ދަރަންޏާ ބެހޭ ރިޕޯޓާ ގުޅިގެން އައްޑޫ ޝަރީފުގެ ހިތްހަމަނުޖެހުމާ އެކު ބޮޑު ޒުވާބެއް!

ދައުލަތުގެ ދަަރަނީގެ ހާލަތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ރިޕޯޓަކާ ގުޅިގެން، މަޝްވަރާ ކުރަން މުޅި މަޖިލިސް ކޮމިޓީ އަށް ގޮސް، އެ ރިޕޯޓު ހުށަހަޅަން ފެށުމުން އެ ބައްދަލުވުމުގައި މިއަދު ބޮޑު ޒުވާބެއް ހިނގައިފި އެވެ.


ފިނޭންސް މިނިސްޓްރީން މަޖިލީހަށް ދީފައިވާ ހިސާބުތަކާއި އޮޑިޓާ ޖެނެރަލް އެންމެ ފަހުން ނެރުނު ރިޕޯޓުތަކުގައިވާ ހިސާބުތައް ހިމަނައިގެން މަޖިލީހުން އެކުލަވައިލި ރިޕޯޓެއް މުޅި މަޖިލީހުގެ ކޮމިޓީ އަށް ހުށަހަޅަން ފެށުމުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފު) އަޑުގަދަކުރައްވައި ވިދާޅުވީ، މަޖިލީހުން މަސައްކަތް ކުރަނީ ސަރުކާރު ބަދުނާމު ކުރަން ކަމަށެވެ. ދަރަނީގެ ކަންތައްތައް ސަރުކާރުން ރަނގަޅަށް ބަލަހައްޓާ ކަމަށާއި ފިނޭންސް މިނިސްޓްރީން ދަރަންޏާ ބެހޭ ގޮތުން ކަންތައްތައް ކުރާ ގޮތާ މެދު މަޖިލީހުން ސުވާލު އުފެއްދުމަކީ ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގެ އެންމެންނަށް ވެސް އެނގޭ އިގުތިސާދީ ގޮތުން ވަރަށް ދަށްވެފައި އޮތް އަހަރެއްކަން މި އަހަރަކީ. މިހެން މިކަން އޮއްވައި އަޅުގަނޑުމެން، ދައުލަތުގެ ފިނޭންސް މިނިސްޓްރީން ކަންކުރާ ގޮތާ ދޭތެރޭ ސުވާލު އުފައްދައި، މި ރާއްޖޭން ނަގާފައި ހުރި ދަރަނިތައް ނުދެއްކޭނެ ކަަމަށް އާއްމު ފަރާތްތަކާއި ދުނިޔޭގެ ބައިނަލްއަގުވާމީ އިދާރާތަކަށް ދޭހަވާ ގޮތަކަށް މި ތަނުން ވާހަކަ ދެއްކެވި މިކަން ހިނގައްޖެ ނަމަ ދިވެހިރާއްޖޭގެ އިގުތިސާދު މުޅިން ބޮއްސުންލައިގެން ހިނގައިދާނެ،" ޝަރީފް ވިދާޅުވި އެވެ.

ރިޕޯޓު އިއްވައި ނުނިމެނީސް، ޝަރީފް އެދިވަޑައިގެންނެވި ފުރުސަަތެއްގައި ދެއްކެވި އެ ވާހަކަ މެދުކަނޑުއްވައިލައްވައި، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އަމީން އާންމަށް އެންގެވީ ރިޕޯޓު އިއްވުން ކުރިއަށް ގެންދެވުމަށެވެ. އެ ހިސާބުން ޝަރީފު އަޑުގަދަ ކުރައްވަން ފެއްޓެވި އެވެ.

އޭގެ ފަހުން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވާހަކަފުޅު ދައްކަވަން ފެއްޓެވުމުން ވެސް އަޑުގަދަ ކުރެއްވުން ހުއްޓައި ނުލެއްވުމުން ޝަރީފަށް، އީވާ ރައްދު ދެއްވި އެވެ.

