އިޖްތިމާއީ މައްސަލަތަކުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ ބިރު މާ ބޮޑު: އިމްރާން

ބޭރުން ބަޔަކު ގައުމު އަޅުވެތިކުރަން އައުމަށް ވުރެ މުޖުތަމައު ތެރޭގައި އުފެދިފައިވާ މައްސަލަތަކުގެ ސަބަބުން ގައުމުގެ މިނިވަންކަމާއި އަމަންއަމާންކަން ގެއްލުމުގެ ބިރު މާ ބޮޑު ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.


ގައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި ބޭއްވި ހަފްލާގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިވަންކަމާ މެދު ވިސްނާ އިރު ދިވެހިންގެ ވިސްނުން ހުރި މާ ދުރަށް ކަމަށެވެ. އޭގެ ބަދަލުގައި މުޖުތަމައު ތެރެއަށް ވިސްނަން ޖެހޭ ކަމަށާއި، ގިނަ ފަހަރަށް ގާތުގައި ހުރި މައްސަލަތަކަށް ސަމާލުކަން ނުދެވޭ ކަމަށް ވިދާޅުވި އެވެ.

އެގޮތުން މިހާރު ދިވެހި ގައުމިއްޔަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުންތަކަކީ ޒުވާނުންގެ ތެރޭގައި ފެތުރިފައިވާ މަސްތުވާތެކެތީގެ ވަބާ އާއި، ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާގެ އިތުރަށް އިސްލާމީ އަގީދާއިން ޒުވާނުން ބީރައްޓެހިވުން ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ބޭރު ދުނިޔެއިން މި ގައުމު ސިފަކުރާނީ މުޖުތަމައުގައި ހުރި މިފަދަ ކަންކަމުން ކަމަށެވެ. އެކަންކަން ހައްލުކޮށްގެން ނޫނީ ގައުމަށް ތަރައްގީ އާއި ކުރިއެރުން ނުލިބޭނެ ކަމަށް ވިދާޅުވެ އިމްރާން ވަނީ އެ ކަންކަމާ ދެކޮޅަށް އެންމެން އެކީ މަސައްކަތް ކުރުމަށް ގޮވައިލައްވައިފަ އެވެ.

"ދުރުން ބޭރުން އަރައިގެން އައިސް އަޅުގަނޑުމެން އަޅުވެތިކޮށްފާނެ ބައެއްގެ ބިރަށްވުރެ މި ވަގުތު އަޅުގަނޑުމެން އަޅުވެތިވެފައި މިވަނީ މިދެންނެވި އިޖުތިމާއީ އަހުލާގީ ވަބާތަކަށް. އެހެންކަމުން އަޅުގަނޑު އެންމެހާ ފަރާތްތަކުގެ ކިބައިން މިއެދެނީ މިކަމާ މެދު ވިސްނާ ފިކުރުކޮށް މި މައްސަލަތައް ހައްލުކުރުމަކީ އަމިއްލަ ފަރުދީ، ގައުމީ ޒިންމާއެއް ކަމުގައި ގަބޫލުކޮށްގެން އެ މަގަށް މަސައްކަތް ކޮށްދެއްވުމަށް،" އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި ދުނިޔެ ބަވަނަވެ ބަދަލުވަމުން އަންނަ ހަލުވިމިނަށް ބަލާއިރު، ދުނިޔޭގެ ގައުމެއްގެ ގޮތުން ރާއްޖެ އެ ބަދަލުތަކަށް ހުށަހެޅިފައިވާ ވަރާ މެދު ވިސްނާލާއިރު މިހާރު ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިއާ ބަލައި ވަރަށް ތަފާތެވެ. އެގޮތުން ދީނާއި ގައުމަށް ދިމާވަމުން އަންނަ އާ އަދި ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ވިސްނުން ބަދަލުކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު އިމްރާން ވިދާޅުވެފައި ވެއެވެ.