ލުއި ދިނުމުގެ ޕްލޭނާ އެއްގޮތަށް ކުރިއަށްދެވޭ ވަރަށް ކޮވިޑްގެ ނަންބަރުތައް ދަށްވެއްޖެ

ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭ އިން މިންގަނޑެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވާ "ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ" ހަތަރަކަށް ދަށްވެފައިވާ ކަމަށް އެންމެ ފަހުގެ ހިސާބުތަކުން ދައްކައިފި އެވެ. މި ސްކޯ އަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ބެހޭ ގޮތުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ދެވިދާނެކަން އަންގައިދޭ މިންވަރެވެ.


މިދިޔަ މަހު 12-18 އާ ދެމެދު މި ސްކޯ 9 އަށް އެރި އެވެ. އެއަށް ވުރެ އެންމެ ނަންބަރެއް މައްޗަށް ޖެހުނަސް، އެއީ ބަލި ކޮންޓްރޯލްކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ހިސާބު ކަމަށް އެޗްޕީއޭ އިން އޮންނަނީ ކަނޑައަޅައިފަ އެވެ. ލުއިތަކާ އެކު ކުރިއަށްދެވޭ ހިސާބަށް ނުވަތަ ”މޫވް އޭޒް އިން އީޒް ޕްލޭން“ މިންގަނޑަށް އިންޑިކޭޓާ ސްކޯ ދަށްވެފައި މި ވަނީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ 15 ވަނަ ހަފުތާ އިން ފެށިގެން (ޖުލައި 22 އިން ފެށިގެން) "ރެސްޓްރިކްޓިވް މެޝާސް" ގެ މިންގަނޑުގެ ތެރޭގައި ހުރުމަށް ފަހުގަ އެވެ.

އިންޑިކޭޓާ ސްކޯ 4 އަށް ދަށަށް މި ދިޔައީ 23 ވަނަ ހަފުތާގެ ތެރޭގަ އެވެ. އެއީ މި މަހުގެ 16-22 އާ ދެމެދުގަ އެވެ.

އެންމެ ފަހުން އެޗްޕީއޭ އިން އަޕްޑޭޓްކުރި މައުލޫމާތަށް ބަލާއިރު 23 ވަނަ ހަފުތާގައިވަނީ އަންލިކްޑް ކޭސް ނުވަތަ ބަލި ޖެހުނީ ކާކުގެ ފަރާތުންކަން ނޭނގޭ މީހުންގެ އަދަދު ހުންނަ ވަރު ވެސް އެންމެ ދަށް ލެވަލް ނުވަތަ އެލާޓް ލެވަލް 1 އަށް ދަށްވެފަ އެވެ. އެއީ 29 ކޭސްއާ އެކުގަ އެވެ. މިއީ ކޮމިއުނިޓީ ސްޕްރެޑް އޮތް މިންވަރު ވެސް އެންމެ ރަނގަޅަށް އަންގައިދޭ ނަންބަރެވެ.

ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ

ޑަބްލިން ރޭޓް ނުވަތަ ބަލި ޖެހޭ މީހުންގެ އަދަދު ދެ ގުނަ އަށް އިތުރުވާން ހޭދަވާ މުއްދަތު ވެސް 22 ވަނަ ހަފުތާގައި 76 ގައި ހުރުމަށް ފަހު 23 ވަނަ ހަފުތާގައިވަނީ 102 އަށް އަރައިފަ އެވެ. މާނަ އަކީ ބަލި ފެތުރުން ލަސްވެފައި ވުމެވެ.

ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް ވެސް 12.61 ޕަސެންޓުގައި ހުރުމަށް ފަހު 23 ވަނަ ހަފުތާގައި ވަނީ 10 ޕަސެންޓަށް ދަށްވެފަ އެވެ. ހޮސްޕިޓަލްގައި އެޑްމިޓްކުރި އަދަދު ވެސް 52 އިން 45 އަށް ވަނީ ދަށްވެފަ އެވެ.

ނަންބަރުތައް ދަށްވަމުން އައި ނަމަވެސް ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކާ މެދު ފަރުވާ ކުޑަކޮށްލައިފި ނަމަ އަނެއްކާވެސް ހާލަތު ގޯސްވެ ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ހިސާބަށް ހިނގައިދާނެ ކަމަށް އެޗްޕީއޭ އިން އަންނަނީ ތަކުރާރުކޮށް ހަނދާންކޮށްދެމުންނެވެ. ބަލި ޖެހޭ މީހުންގެ އަދަދު ކުޑަކޮށް ދަށްވުމާ އެކު، ފަރުވާ ކުޑަކުރާކަން ފާހަގަވާ ކަމަށް ވެސް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ.

މިއަދަކީ ރާއްޖޭން ކޮވިޑް-19 ފެނުނުތާ 205 ވަނަ ދުވަހެވެ. މިއަދުގެ އިރުއޮއްސި 6:00 އާ ހަމަ އަށް ޕޮޒިޓިވް އާ 59 ކޭހާ އެކު 10،157 މީހަކަށް ބަލި ޖެހިފައި ވާއިރު 8،950 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ބަލީގައި މިހާތަނަށް މަރުވީ 34 މީހުންނެވެ. އެހެންވެ ބަލި ޖެހިފައި މިހާރު ތިބި މީހުންގެ އަދަދަކީ 1،166 އެވެ. އެހެންވެ މިހާރު ވަނީ ބަލި ޖެހުނު މީހުންގެ ތެރެއިން 88.12 ޕަސެންޓް މީހުން ރަނގަޅުވެފަ އެވެ. މިހާތަނަށް ބަލި ޖެހުނު މީހުންގެ ތެރެއިން 6،415 މީހުންނަކީ ދިވެހިންނެވެ. ދެން އެންމެ ގިނައީ ބަންގްލާދޭޝް މީހުންނެވެ. އެއީ 2،814 އެވެ.