އެކަށީގެންނުވާ ވަރަށް ދަރަނި ބޮޑުވާންފެށީ 2016 ގައި: އޮޑިޓް ރިޕޯޓް

ރާއްޖޭގެ ދަރަނި ޖީޑީޕީއާ އަޅާބަލާއިރު އެކަށީގެން ނުވާ ވަރަށް ބޮޑުވާން ފެށީ 2015ގެ ފަހުން ކަމަށާއި 2018 ވަނަ އަހަރު ނިމުނު އިރު ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 71 ޕަސެންޓްގައި ކަމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވި އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.


ރައްޔިތުންގެ މަޖިލީހުން އެދިގެން އޮޑިޓް އޮފީހުން ހެދި ދަރަނީގެ އޮޑިޓް ރިޕޯޓް މަޖިލީހަށް މިއަދު ފޮނުވުމަށް ފަހު އާއްމުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ދައުލަތުން ގެރެންޓީ ދީގެން ނަގާ ލޯނުތައް ވެސް ހިމެނޭ ގޮތުން ދައުލަތުގެ ދަރަނި ހުންނަން ޖެހޭނީ ޖިޑީޕީއާ އަޅާބަލާއިރު 60 ޕަސެންޓަށް ވުރެ ދަށުގަ އެވެ. އަދި އެ ނިސްބަތް 2014 ވަނަ އަހަރު ހުރީ 57 ޕަސެންޓްގައި ކަމަށާއި ނަމަވެސް 2018 ވަނަ އަހަރުގެ ނިޔަލަށް އެ ނިސްބަތް 71 ޕަސެންޓަށް އަރާފައިވާ ކަމަށް ވެސް އެރިޕޯޓުން އެނގެ އެވެ.

ރިޕޯޓްގައިވާ ގޮތުން، 2015 ވަނަ އަހަރު ރާއްޖޭގެ ދަރަނި ހުރީ ޖީޑީޕީއާ އަޅާބަލާއިރު 56 ޕަސެންޓްގަ އެވެ. އެކަމަކު ޖެހިގެން އައި އަހަރު 64 ޕަސެންޓަށް އެރި އެވެ. އެއަށް ފަހު 63 ޕަސެންޓަށް ދަށްވުމަށް ފަހު 2018 ވަނަ އަހަރު ދަރަނީގެ ނިސްބަތް ހުރީ ޖީޑީޕީއާ އަޅާ ބަލާއިރު 71 ޕަސެންޓްގަ އެވެ.

ރާއްޖޭގެ ދަރަނި އެގޮތަށް މެނޭޖް ނުކުރެވި ދިޔަ މައިގަނޑު ސަަބަބެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ބަޖެޓް ޑެފިސިޓް އެކަށީގެންވާ ގޮތެއްގައި ހިފެހެއްޓިފައި ނުވުމެވެ. އެގޮތުން މިދިޔަ ގިނަ އަހަރުތަކުގައި ބަޖެޓް ޑެފިސިޓްވި މިންވަރު ވަނީ މަޖިލީހުން އެޕްރޫވްކުރިވަރަށް ވުރެ ބޮޑުވެފަ އެވެ. މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ބަޖެޓް ޑެފިސިޓްވާނެ ކަމަށް ލަފާކުރި ވަރަށް ވުރެ ޑެފިސިޓް ބޮޑުނުވެ އޮތީ އެންމެ އަހަރަކު އެވެ. އެއީ 2014 ވަނަ އަހަރު އެވެ. އެ އަހަރު ބަޖެޓް ޑެފިސިޓްވާނެ ކަަމަށް ލަފާކޮށްފައި އޮތީ 1.29 ބިލިއަން ރުފިޔާއިންނެވެ. އެކަމަކު ޑެފިސިޓްވީ 1.25 ބިލިއަނުންނެވެ. ޖެހިގެން އައި 2015 ވަނަ އަހަރު ލަފާކުރިވަރަށް ވުރެ ދެތިން ބިލިއަން އިތުރަށް ބަޖެޓް ޑެފިސިޓްވި އެވެ. އެއަހަރު ބަޖެޓް ޑެފިސިޓްވާނެ ކަމަށް ލަފާކުރީ 1.5 ބިލިއަން ރުފިޔާއިންނެވެ. އެކަމަކު 4.1 ބިލިޔަން ރުފިޔާއިން އެ އަހަރު ޑެފިސިޓްވި އެވެ. އަދި 2016 ވަނަ އަހަރު ޑެފިސިޓްވާނީ 3.1 ބިލިއަނުން ކަމަށް އަންދާޒާކުރި ނަމަވެސް 6.7 ބިލިއަނުން ބަޖެޓް ޑެފިސިޓްވި އެވެ.

