މަރުވެފައި އޮއްވާ މޫދުން ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

އައިޖީއެމްއެޗާ ދިމާލު މޫދު އަޑީގައި މަރުވެފައި އޮއްވާ މިއަދު ފެނުނު މީހާގެ ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފި އެވެ.


އުމުރުން 31 އަހަރުގެ އެ ފިރިހެން މީހާގެ ހަށިގަނޑު ފެނުނީ، ފުލުހުން ބުނިގޮތުގައި ފީނަން ގޮސް އުޅުނު ބަޔަކަށެވެ. މިއަދު ހެނދުނު ފެނުނު އެ މީހާ އިރުއޮއްސި ހަތެއް ޖެހުމާ ހަމައަށް އޮތީ އައިޖީއެމްއެޗުގަ އެވެ.

ކުށުގެ ރެކޯޑު އޮތް އެ މީހާ ފެނުނު އިރު ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް ވެ އެވެ. އަދި އެކަންތައްތައް ފާހަގަކޮށް، އޭނާގެ އާއިލާއިން ވަނީ މައްސަލަ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އެހެން މުއައްސަސާތަކަށް ވެސް ހުށަހަޅާފަ އެވެ.

ފުލުހުން ބުނީ ގުދުރަތީ މަރެއްކަން ކަށަވަރު ކުރެވިފައި ނުވާތީ ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ. އެގޮތުން މަރުގެ ސަބަބު ކަށަވަރުކުރެވިފައި ނުވާތީ ޕޯސްޓްމޯޓަމް ހެދުމަށް ކުރަންޖެހޭ ކަންކަންކުރުމަށްޓަކައި މިވަގުތު ހަށިގަނޑުވަނީ މޯޗަރީގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު އެ ޒުވާނާ އިއްޔެ ވެސް ގެއަށް ދިޔަ އެވެ.