ޔާމީން މިނިވަންކުރަން އިންޑިއާގެ އެހީ ހޯދަން މަޝްވަރާއެއް ނުކުރަން: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭ ބަންދަށް ބަދަލު ކުރަން އިންޑިއާއާ އެކު އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.


ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީން ގެއަށް ބަދަލު ކުރަން އިންޑިއާގެ އެހީއަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އެދިފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެ ކޯލިޝަނުން ރޭ ނެރުނު ބަޔާނުގައިވަނީ އެއީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ. އަދި އެކަމުގައި އިންޑިއާ އެމްބަސީއާ މަޝްވަރާ ކުރުމާ މެދު އެ ކޯލިޝަންގެ އިސްވެރިން މަޝްވަރާ ކޮޮށްފައި ނުވާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ޔާމީން އަމިއްލަފުޅު މަގްސަދެއް ހާސިލް ކުރެއްވުމަށްޓަކައި ގައުމަށް އެމަނިކުފާނު ޣައްދާރުވެ ވަޑައެއް ނުގަންނަވާނެ އެވެ. އަދި ޔާމީނާ ބެހޭގޮތުން އެފަދަ ވާހަކަތައް ދައްކަނީ އެމަނިކުފާނާއި އެ ކޯލިޝަންގެ އަގު ވައްޓާލަން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ފަސް އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކުރި ހުކުމުގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުގައި ނިމި، މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ. އެކަމަކު އިތުރު ދައުވާތަކެއް އެމަނިކުފާނުގެ މައްޗަށް މިހާރު ވަނީ ކްރިމިނަލް ކޯޓުގައި އުފުލައިފަ އެވެ.