މާލީ ތަނަވަސްކަން ހޯދަން ގާނޫނީ ދާއިރާއަށް ވަނުމަކީ ގޯސް ވިސްނުމެއް: އުއްތަމަ ފަނޑިޔާރު

ވަކީލުންނަކީ ހަމައެކަނި މާލީ ތަނަވަސްކަން ހޯދަން ބަޔަކަށް ވެގެން ނުވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެ އެވެ.


ބާ ކައުންސިލުން ފުރަތަމަ ފަހަރަށް ވަކީލުން ހުވާ ކުރަން ރޭ ބޭއްވިި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކީލުންނަކީ ހަމައެކަނި މާލީ ތަނަވަސްކަމަށް މަސައްކަތްކުރާ ބައެއް ކަމަށް ބުނެ ތުހުމަތުތައް އަމާޒުވާ ކަމަށެވެ. އަދި މާލީ ފައިދާ ހޯދުމުގެ ވިސްނުމުގައި ވަކީލުންގެ ދާއިރާއަށް ވަނުމަކީ ގޯސް ވިސްނުމެއް ކަމަށާއި އޭގެ ސަބަބުން އެ ދާއިރާގައި ކުރިއެރުމުގެ ފުރުސަތު ގެއްލިގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އެ ނިޔަތުގައި މި ފަންނަ ވަންނަ މީހާ ވެގެން ދާނީ ނާކާމިޔާބު މީހެއްގެ ގޮތުގައި." އޮންލައިންކޮށް ބޭއްވި އެ ރަސްމިއްޔާތުގައިި އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވަކީލުންނާ މެދު ހިތްހަމަނުޖެހޭ ގިނަ ބަޔަކު އަބަދުވެސް ތިބޭނެ ކަމަށާއި އެއީ ދުނިޔޭގައި ކަން ހިނގާ ގޮތް ކަމަށް ވިދާޅުވި އެވެ. އެގޮތުން ވަކީލުންނަކީ މުޖްތަމައުއާ ދެކޮޅަށް މަސައްކަތް ކުރާ ނުވަތަ މާލީ ތަނަވަސްކަމަށް މަސައްކަތްކުރާ ބައެއް ކަމަށް ބުނެ، މުޖްތަމައުގެ ތެރޭގައި ބަހުސްތައް ހިނގަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އަދި އެއީ ހަގީގަތެއް ނޫން ކަމަށް ވިޔަސް، އޭގެ އަސަރު އެ ދާއިރާއަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ގިނަ މުޖްތަމައުތަކުގައި ގާނޫނީ ވަކީލުން ތަސައްވުރު ކުރެވިފައިވަނީ މުޅި މުޖްތަމައުގެ މަންފާއަށް މަސައްކަތްކުރާ ބަޔަކަށް ވުރެ ބޮޑަށް އެ ބައެއްގެ މުއްސަނދިކަމާއި މާލީ ތަނަވަސްކަން އިތުރުކުރާ މަސައްކަތްކުރާ ބައެއްގެ ގޮތުގައި. ހަގީގަތަކީ އެއީ ކަމުގައި ނުވި ނަމަވެސް، ކަމަކާ މެދު މީހުން ގަބޫލުކުރާ ގޮތަކީ އޭގެ ޒާތުގައި މުހިންމު ރޯލެއް އަދާކުރާނެ ކަމެއް." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ވަކީލު ކަމަކީ ހައްގަކަށް ވުރެ ވަރަށް ބޮޑު ޝަރަފެކެވެ. އެހެންވެ، މަސައްކަތުގެ އަހްލާގް ވަރަށް ބޮޑަށް ހިފަހައްޓަންޖެހޭ ކަމަށާއި ނުބައި ތަސައްވުރު ރަނގަޅު ކުރެވޭނީ ވަކީލުން އެ ޒިންމާ އަދާ ކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވަކީލުން އެހެން މީހުންގެ ހަައްގުތަކަށް ރައްކާތެރިވެ، ނަޒާހަތްތެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މުވައްކިލުންނާއި މުޖްތަމައުގެ ހައްގުގައި މަސައްކަތް ކުރުމުގެ ޒިންމާ. އެގޮތުގައި މަސައްކަތް ނުކުރެވޭ ނަމަ އެ މީހަކު ވެގެން ދާނީ ހޭރި ނެތިގެން އުޅޭ ދޯންޏެއް ފަދަ މީހަކަށް." އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ މާލީ ތަނަވަސްކަން ނެތް މީހުންނާއި އިންސާނީ ހައްގުތައް ގެއްލިފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރުމުގައި ވަކީލުން ބައިވެރިވުން މުހިންމު ކަމަށާއި އަދި ދުސްތޫރީ ނިޒާމަށް ކުރިމަތިިވާ ނޭދެވޭ ކަންކަމާ ދެކޮޅަށް ވަކީލުން އަބަދުވެސް ތެދުވާން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ވަކީލުންގެ މަސައްކަތުގައި އާ ހުނަރުތައް އަބަދުވެސް ދަސްކުރަން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި 227 ވަކީލަކު ހުވާ ކުރި އެވެ. މިއީ ގާނޫނީި ފަންނުގެ ގާނޫނަށް އަމަލުކުރަން ފެށި ފަހުން ހުވާކުރި ފުރަތަމަ ވަކީލުންނެވެ.