ނަހަމަ ފައިދާވި މީހުންގެ ނަންތައް ހާމަކުރާނެ ކަމަށް ބުނެ ނިޝާމާގެ ސިޓީއެއް

ކޮވިޑް-19އާ ގުޅިގެން ހެލްތު މިނިސްޓްރީން ޚަރަދުކުރުމުގައި އެހެން ފަރާތްތަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން މީހުން ހާމަކޮށް، މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކިޔައިދެއްވައި ތަހުގީގަށް އެއްބާރުލުން ދެއްވާނެ ކަަމަށް ވިދާޅުވެ ހެލްތު މިނިސްޓްރީގެ ބިޑްކޮމިޓީގެ ޗެއާ އަދި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދު ރައީސް އޮފީހަށް ފޮނުވި ސިޓީއެއް ރޭ އާއްމުވެއްޖެ އެވެ.


ސޯޝަލްމީޑިއާގައި އާއްމުވެފައިވާ އެ ސިޓީ، ރައީސް އޮފީހަށް ނިޝާމާ ފޮނުއްވީ އޮގަސްޓް، 19ގައި ސިއްރު ސިޓީއެއްގެ ގޮތުގަ އެވެ. އޭނާގެ ވަކީލަކު މިއަދު ވިދާޅުވީ އެއީ ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގުގެ ވަަރަށް ކުރީކޮޅު ރައީސް އޮފީހާ އެކު ކުރެވުނު މުއާމަލާތުތަކެއްގެ ތެރެއިން، ތަހުގީގީ އިދާރާތަކަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވަން ނިޝާމާ ފޮނުއްވި ސިޓީއެއް ކަމަށެވެ.

ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގު އިދާރާތަކުން ކުރިއިރު، ނިޝާމާ އަށް އެނގިވަޑައިގަންނަވާ ހުރިހާ މައުލޫމާތެއް، އަދި ކަން ހިނގި ގޮތް ތެދު ބަހުން ހިއްސާކުރައްވާފައިވާނެ ކަަމަށް ވަކީލު ވިދާޅުވި އެވެ.

ނިޝާމާގެ ސިޓީގައި ހުރި ވާހަކަތަކަށް ބަލާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި އެދިވަޑައިގަންނަަވަނީ، ތަހުގީގަށް މައުލޫމާތު ހިއްސާކުރެއްވުމުން ރައްކާތެރިކަން ފޯރުކޮށްދެއްވާށެވެ. އެ ސިޓީ އޭނާ ފޮނުއްވާފައި ވަނީ ވެންޓިލޭޓަރުތައް ހޯދުމުގައި ހެލްތު މިނިސްޓްރީން ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށް ނެރުނު އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ހިނގަމުންދާ ކަން ފާހަގަކުރައްވަ އެވެ.

ސިޓީގައި ނިޝާމާ ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ ގޮތުން އޭނާގެ މައްސަލައެއް ވެސް ތަހުގީގު ކުރަމުންދާ ކަަމަށެެވެ. އެއާއެކު ދެން ވިދާޅުވީ އޮޑިޓް ރިޕޯޓުގައި މައްސަލަތަކެއް ފާހަގަކޮށްފައި ވިޔަސް އެ ކަންކަމުގައި އޭނާ މަސައްކަތް ކުރެއްވީ އެއްވެސް ނުބައި ނިޔަތެއް އަދި ގާނޫނާ ޚިލާފު އަމަލެއް ހިންގަވާކަށް ނޫން ކަމަށެވެ.

ދެން އެދިވަޑައިގަތީ އޭނާ އަށް އެނގިވަޑައިގަންނަވާ މައުލޫމާތު ހާމަކުރެއްވުމުން ރައްކާތެރި ކަމުގެ ޔަގީން ކަމަށެވެ.