އީވާ ވިދާޅުވީ، އެ ރިޕޯޓުގައި ހުރީ ފިނޭންސް މިނިސްޓްރީން މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ފޮނުވާފައިވާ ހިސާބުތަކެއް ކަމަށާއި އެހެން އެކަން އޮއްވައި މަޖިލީހުން ކަމެއް އޮޅުވައިލަނީ ކަމަށް ޝަރީފް ވިދާޅުވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އާއްމު ކުރެވޭ ގޮތަށް ފިނޭންސް މިނިސްޓްރީން ފޮނުވާފައިވާ ހިސާބުތަކެއް، މަޖިލީހުގެ ރިޕޯޓެއްގައި ހިމެނުމުން، އެއީ އޮޅުވައިލައްވަން ވެގެން ނަޝީދު ކުރައްވާ ކަމެއް ކަމަށް ދޭހަވާ ގޮތަށް ޝަރީފު ވާހަކަ ދެއްކެވުމަކީ އޮޅުން އަރާ ކަމެއް ކަމަށް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑު މި ކަންބޮޑުވަމަކީ މަރަދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު މާލިއްޔަތު ކޮމިޓީގައި އިންނަވާފައި، އެ ހިސާބުތައް ބައްލަވާފައި މިއީ ރައްޔިތުން މަޖިލީހުން އޮޅުވައިލަން ވެގެން، މިއީ ރައްޔިތުންނަށް ކަންބޮޑުވާން ކޮށްގެން އުޅޭ ކަމެއް ކަމަށް [ވިދާޅުވާތީ]،" އީވާ ވިދާޅުވި އެވެ.

ޝަރީފް އަޑުގަދަ ކުރެއްވި މައްސަލައިގައި ނަޝީދު ވެސް ރަައްދު ދެއްވި އެވެ. އެ މަނިކުފާނު ވިދާޅުވިގޮތުގައި، މަޖިލީހުން ކުރަނީ ގާނޫނީ ގޮތުން ކުރެވެން އޮތް މަސައްކަތެކެވެ. ދައުލަަތަށް ދެރަވާ އެއްވެސް ކަމެއް އެ މަނިކުފާނު ނުކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"މި މަޖިލީހުގެ މަގުސަދަކީ، މި މަޖިލީހުގެ ބޭނުމަކީ، ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ސާފުވެގެން ދިއުން ހަރަދުބަރަދު ވަމުންދާ ގޮތް، މި އަންނަ އަހަރު ވެގެންދާނެ ގޮތް،" ނަޝީދު ވިދާޅުވި އެވެ.

އޭގެ ފަހުން ވެސް ޝަރީފް ދޫނުދެއްވައި، ވިދާޅުވަމުން ގެންދެވީ ސަރުކާރުން ދަރަނި ދައްކާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި ދަރަނި ރިސްޓްރަކްޗާ ކުރަން ޖެހިއްޖެ ނަމަ އެކަން ކުރާނެ ކަމަށެވެ. އެކަމަކު މަޖިލީހުގައި ވާހަކަ ދައްކަވަނީ ރާއްޖޭގެ ދަރަނިތައް ދައުލަތުގެ މާލީ އިދާރާތަކަށް ނުބެލެހެއްޓޭކަން ދޭހަވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތަށް ވާހަކަ ދައްކާ ނަމަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެ އަށް ގެއްލިދާނެ ކަަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އެ ވާހަކަ އަށް ރައްދު ދެއްވަމުން ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ، ދައުލަތުގެ ދަަރަނީގެ ކަންތައްތައް މަޖިލީހުން ބެލުމަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އިތުބާރު އުފެދޭނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅީ ދަރަނީގެ ހާލަތާ ބެހޭ ގޮތުން އެކުލަވާލާފައިވާ ރިޕޯޓްގެ ދެލިކޮޕީއެއް ކަމަށް ރިޔާސަތުން ނަޝީދު ވިދާޅުވި އެވެ. އެ ދެލިކޮޕީ މިއަދު ހަވީރު މެމްބަރުންނަށް ދެއްވާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.