އިބޫ ޒަހަމްވީ ސައިކަލްގައި ވަޑައިގަންނަވަނިކޮށް އަނބިކަނބަލުންގެ ދަބަހުގައި އޮތް ކަޓަރަކުން!

ގްރޭޓާ މާލެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ)ގެ ގަޔަށް ރޭ ވަޅި ހަރައިގެން ފަރުވާދެމުން އަންނަ ކަމަށް އަޑު ފެތުރިފައި ވަނިކޮށް، އެއީ އެކްސިޑެންޓަކުން ވީ ކަމެއް ކަމަށް އޭނާއާ ހަވާލާދީ ފުލުހުން މިއަދު ބުނެފި އެވެ.


އިބޫ އަށް ފަރުވާ ދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގަ އެވެ. އެ ހޮސްޕިޓަލް ތެރޭގައި، އޭނާ ސްޓްރެޗާއަކަށް ލައިގެން ފަރުވާ އަށް ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާއްމުވެފަ އެވެ.

އެކަމަކު، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެއީ ވަޅީގެ ހަމަލާއެއް ނޫން ކަމަށް އަނިޔާވި މީހާ (އިބޫ) ވިދާޅުވާ ކަމަށެވެ. އޭނާ އަށް އަނިޔާވި ކަން ފާހަގަވީ، އަނބިކަނބަލުންނާ އެކު ސައިކަލްގައި ވަޑައިގަންނަވަނިކޮށް ކަމަށާއި އެއީ އަނބިކަނބަލުންގެ އަތް ދަބަހުގައި އޮތް ކަޓަރަކުން ކަމަށް ބެލެވޭ ކަމަށް ވިދާޅުވެ އިބޫ ތަހުގީގަށް މައުލޫމާތު ދެއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި މި މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރަން އިތުރަށް ބަަލަން ޖެހޭ ކަންކަން ކުރިއަށް އެބަދެ އެވެ.

އިބޫގެ ފޯނު ނިންވާލައްވާފައި އޮތުމުން، އޭނާގެ ބަހެއް ނުލިބެ އެވެ.