މަހްލޫފްގެ އާދޭސް: މިއީ އުފާވެރި މަންޒަރެއް، އެއްބާރުލުންދީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ކުރާ އަނިޔާ ހުއްޓުވަން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މަސައްކަތްޕުޅު ކުރެއްވުމަކީ "ވަރަށް އުފާވެރި މަންޒަރެއް" ކަމަށް ވިދާޅުވެ އިސްލާހީ އެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އާއްމުން އެއްބާރުލުމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ގޮވާލައްވައިފި އެވެ.


ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ކުށުގައި ޖަލަށް ލާފައިވާ މަހްލޫފް ނެރުއްވި ބަޔާނެއްގައި، ރައީސް ޔާމީންގެ ސަރުކާރަށް ކުރައްވާ ތާއީދު މައުމޫން އަނބުރާ ގެންދެވުމުން އުފާކުރައްވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނަށް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ. ގައުމުު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރަން ހުރިހާ ފަރާތްތަކާ ގުޅިގެން މަސައްކަތްޕުޅު ކުރައްވަން ތައްޔާރަށް ހުންނެވިކަން މައުމޫން އިއުލާންކުރައްވާފައިވާތީ ވެސް މަހްލޫފް ޝުކުރު އަދާކުރެއްވި އެވެ.

މަހްލޫފް ވިދާޅުވީ މި ސަރުކާރުން ގާނޫނުތައް މުގުރައި އެއްވެ އުޅުމާއި ހިލާފު ފާޅުކުރުން ހުއްޓުވައި ސިޔާސީ ލީޑަރުން ޖަލަށް ލައި، ކޯޓުތައް މެދުވެރިކޮށް ސިޔާސީ ޕާޓީތައް ފޭރިގަނެ މިނިވަން މުއައްސަސާތަކުގެ ބޭނުން ނަހަމަ ގޮތުގައި ދަނީ ހިފަމުން ކަމަށެވެ. މަޖިލީހުގެ މެމްބަރުންނަށް ބިރުދައްކައި ގާނޫނުއަސާސީއާ ހިލާފު ގާނޫނުތައް ފާސްކުރުވައި އަދުލު އިންސާފުގެ ނަމުގައި ބޭއިންސާފު އަނިޔާ އާއްމުކޮށް، ކޮރަޕްޝަން އިންތިހާ އަށް މަތިކޮށް އަދި ކާޑުގެ އަގު ބޮޑުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންނާ ދޭތެރޭ މިހާ އަނިޔާވެރިކޮށް ކަންކަން ކުރަމުން ދަނިކޮށް، ނަޝީދާއި މައުމޫންގެ އިސްލާހީ މަސައްކަތްޕުޅަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން އިޖާބަ ދީފައިވާތީ މަހްލޫފް ވަނީ އެކަން ފާހަގަކުރައްވައިފަ އެވެ. އަދި ނަޝީދާއި މައުމޫންގެ އިސްލާހީ މަސައްކަތަށް ދެއްވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން މަހްލޫފް ދެއްވި އެވެ.

"ކުލަ އާއި ސިޔާސީ ފިކުރުގެ ވާދައިގައި ވޭތުވެދިޔަ 12 ވަރަކަށް އަހަރު ބައިބައިވެފައި އޮތް މުޖުތަމައު، ގައުމުު އިސްލާހުކޮށް ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދީ ސުލްހަވެރިކަމާއި ހަމަޖެހުން ގެނައުމަށް އެއް މަންޒިލަކަށް އަމާޒު ހިފާފައިވާ ކަމީ އުފާވެރި މަންޒަރެކެވެ،" އޭނާ ވިދާޅުވި އެވެ.

މި ވަގުތަކީ، މަހްލޫފް ވިދާޅުވި ގޮތުގައި، އެކި ރަށްތަކުގައި ފިޔާތޮށްޓާއި ރީނދުލާއި ފެހި އަދި ރަތް ކުލައިގެ ޖަގަހަތަކުގައި ތިބި ރައްޔިތުންގެ ހިޔާލު ތަފާތުވުންތައް ދޫކޮށް އުފާވެރި ހިނިތުންވުމަކާ އެކު އެކުވެރިކަމުގެ އަތް ދިއްކޮށް، ސަލާމް ކުރަންވީ ވަގުތެވެ. ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެއްބަނޑު އެއްބަފާ ކަމުގެ ރޫހު އާލާކުރަންވީ ވަގުތު ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއީ ބަދަހި ސަފުތަކެއްގެ ގޮތުގައި އަނިޔާވެރި ވެރިކަމާ ދެކޮޅަށް ތެދުވަންވީ ވަގުތެވެ. ރައްޔިތުން އެދޭ ތަރައްގީ އާއި އިންސާފާއި ހަމަހަމަކަން، މިނިވަންކަމާއި ހައްގުތަކުގެ އިތުރުން ހިތްހަމަޖެހުމަށް އެދޭ ނަަމަ މި ފުރުސަތުގެ ބޭނުން ހިފުމަށް މަހްލޫފް ގޮވާލެއްވި އެވެ.

