ޖަޕާނުން 0.01 ޕަސެންޓް އިންޓަރެސްޓް ރޭޓުގައި ރާއްޖެއަށް 732 މިލިއަން ރުފިޔާގެ ލޯނެއް

ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އަށް ދިމާފައިވާ އިގްތިސާދީ ދަތިކަމުން އަރައިގަތުމުގައި އެހީވުމަށް ޖަޕާނުން ރާއްޖެ އަށް ދޭ ފަސް ބިލިއަން ޔެން (732 މިލިއަން ރުފިޔާ) ގެ އެކްސްޖޭންޖް އޮފް ނޯޓްސްގައި ސޮއިކޮށްފި އެވެ.


ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، މި ލޯނުގެ އެކްސްޗޭންޖު އޮފް ނޯޓްސްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

އެކްސްޖޭންޖް އޮފް ނޯޓްސް އަކީ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ވެވޭ އެއްބަސްވުމެކެވެ. ރަސްމީ އެއްބަސްވުމުގައި ސޮއިކުރައްވާނީ އަންނަ ބުދަ ދުވަހު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި ޓްވީޓެއް

މިއީ ޖަޕާނު ސަރުކާރުން ރާއްޖެ އަށް މިހާތަނަށް ދީފައިވާ ލޯނުގެ އެންމެ ބޮޑު އެހީ އެވެ. މި ލޯނު އަނބުރާ ދައްކަން ޖެހޭނީ 0.01 ޕަސެންޓްގެ އިންޓްރެސްޓް ރޭޓުގަ އެވެ. ހަތަރު އަހަރު ފަހުން ދައްކަން ފަށަން ޖެހޭ ލޯނު ހަލާސްކުރަން ޖެހޭނީ 15 އަހަރުންނެވެ.

މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ވިދާޅުވީ، މި ފައިސާ ރާއްޖެ އަށް ލިބެނީ ލޯނެއްގެ ގޮތުގައި ނަމަވެސް އެއީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ދޭ ދީލަތި އެހީއެއް ކަމަށެވެ. އަދި އެކަމަށް ޖަޕާނު ސަރުކާރަށާއި އެ ގައުމުގެ ރައްޔިތުންނަށް ޝާހިދު ޝުކުރުއަދާކުރެއްވި އެވެ.

"ހިސާބު ޖައްސަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ 0.01 ޕަސެންޓުގެ [އިންޓްރެސްޓް ރޭޓަކާ އެކު] ލޯނެއް ދިނީމައި، ފައިސާގެ ގޮތުން ބަލައިފިއްޔާ، 15 އަހަރު ދުވަހުން ހިސާބު ޖަހާލީމައި އެއީ އެހީއެއްކަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއީ ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން ޖަޕާނު ސަރުކާރުން ދިން ލޯނެކެވެ.

ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ދަތިކަމާ ގުޅިގެން، ޔުނިސެފު މެދުވެރިކޮށް 356،400 ޑޮލަރުގެ އެހީއަކާއި ރެޑް ކްރެސެންޓް މެދުވެރިކޮށް 185،000 ޑޮލަރުގެ އެހީއެއް އަދި ޔޫއެންޑީޕީ މެދުވެރިކޮށް 1.4 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ޖަޕާނުން ވަނީ މީގެ ކުރިން ރާއްޖެއަށް ދީފަ އެވެ. އަދި އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު، މަތީ ތައުލީމު ހާސިލްކުރަން ހަ ދިވެހި ދަރިވަރުން ޖަޕާނަށް ފޮނުވަން ވެސް އެ ގައުމުން ވަނީ މި މަހު ކުރީކޮޅު އެއްބަސްވެފަ އެވެ. އެގޮތުން، ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި 24 ކުއްޖަކަށް މި ފުރުސަތު ދޭނެ އެވެ.