއި މަތިވަޑާންގަނޑާއި ދޮރުތައް ޓްރީޓްކޮށް، ކަރަންޓް ލައި، އިމާރާތުގެ ވަށައިގެން ފާރު ރާނައި، ފެންސް ވެސް ވަނީ ޖަހައިފަ އެވެ.

"ބޮޑޮގޭ" ގެ މައި ހޯލްގައި ކުރީގެ ވައްޓަފާޅި ދައްކުވައިދޭ ގޮތަށް ޖަހާފައިވާ ލަކުނޑި ގޮނޑިތަކުގައި 137 މީހުންނަށް އިށީދެ ތިބެވޭނެ އެވެ.

ކައުންސިލުން މިހާރު ނިންމާފައި ވަނީ އެކި ހަފުލާތަކާއި ފިލްމު ދެއްކުން ފަދަ ކަންކަމަށް މައި ހޯލް ކުއްޔަށް ދޭ ގޮތަށެވެ. އަދި މުޅި "ބޮޑޮގެ" މެނޭޖްކޮށް، ބަލަހައްޓާނެ ފަރާތެއް ހޯދަން މިހާރު ވަނީ އިއުލާން ވެސް ކޮށްފަ އެވެ.

މަރަދޫ "ބޮޑޮގޭ" ގެ މައި ހޯލްގެ ސްޓޭޖް

އައްޑޫ ޑެޕިއުޓީ މޭޔަރު އަދި މަރަދޫ ކައުންސިލަރު އަބްދުﷲ ތައްޔިބް "މިހާރު" އަށް ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ކައުންސިލުން އިމާރާތް ހިންގުމުގެ ބަދަލުގައި ބަޔަކާ އެތަން ހަވާލުކޮށްގެން ހިންގުން ކަމަށެވެ.

"ބަޔަކާ އެތަން ހަވާލުކޮށްގެން، އެ ބައެއްގެ ބެލުމުގެ ދަށުން އެތަން ކުއްޔަށް ދީގެން ހިންގާ ކަހަލަ ވިސްނުމެއް ކައުންސިލުން ގެންގުޅެނީ،" ތައްޔިބް ވިދާޅުވި އެވެ.

"އެގޮތަށް ދޫކޮށްލާ އިރު، ގޯތި ތެރޭގައި ރެސްޓޯރަންޓެއް ވެސް ހިންގާ ގޮތަށް އަދި އިމާރާތަށް އެއްވެސް ބަދަލެއް ނުގެނެވޭ ގޮތަށް ޝަރުތުކޮށްފައި، އެތަން އަޅުގަނޑުމެން އިންސްޕެކްޓް ކުރާ ގޮތަށް ބަޔަކާ ހަވާލު ކުރާނީ."

މަރަދޫ ބޮޑު މަގަށް ވާ ގޮތަށް ހުރި "ބޮޑޮގެ" މެނޭޖްކުރުމުގެ ޝައުގުވެރިކަން ބައެއް ފަރާތްތަކުން މިހާރު ވެސް އަންނަނީ ފާޅުކުރަމުންނެވެ.

މަރަދޫ "ބޮޑޮގޭ" ގެ މައި ހޯލްގައި ބަޔަކު މަޑުކޮށްލައިގެން.

"މިތަނުގެ ބޭނުން އިގުތިސާދީ ގޮތުން ވަރަށް ރަނގަޅަށް ހިފިގެން ދާނެ. މިއީ އައްޑު އަށް ވަރަށް މުހިއްމު އަދި އައްޑޫގެ ތާރީހާއި ސަގާފަތާ ވަރަށް ބޮޑަށް ގުޅުން ހުރި ތަނެއް،" ތައްޔިބް ވިދާޅުވި އެވެ.

"މިސާލަކަށް ތާރީހާއި ޓޫރިޒަމް ކަހަލަ ކޮމްޕޯނަންޓްތައް މީގެ ތެރެއަށް ލައިގެން ބޮޑޮގެއަކީ އައްޑު އަށް މަންފާ ލިބޭ ތަނަކަށް ހެދި ދާނެ."

ކައުންސިލުން "ބޮޑޮގެ" ރަސްމީކޮށް ހުޅުވަން ހަމަޖައްސާފައި ވަނީ ނޮވެމްބަރު 11 ވާ ޖުމްހޫރީ ދުވަހު އެވެ. އެކަމަށް ހާއްސަ ހަފުލާއެއް ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.