ހެލްތް މިނިސްޓަރު ނަސީމްގެ ގާބިލްކަމާ މެދު ދުންޔާ ސުވާލު އުފައްދަވައިފި

ހެލްތު މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަހުމަދު ނަސީމަކީ އެ މަގާމަށް ގާބިލް ބޭފުޅެއް ކަމާ މެދު ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ސުވާލު އުފައްދަވައިފި އެވެ.


ހެލްތު މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަދި ކުރީގެ ފޮރިން މިނިސްޓަރު ނަސީމެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހުންނެވި އަމީން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އައްޔަން ކުރެއްވި ނަސީމަކީ އެމްޑީޕީގެ ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަނބަލުން ދުންޔާ ކުރެއްވި ޓްވީޓެއްގައި ނަސީމަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާ ތޯ އާއި ކޮވިޑް-19 އާ ގުޅިގެން ބޮޑު ބަލިމަޑުކަމެއްގެ މެދު ތެރެއިން ނަތީޖާ ނެރެދެވޭނެތޯ ސުވާލު އުފައްދަވައިފަ އެވެ. އަދި ސަރުކާރު ކޯލިޝަންގެ އެއްބަސްވުމަށް ދެން ވާނީ ކިހިނެތްތޯ ވެސް އޭނާގެ ޓްވީޓްގައި ސުވާލު އުފައްދަވާފައިވެ އެވެ.

ދުންޔާގެ ޓްވީޓް

ދުންޔާ އެގޮތަށް ވިދާޅުވިއިރު، މިއީ ޖުމްހޫރީ ޕާޓީއަށް ކެބިނެޓުން ގެއްލުނު ފުރަތަމަ މަގާމެވެ. އެ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި އަލީ ވަހީދު މަގާމުން ވަކި ކުރެއްވިޔަސް، އެ މަގާމަށް ދާދިފަހުން އައްޔަން ކުރެއްވީ އެ ޕާޓީގެ އިސް ބޭފުޅެއް ކަމަށްވާ ޑރ. އަބްދުﷲ މައުސޫމެވެ. އަލަށް އައި ބަދަލާ އެކު، މިހާރު ކެބިނެޓްގައި ތިއްބެވީ ޖުމްހޫރީ ޕާޓީގެ ހަތަރު ވަޒީރުންނެވެ.

އެކަމަކު މީގެކުރިން މައުމޫންގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަށް ކެބިނެޓުން ވަނީ މަގާމެއް ގެއްލިފަ އެވެ. ހައުސިން މިނިސްޓަރަކަށް ހުންނެވި އާމިނަތު އާތިފާ އިސްތިއުފާ ދެއްވުމުން އެ މަގާމަށް އާ ބޭފުޅަކު އައްޔަން ކުރެއްވުމުގެ ބަދަލުގައި އެ މިނިސްޓްރީ އުވާލައްވައި، ޕްލޭނިން މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީ ވަނީ އެއްކޮށްލައްވައިފަ އެވެ. އެހެންވެ، ކެބިނެޓްގައި މިހާރު ތިއްބެވީ އެމްއާރުއެމްގެ ތިން ވަޒީރުންނެވެ.