މަލީހުގެ ރައްދު: ވާނުވާ ނޭނގޭ ނަމަ އިސްތިއުފާ ދޭން ޖެހެނީ ބޮންޑޭ

މި ސަރުކާރުގެ ޕްލޭންތައް އެނގިވަޑައިނުގަންނަވާތީ އޭނާގެ ބަދަލުގައި އިސްތިއުފާ ދެއްވަން ޖެހެނީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކަމަށް ވިދާޅުވެ، ކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލް މިރޭ ހޫނު ރައްދެއް ދެއްވައިފި އެވެ. މިއީ، މި ސަރުކާރުގެ ވަޒީރަކު ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ސޯޝަލް މީޑިއާގައި މިހާ ފާޅުކަން ބޮޑު ގޮތެއްގައި ރައްދު ދެއްވައި، އިސްތިއުފާ އަށް ގޮވި ފުރަތަމަ ފަހަރެވެ.


ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މަލީހުގެ ރައްދު ބޮންޑޭ އަށް މި ފޮނުވައިލެއްވީ، އައިލެންޑް އޭވިއޭޝަނާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ން އެކުލަވައިލި ރިޕޯޓުގެ މިއަދުގެ ބަހުސްގައި ބޮންޑޭ ވިދާޅުވި ވާހަކަތަކަކާ ގުޅިގެންނެވެ. ބަހުސްގެ ތެރޭގައި ބޮންޑޭ ވަނީ އިންޓަނެޓް އަގު ހެޔޮކުރަން މިނިސްޓަރު މަލީހު މަސައްކަތް ނުކުރައްވާ ކަމަށް ވިދާޅުވެ، މަލީހުގެ އިސްތިއުފާ އަށް ގޮވާލައްވައިފަ އެވެ.

ބޮންޑޭ ވިދާޅުވެފައި ވަނީ ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އަށް ކަންތައްތަކެއް ކުރަން އަންގައި މަޖިލީހުން މިދިޔަ ޖޫން މަހު ގަރާރެއް ފާާސްކޮށްފައިވާ ކަަމަށާއި އެ ގަރާރުގައިވާ ކަންތައްތައް އެ މިނިސްޓްރީން ކޮށްފަައި ނުވާ ކަމަށެވެ.

ރައްދުގައި މަލީހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރުން އެކުލަވައިލި ސްޓެޓެޖިކް އެކްޝަން ޕްލޭން (އެސްއޭޕީ) ގައި ހިމަނާފައިވާ ކަންކަން "ތުނޑުން ތުނޑަށް" ކުރިއަށްދާ ކަމަށެވެ.

"އެސްއޭޕީ ގެ ތަފްސީލް ބޮންޑާ އަށް ނޭނގުމުގެ ޒިންމާ މިނިސްޓްރީން ނަގަން ނުޖެހޭ،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ސިޓީއަކަށް ޖަވާބު ނުދީ ނޯންނާނެ ކަމަށާއި ވަކި ކަމެއް ކުރަން މަޖިލީހުން އަންގާފައި ވެސް ނެތް ކަމަށެވެ. މި ހާލަތަށް ކަންތައް ގޮސް، ވާނުވާ ނޭނގޭ ނަމަ އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވަނީ ބޮންޑާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ.

މިނިސްޓަރު މަލީހުގެ ޓުވީޓު

އާންމުންގެ ކަންބޮޑުވުން ވެސް އެކަމަކާ ގުޅިފައިވާ އިންޓަނެޓު އަގުބޮޑު ވުމުގެ މައްސަލަ ހައްލުކޮށް އިންޓަނެޓު އަގުހެޔޮކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން އެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު މަލީހު އަންނަނީ ވިދާޅުވަމުންނެވެ.

މަލީހު ވިދާޅުވެފައި ވަނީ އިންޓަނެޓުގެ އަގު ހެޔޮކުރުމާ ގުޅޭ ގޮތުން ކޮމިއުނިކޭޝަން މިނިސްޓްރީން ކުރަންޖެހޭ ހުރިހާ ކަމެއް ނިމިފައިވާ ކަމަށެވެ. މިނިސްޓްރީން ބޭނުންވާ ގޮތް ރައީސް އޮފީހަށް ވަރަށް ކުރިއްސުރެ ހުށަހަޅާފައިވާއިރު، އެކަމުގައި ދެން ގޮތް ނިންމަން ޖެހެނީ ރައީސް އޮފީހުން ކަމަށް މަލީހު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. ނަމަވެސް ރައީސް އޮފީހުން މި މައްސަލައިގައި އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި ގޮތެއް ވެސް މިހާތަނަކަށް ނުނިންމަ އެވެ.