ރައީސް މާދަމާ ގައުމާ މުޚާތަބުކުރައްވާނެ

ގައުމީ ދުވަހުގެ މުނާސަބާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަނާ ގައުމާ މުޚާތަބުކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.


ރައީސްގެ ތަރުޖަމާނު އިބްރާހީމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޚަބަރުފަތުރާ ވަސީލައްތައް މެދުވެރިކޮށް، ރައީސް ގައުމާ މުޚާތަބުކުރައްވާނީ މާދަމާ ހެނދުނު 10:00 ގައި ކަމަށެވެ.

ގައުމީ ދުވަހުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަނީ ރަބީއުލް އައްވަލު މަހުގެ ފުރަތަމަ ދުވަހެވެ. އެއީ ޕީޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރި ދުވަހެވެ. އެދުވަހުގެ ބަތަލު، ބޮޑުތަކުރުފާނުގެ އުފަން ރަށް ހއ. އުތީމުގައި ގައުމީ ދުވަސް ފާހަކުރަން ހާއްސަ ޖަލްސާއެއް ބާވަން ހޯމް މިނިސްޓްރީން އަންނަނީ ތައްޔާރުވަމުންނެވެ. އެ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވާހަކަ ދައްކަވަނީ ވާޗުއަލްކޮށެވެ. އޭގެ ފަހުން ރައީސްގެ ހިތާބު ދައްކާނެ އެވެ.

ގައުމީ ދުވަހުގެ މުނާސަބާގައި ދިދަނެގުމުގެ ރަސްމިއްޔާތެއް މާލޭގައި ބާއްވަން ވެސް ހޯމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ރާއްޖޭގައި ގައުމީ ދުވަސްތައް ފާހަގަކުރަން މީގެ ކުރިން ބާއްވާ ފަދަ ރަސްމިއްޔާތުތައް މިހާރު ނުބޭއްވެނީ ކޮވިޑް-19 އާ ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ސަބަބުން، ގިނަ މީހުން އެއް ތަނަށް އެއްވެ އުޅުން މަނާވުމުންނެވެ.