ސިއްހީ ވައުދުތަކުގެ 90 ޕަސެންޓް ތަންފީޒު ވެއްޖެ: ހެލްތު މިނިސްޓްރީ

ސިއްހީ ދާއިރާ އަށް ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި ވައުދުތަކުގެ 90 ޕަސެންޓް ތަންފީޒު ކުރެވި އެ ދާއިރާ އަށް އިންގިލާބީ ބަދަލުތަކެއް އައިސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.


ސިއްހީ ދާއިރާ އިން ހޯދާފައިވާ ކުރިއެރުންތައް ހިއްސާ ކުރަން ފެކަލްޓީ އޮފް ހެލްތު ސައިންސަސްގައި ބޭއްވި ބައްދަލުވުމެއްގައި ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު މިއަދު ވިދާޅުވީ ސިއްހީ ދާއިރާ އަށް ކަނޑައެޅި ގިނަ ކަންކަން ފުރިހަމަ ކުރެވިފައިވާ އިރު، ރައްޔިތުންނަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފެށުމުގެ ތައްޔާރީތައް ވެސް ކުރި އަށް އެބަދެ އެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗުގެ 25 ބުރީގެ އިމާރާތް ހިމެނޭ ކަމަށާއި 2018 ގެ ޖުލައި މަހަށް އެތަން ނިމޭނެ ކަމަށް ވިދާޅުވި އެވެ.

ކޮންމެ އާއިލާއަކަށް ޑޮކްޓަރެއް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން، ހުސައިން ވިދާޅުވި ގޮތުގައި، އެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ.

"އާބާދީގެ ބޮޑު ކުޑަމިނަށް ބެލުމެއް ނެތި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވެސް މިވަނީ ޑޮކްޓަރުންގެ ހިދުމަތް ވެސް ފޯރުކޮށްދީފައި. މިއީ އާއިލީ ޑޮކްޓަރުންގެ ހިދުމަތް ތައާރަފް ކުރަން އެޅުނު ފުރަތަމަ ފިޔަވަޅު،" ހުސައިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާއިލީ ޑޮކްޓަރުން ހަމަޖައްސަން ރަޖިސްޓްރޭޝަންގެ ކަންކަން އައިޖީއެމްއެޗުން ކުރި އަށް އެބަދެ އެވެ. ވަރަށް އަވަހަށް އެ ތަފްސީލުތައް އެ ހޮސްޕިޓަލުން ހާމަކުރާނެ ކަމަށް ވެސް ވިދާޅުވި އެވެެ.

ހަމައެއާއެކު ރާއްޖޭގެ ތިން ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމްކުރުމުގެ މަސައްކަތުގެ ދަށުން، އައްޑޫ ސިޓީ ހޮސްޕިޓަލުގެ މަސައްކަތާއި ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންނަން ޖެހޭ އުމްރާނީ ބަދަލުތަކުގެ މަސައްކަތް ކުރިއަށް އެބަދާ ކަމަށް ވެސް ވިދާޅުވި އެވެ.

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

"އަތޮޅުތަކަށް ވަރަށް ބޮޑު ސަމާލުކަމެއް ދީގެން މިދިޔަ ތިން އަހަރު އަޅުގަނޑުމެން ކުރި އެއް ކަމަކީ އުމްރާނީ ތަރައްގީގެ ގޮތުން ގެންނަން ޖެހޭ ބަދަލުތަކެއް ގެނައުން. އޭގެ ތެރޭގައި ހޮސްޕިޓަލްތައް މަރާމާތު ކުރުމާއި އެ ތަނުގެ އިންފްރާސްޓްރަކްޗާ އަށް ގެންނަން ޖެހޭ ބަދަލު ގެނައުން ހިމެނޭ،" ހުސައިން ވިދާޅުވި އެވެ.

އައްޑޫ ޓާޝަރީ ހޮސްޕިޓަލް ގާއިމް ކުރަން ކުރަން ޖެހޭ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް ހުސައިން ވިދާޅުވި އިރު، ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރާތީ، ގިނަ ބައެއްގެ ހިތްހަމަނުޖެހުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އޭގެ ބަދަލުގައި ގިނަ ބަޔަކު ބޭނުން ވަނީ އާ ހޮސްޕިޓަލެއް އެޅުމަށެވެ.

ސިއްހީ ދާއިރާގެ ކުރިއެރުންތައް އާއްމުކުރަން ބޭއްވި ބައްދަލުވުމުގެ ބައިވެރިންތަކެއް: އެ ދާއިރާ އަށް ކަނޑައެޅި ގިނަ ކަންކަން ހާސިލްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނޭ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ސިއްހީ ދާއިރާ އިން ހާސިލްކޮށްފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން ހުށަހެޅި ޕްރެޒެންޓޭޝަންގައި ބުނި ގޮތުގައި ރަށްތަކަށް ޑޮކްޓަރުން ހަމަކުރުމާއި ސްޕެޝަލިސްޓުން ފޮނުވުމާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދަ ލިބޭ ގޮތަށް އެސްޓީއޯގެ ބޭސްފިހާރަ ހުޅުވުމާއި 20 އަތޮޅެއްގައި މުޅިން އަލަށް 25 ސީ އެމްބިއުލާންސްގެ ހިދުމަތް ފެށުމާއި ހުސް ނުވާ އާސަންދަ ހަމަޖައްސައިދިނުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

މީގެ އިތުރުން އާސަންދައިގެ ދަށުން މެޑިކަލްޗެކަޕް ހެދޭނެ އިންތިޒާމް ހަމަޖެއްސުމާއި އައިޖީއެމްއެޗުގައި އެމްއާރުއައި ސެންޓަރަކާއި ހިތުގެ ބަލިތަކަށް ހާއްސަ ސެންޓަރަކާއި ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތް ދެމުން ގެންދިއުމާއި ތެލެސީމިއާ އަށް ސްކްރީން ކުރުމާއި ރާއްޖެ އަށް ބޭނުންވާ ސްޕެޝަލިސްޓުން ތަމްރީންކުރުމާއި އެނދުމަތި ކޮށްފައި ތިބޭ ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ގާތަށް ޑޮކްޓަރުންނާއި ސިއްހީ ހިދުމަތްތެރިން ޒިޔާރަތް ކުރުމަކީ ވެސް ބޮޑު ކާމިޔާބީއެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.