މަހްލޫފް: އިސްލާހީ މަސައްކަތުގައި ރައްޔިތުންގެ މަޖިލިސް މެމްބަރުން އެއްބާރުލުން ދެއްވަން އެދިވަޑައިގެންނެވި.

"ގައުމުގެ މަސްލަހަތަށްޓަކާ ވެސް އެމްޑީޕީއާ ކުރާނެ މަޝްވަރާއެއް ނޯންނާނެ ކަމަށް ރައީސް ޔާމީން ދާދި ފަހުން ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވި ނަމަވެސް ދިވެހިރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ދިވެހި ރައްޔިތުން އުފައްދާފައިވާ ސިޔާސީ ޕާޓީތަކާ އެކު ގުޅިގެން މަޝްވަރާކޮށް މައްސަލަތައް ހައްލު ކުރުމަށް ވުރެ މޮޅު ގޮތެއް ހަމަ ގައިމު ވެސް އަޅުގަނޑަކަށް ނުފެނެ އެވެ،" މަހްލޫފް ވިދާޅުވި އެވެ.

"މި އަނިޔާ އެހެން މެމްބަރަކަށް ލިބޭކަށް ނޭދެން"

ޕީޕީއެމްގެ މެމްބަރުންތަކެއް ރައީސް ޔާމީނާ ދެކޮޅަށް ތެދުވެވަޑައިގަތުމުން އުފާކުރައްވާ ކަމަށް ވިދާޅުވެ، މަހްލޫފްގެ ބަޔާނުގައި މަޖިލީހުގެ މެމްބަރުންނަށް ހާއްސަ މެސެޖެއް ދެއްވާފައިވެ އެވެ.

ރައީސް ޔާމީނާ ދެކޮޅަށް ތެދުވެވަޑައިގަތް މެމްބަރުންގެ ކިބައިން ހިތްވަރު ލިބިވަޑައިގެން އެހެން މެމްބަރުން ވެސް ރައީސް ޔާމީނާ ދެކޮޅަށް ތެދުވަން އޭނާ ގޮވާލައްވާފައިވެ އެވެ.

މަހްލޫފް ވިދާޅުވީ ޖަލުގެ ކުޑަ ގޮޅީގައި ހިތްދަތި ދުވަސްތަކެއް އޭނާ އަށް ގުނަން ޖެހިފައި ވަނީ، މަޖިލީހަށް ރައްޔިތުން އިންތިހާބުކޮށްފައި ތިބި މެމްބަރުންގެ ބާރުތައް ރައީސް ޔާމީންގެ އަމުރަށް ކޮށައި ކުދިކޮށް، ބާރުތައް ކަނޑައި ނިކަމެތިކޮށްލުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

"އެހެން އެއްވެސް މަޖިލިސް މެމްބަރަކަށް މި އަނިޔާ ލިބެން އަޅުގަނޑު ނޭދުމަށް އެދި ދުއާ ކުރާ ހާލު މަޖިލިސް މެމްބަރުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރުތަކާއި ހައްގުތައް ތިޔަ މެމްބަރުންގެ ކަނާތުން ވައަތުގައި ޖައްސަވާ ބުރިކޮށް ނުލެއްވުމަށް އަޅުގަނޑު އާދޭސް ދަންނަވަމެވެ،" މަހްލޫފް ވިދާޅުވި އެވެ.

ޖަލުގައި އޭނާ މިއަދު ހުކުމް ތަންފީޒުކުރައްވާއިރު، ރައީސް ޔާމީނާ އެންމެ އަރިހުގައި ހުންނަވާ މެމްބަރު މާދަމާ ޖަލުގައި އޮންނަވަން ޖެހިވަޑައިގަތުމަކީ ގާތް ކަމެއް ކަމަށް މަހްލޫފް ވިދާޅުވި އެވެ.

ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދެ ދައުވާއެއް ސާބިތުވެ، 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މަހްލޫފަށް ކްރިމިނަލް ކޯޓުން އިއްވާފައިވާއިރު އެ ދެ މައްސަލަ ވެސް މަހްލޫފްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. މަހްލޫފް މިވަގުތު ތަންފީޒު ކުރަމުން ދަނީ އެންމެ ފުރަތަމަ އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.