"ކޮވިޑް-19އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ޚަރަދުކުރުމުގައި އެހެން ފަރާތްތަކަށް ނަހަމަ ފައިދާތަކެއް ހޯދައިދިން ފަރާތްތައް ހާމަކޮށް މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ހާމަކޮށް ތަހުގީގީ އިދާރާތަކަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދިނުމަށް އަޅުގަނޑު ބޭނުންވާ ކަމުގައި ދަންނަވަމެވެ. އަދި މި މައުލޫމާތު ތަހުގީގީ އިދާރާތަކަށް ދިނުމަށްޓަކައި ގާނޫނީ ނަމްބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނު)ގެ ދަށުން އަޅުގަނޑަށް ރައްކާތެރިކަން ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވުން އެދެމެވެ،" ނިޝާމާގެ ސިޓީގައިވެ އެވެ.

ސިޓީގައި ނިޝާމާ އެ ވިދާޅުވާ ވާހަކައަކީ އެނގިފައިވާ ގޮތުގައި، ވެންޓިލޭޓަރުތައް ގަތުމަށް ދުބާއީ ކުންފުންޏާ ހަވާލުކުރަން އެއްބަސްވުން ހެދި ގޮތާއި ފައިސާ ދެއްކި ގޮތް ކިޔައިދެއްވުމެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ތަހުގީގަށް ފަހު ނިޝާމާގެ މައްޗަށް ވެސް ދައުވާ އުފުލަން އެދުނެވެ. އެކަމަކު ޕީޖީ އޮފީހުން ވަނީ ކޯޓުގައި ސާބިތުކުރެވޭވަރުގެ ހެއްކެއް ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ނިންމައިފަ އެވެ.

އޭސީސީގެ ތަހުގީގު ރިޕޯޓުގައި ބުނެފައި ވަނީ 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏާ ހަވާލުކޮށް ފައިސާ ދޫކުރީ އެއްބަސްވުމެއް ނެތި ކަަމަށެވެ. އެއްބަސްވުން ހެދީ ފައިސާ ދޫކުރި ފަހުން ކަމަށާއި 30 މިލިއަން ދޫކުރީ ޕަފޯމަންސް ގެރެންޓީއަކާ ނުލައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް އޭސީސީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތުގެ ތަހުގީގަށް ފަހު ކުރީގެ މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ދައުވާ އުފުލައިދޭން އެދުނެވެ. މި ދައުވާގެ ކުރިން މާލިއްޔަތު ކޮމިޓީއަށް ހާޒިރުކުރުމުން، އަމީނާއި ނިޝާމާ ހިމެނިވަޑައިގަންނަވާ ގޮތަށް މިނިސްޓްރީގެ އެހެން އިސް ބޭފުޅުން ވިދާޅުވެފައި ވަނީ އެއްވެސް ފަރާތަކަށް މަންފާ ހޯދައިދޭން ކުރި އަމަލެއް ނޯންނާނެ ކަމަށެވެ.

ކޮވިޑްގެ ފަރުވާ އަށް އިމަޖެންސީކޮށް ވެންޓިލޭޓަރުގެ ބޭނުން ޖެހުމުން، އެންމެ ކުރު މަގަކުން އަމަލުކޮށްފައި ވާނީ ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކުގައި ކަަމަށާއި ކޮރަޕްޝަނެއް ނޯންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެކަމަކު، އޭސީސީގެ ރިޕޯޓުގައި ބުނެފައި ވަނީ، ފައިސާ ދޫކުރީ ވެސް ފިނޭންސުން ދިން ލަފަޔާ ޚިލާފަށް ކަމަށެވެ. އެގްޒެކިއުޓާސް ބިޑް ކޮމިޓީއަށް ތައާރަފްކޮށްދިނުމާ އެކު ފައިސާ ދޫކުރުމާ ހަމައަށް އަމަލުކޮށްފައި ވަނީ އެ ކުންފުންޏަށް ނާޖާއިޒު މަންފާތަކެއް ހޯދައިދޭން ކަމަށް އޭސީސީން ތުހުމަތު ކުރެ އެވެ.

އެކަމަކު ޕީޖީ ވިދާޅުވަނީ، އެއްވެސް ބަޔަކަށް ނާޖާއިޒު މަންވާއެއް ވި ކަމަށް އޭސީސީ އަށް ހެއްކެއް ހޯދިފައި ނުވާ ކަމަށެވެ.