ޕާކު ކުރުމަށް ހަތް އިމާރާތް މާލޭގައި އަޅަނީ

ޖާގަފުރި، ތޮއްޖެހިފައިވާ މާލެއަށް ދިމާވެފައިވާ ވެހިކަލް ޕާކު ކުރުމުގެ މައްސަލައަށް ހައްލެެއް ގެނައުމަށް މާލޭގެ ހަތް ސަރަހައްދެއްގައި ޕާކިން އިމާރާތްތަކެއް އެޅުމަށް ނިންމައިފި އެވެ.


އެނގިފައިވާ ގޮތުގައި ޕްލޭނިން މިނިސްޓްރީން ވަނީ، ހ. ހީނާމާގޭ ބިމުގައި ހަތަރު ބުރީގެ ޕާކިން އިމާރާތެއް މިއަހަރު އެޅުމަށް ނިންމައިފަ އެވެ. އަދި މި ފަދަ އުސް އިމާރާތްތަކެއް މާލޭގެ އެކި ތަންތަނުގައި އެޅުމަށް އެ މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ މިރޭ ވިދާޅުވީ، ހީނާމާގޭގައި އަޅާ ޕާކިން ބިލްޑިންގައި ގާތްގަނޑަކަށް، ހަތަރު ފުރޮޅުލީ 400އެއްހާ އުޅަނދު ޕާކު ކުރެވޭނެ ކަމަށެވެ. އެކަމަކު އެތަނުގައި ސައިކަލަށް ވެސް ޕާކު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިން މައްސަލަ ހައްލު ކުރުމަށް، ކުރީގެ ސަރުކާރުން އެތަނުގައި މެކޭނިކަލް ޕާކިން ސިސްޓަމެއް ވެސް ބެހެއްޓި އެވެ. އެކަމަކު އެތަކެތި ބޭނުން ނުކުރެވި، ދަބަރަށް ވާން ފެށުމުން މި ސަރުކާރުން ވަނީ އެ ސިސްޓަމް ނަގައި، އެ ބިން އާއްމުންނަށް ހުޅުވާލާފަ އެވެ.

ހީނާމާގެ އިތުރުން ވެލާނާގެ ކައިރި އަދި ގާކޮއްޓާއި ވިޔަފާރިވެރިންގެ ޖަމިއްޔާގެ މިސްކިތް ކައިރީގައި ވެސް އެ ފަދަ ސިސްޓަމްތަކެއް ކުރިން ބެހެއްޓި އެވެ.

ހީނާމާގޭ ބިމުގައި ޕާކިން އިމާރާތެއް އެޅުމަށް މި އަހަރު ކުރީކޮޅު ވެސް މަޝްވަރާ ކުރި އެވެ. އެކަމަކު ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި ބަޖެޓްގެ ތާށިކަން ކުރިމަތިވެ، އެކަން ލަސްވީ އެވެ.

"އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވާ ގޮތުން ހީނާމާގޭ ބިލްޑިންގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. އެކަމަކު ނިމޭނެ ތާރީހެއް ދަންނަވާކަށް ނޭނގޭ،" ޝިމާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހީނާމާގޭގެ އިމާރާތަށް ފަހު މާލޭގެ އެހެން ސަރަހައްދުތަކުގައި ވެސް ޕާކިން އިމާރާތް ހެދުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އަދި އެކި ސައިޒުގެ އެ ހުރިހާ އިމާރާތެއްގައި ވެސް، ކާރާއި ސައިކަލަށް ޕާކު ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި، ޕާކު ކުރުމަށް މާލޭގައި 11 ޕާކިން ޒޯނެއް ވަނީ ހަދައިފަ އެވެ. މިދިޔަ އެއް އަހަރު ތެރޭ ހެދި ޕާކިން ޒޯންތަކުގެ ތެރޭގައި ހިމެނެނީ 80-400އާ ދެމެދުގެ އުޅަނދުތައް ޕާކްކުރެވޭނެ ޖާގަ ހުރި ޒޯންތައް ކަމަށް ކައުންސިލުން ބުނެފައި ވެ އެވެ. ބައެއް ޕާކިން ޒޯނުތައް ހަދާފައިވަނީ އެ ޒޯނެއް ހަދާ ހިސާބެއްގެ މަގުމަތީ އޮންނަ ޕާކިން ޒޯނު ނެގުމަށް ފަހުގަ އެވެ.