ދައުލަތުގެ ބަޖެޓް 2017 ވަނަ އަހަރަށް ހެދީ ގާތްގަނޑަކަށް އަރަނި ބަޖެޓަކަށް އަމާޒު ހިފައިގެންނެވެ. އެ އަހަރު ޑެފިސިޓްވާނެ ކަމަށް ލަފާކުރީ އެންމެ 304 މިލިއަން ރުފިޔާ އިންނެވެ. އެކަމަކު އެ އަހަރު ވެސް 2.2 ބިލިއަނުން ބަޖެޓް ޑެފިސިޓްވި ކަމަށް އޮޑިޓް ރިޕޯޓުން ދައްކަ އެވެ.

ބަޖެޓް ޑެފިސިޓް ވަކިވަރެއްގައި ހިފަހަައްޓަން ޖެހޭ

ޖީޑީޕީއާ އަޅާބަލާއިރު އެކަށީގެން ނުވާ ވަރަށް ރާއްޖޭގެ ދަރަނި ބޮޑުވާ މައްސަލަ ހައްލުކުރަން އެޅިދާނެ ކަމަށް ފެންނަ މައިގަނޑު ތިން ފިޔަވަޅެއް އޮޑިޓާ ޖެނެރަލްގެ ރިޕޯޓްގައި ހިމަނުއްވާފަައިވެ އެވެ. އެގޮތުން ކުރަން ލަފާދީފައިވާ ފުރަތަމަ ކަމަކީ ފިސްކަލް ޕޮލިސީއާ އެއްގޮތަށް ބަޖެޓް ރެވެނިއު ބިލްތައް ހަދައި އިމްޕްލިމެންޓް ކުރެވޭނެ ގޮތްތައް ކުރިން ހަމަޖައްސާފައި ނުވާ ގޮތްގޮތުން ފައިސާ ނުހޯދުމެވެ. އަދި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމްގެ ތެރެއިން ހިންގަން ކަނޑައަޅާފައިވާ މަޝްރޫއުތަކަށް، ފައިސާ ހޯދަން ހަމަޖެއްސި ގޮތްތަކުގެ ތެރެއިން ފައިސާ ނުލިބެނީ އެފަދަ މަޝްރޫއުތައް ނުފަށަން ވެސް ލަފާދީފައިވެ އެވެ.

ބަޖެޓްގައި ވަކި ކަމަކަށް ކަނޑައަޅާފައިވާ ފައިސާ އެހެން ކަމަކަށް ގެންދިއުމުގައި އަމަލުކުރާނެ ގާނޫނުތައް ހަދައި އެކަން ރަނގަޅަށް ރެގިއުލޭޓް ކުރުމަކީ ވެސް ޑެފިސިޓް ވަކިވަރެއްގައި ހިފެހެއްޓުމަށް ރިޕޯޓްގައި ދީފައިވާ ލަފައެކެވެ. ފަހު ކަމެއްގެ ގޮތުން ދީފައިވާ ލަފަޔަކީ ބޮރޯވިން ޕްލޭން ހަދައިގެން ކޭޝްފްލޯ މެނޭޖްކުރުމާއި ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 31 ގެ ފަހުން ހަދާ އެއްވެސް ޓްރާންސެކްޝަރެއް އެ އަަހަަރަށް ރެކޯޑް ނުކުރުމެވެ.