ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް ޕްރޮގްރާމެއް ހިންގަން ސޮއިކޮށްފި

ރާއްޖޭގައި "ބަލިމަޑުކަމުގެ ހާލަތުގައި ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް" ޕްރޮގްރާމެއް ހިންގުމަށް، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ޔޫރަޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލަޔަންސް (އެއިފެކް) އާ ދެމެދު އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.


އެ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި، އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފާއި އައިފެކްގެ ޑިރެކްޓާ ޖެނެރަލް ޗާލްސް އެމް ގައިކޯމާ އެވެ.

އެއިފެކް އަކީ ބައިނަލްއަގުވާމީ ސަލާމަތަށް ނުރައްކާ ކުރިމަތިކުރުވާ ނިއުކްލިއާ، ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އިތުރުވުން، ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން (ޑަބްލިއުއެމްޑީ)، ފިޔަވަޅުއެޅުން (އެކްސްޕޯޓު ކޮމްޕްލަޔަންސް) ފަދަ ކަންކަމާ ގުޅޭގޮތުން އަމަލުކުރަންޖެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅާ އޯގަނައިޒޭޝަނެވެ.

ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް ޕްރޮގްރާމް ހިންގުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީ އަދި އައިފެކްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އިޓަލީގެ ޔުނިވާސިޓީ އޮފް ޓިއުރިންއާ ވެސް ގުޅިގެން ހިންގާ ޕްރޮގްރާމުގައި އެ މިންގަނޑުތަކަށް އާއްމުން ހޭލުންތެރިކޮށް އެ ފެންވަރު ހިފެހެއްޓުމަށް ޓްރެއިނިން ހިންގާ އެކަމާ ގުޅޭ ދިރާސާކުރާނެ އެވެ. މީގެ އިތުރުން އެ ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް އެއިފެކްގެ ސެޓްފިކެޓް ދޭނެ އެވެ. ޗާލްސް ވިދާޅުވި ގޮތުގައި، ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖެއަށް ޓޫރިސްޓުންގެ އިތުބާރު ހޯދަން އިންޓަނޭޝަނަލް ފެންވަރުގެ އެ ސެޓްފިކެޓް ހޯދުން މުހިއްމުވާނެ ކަމަށެވެ.

އެއިފެކް އިން ވަނީ ބައިނަލްއަގުވާމީ ކުއްލި ހާލަތާ ބެހޭ މިންގަނޑުތަކުގެ އާ ސިލްސިލާ ތަރައްގީކޮށްފަ އެވެ. އެ މިންގަނޑުތަކުގެ ސަބަބުން އޯގަނިޒޭޝަންތަކަށް ކޮވިޑާ ދެކޮޅަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތްކުރަން މަގުފަހިވުމާއި މީހުންގެ އާއްމު ދިރިއުޅުމުގައި ރައްކާތެރިވުމަށާއި ސިއްހަތު ރަނގަޅުވުމަށް އެހީތެރިވެދޭނެ އެވެ.