އަމީން، މަގާމުން އިސްތިއުފާ ދެއްވައިފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، މަގާމުން މިރޭ އިސްތިއުފާ ދެއްވައިފި އެވެ.


ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި 75 ވެންޓިލޭޓަރުގެ މައްސަލައިގައި "ހޫނުފެނަށް" ވެއްޓިފައި ވަނިކޮށް އަމީން އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީއެއްގަ އެވެ. އޭނާ އިސްތިއުފާ ދެއްވިއިރު، އެމްޑީޕީގެ 24 މެމްބަރެއްގެ ސޮޔާއެކު، މަގާމުން ދުރުކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އިއްޔެ ވަނީ ވައްދައިފަ އެވެ.

ރައީސަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އަމީން ވިދާޅުވީ، މަގާމުން ދުރުކުރުމަށް "ވާންކުރުމަކީ" އެއީ ކޮންމެހެން އޭނާ އަށް އަމާޒުވާ "އެތިފަހަރެއް" ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"އަދި މި ހާލަތާއި ގުޅިގެން މަނިކުފާނާ ކުރެވުނު މަޝްވަރާ އިން ހާލަތު އަޅުގަނޑަށް ވަޒަން ކުރެވުނެވެ. އެހެންކަމުން މި ހާލަތުގައި މަސްލަހަތު އެންމެ ރަނގަޅު ގޮތަކީ އަޅުގަނޑު މަގާމުން އިސްތިއުފާ ދިނުން ކަމަށް ގަބޫލު ކުރެވޭތީ މިއަދުން ފެށިގެން މިނިސްޓަ އޮފް ހެލްތުގެ މަގާމުން އަޅުގަނޑު އިސްތިއުފާ ދީފީމެވެ،" ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ނައިބު ރައީސްގެ މަގާމު ވެސް ފުރުއްވާ އަމީން ވިދާޅުވި އެވެ.

އަމީން، މަގާމުން މި އިސްތިއުފާ ދެއްވީ ވެންޓިލޭޓަރުތަކުގެ މައްސަލައިގެ ތަހުގީގު ފެށުމާއެކު، އެކަމަށް ޖާގަ ދެއްވުމަށްޓަކައި އަމިއްލަ އަށް މަސްއޫލިއްޔަތުތަކުން އެކަހެރިވެވަޑައިގެން ހުންނެވިތާ ދެ މަސް ފަހުންނެވެ.

އިސްތިއުފާގެ ސިޓީގައި އަމީން ވިދާޅުވި ގޮތުގައި، ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކޮށްފައި ވަނީ ތައުރީފު ހައްގު މަސައްކަތެކެވެ. އަދި އެކަމުގެ ތެރޭގައި އިސް ދައުރެއް އަދާކުރައްވައި، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރެއްވުނީތީ ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް އަމީން ވިދާޅުވި އެވެ.

"އަދި މިނިސްޓްރީ އޮފް ހެލްތުގެ އެންމެހާ މުވައްޒަފުންނާއި އެންމެހާ ސިއްހީ ޚިދުމަތްތެރިން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތަށް ތާއަބަދު ޝުކުރު ހައްގު ކަމުގައި ދެކެމެވެ. ކޮވިޑާ އެކު ގައުމަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހެ އެވެ،" އޭނާ ވިދާޅުވި އެވެ.

އަމީނަކީ، މި ސަރުކާރުގައި އިސްތިއުފާ ދެއްވި ތިންވަނަ ވަޒީރެވެ. މީގެ ކުރިން ވަނީ އަދާލަތު ޕާޓީގެ އިސް މެމްބަރު ޝިދާތާ ޝަރީފު ޖެންޑާ މިނިސްޓަރުކަމުން އަދި އެމްއާރުއެމްގެ ސްލޮޓުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި އައިމިނަތު އާތިފާ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ މަގާމުން ވަކިކުރައްވައިފަ އެވެ. އަލީ ވަހީދު މަގާމުން ވަކިކުރެއްވީ، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގަ އެވެ.