ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ ދެ ބޭފުޅުން

ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލީ ދެ ބޭފުޅުން ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.


ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވުމުން އެ މަގާމަށް ކުރިމަތިލާން ޖޭއެސްސީން ކުރިން އޮތީ ހުޅުވާލައިފަ އެވެ. އެ މުއްދަތު މިދިޔަ އަންގާރަ ދުވަހު ވަނީ ހަމަވެފަ އެވެ.

ޖޭއެސްސީން ބުނީ ދެ މަގާމަށް ވެސް ކުރިމަތިލީ ދެ ބޭފުޅުން ކަމަށެވެ. އެކަމަކު އެއީ ކޮން ބޭފުޅުންނެއް ކަމެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ޖޭއެސްސީން އަލަށް އެކުލަވާލި އުސޫލު ބުނާގޮތުން އިސް ފަނޑިޔާރުން އައްޔަން ކުރާނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ފަހު ފަނޑިޔާރުންގެ ތެރެއިން އެ މަގާމަށް ކުރިމަތިލާ ބޭފުޅުންނާ އިންޓަވިއު ކުރުމަށް ފަހު އެވެ. ކޮންމެ ކޯޓެއްގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލެވޭނީ އެ ކޯޓެއްގެ ފަނޑިޔާރުންނަށް އެކަންޏެވެ.

ހައި ކޯޓާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމު ހުސްވީ ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ފަނޑިޔާރު ޝުޖާއު އުސްމާނާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި އަހުމަދު ހައިލަމް އިސްތިއުފާ ދެއްވުމުންނެވެ. އެ ބޭފުޅުން އިސްތިއުފާ ދެއްވުމުން އެ ދެ ކޯޓު ހިންގުން ވަގުތީ ގޮތުން އެހެން ފަނޑިޔާރުންނާ ވަނީ ހަވާލުކޮށްފަ އެވެ.