ޒިޔާދާގެ ކުރީގެ ފިރިމީހާ ޝާހު ކުއްލި ގޮތަކަށް މަރުވެއްޖެ

ފިރިމީހާގެ ޖިންސީ ޝިކާރައަކަށްވެ ދުނިޔެ ދޫކުރި، ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ކުރީގެ ފިރިމީހާ އިބްރާހިމް ޝާހު މަހަށް ގޮސް އުޅެނިކޮށް ހާޓް އެޓޭކެއް ޖެހިގެން މިރޭ މަރުވެއްޖެ އެވެ.


ޝާހުގެ އުފަން ރަށް، ގދ. ތިނަދޫ ކައުންސިލްގެ މެމްބަރަކު ވަނީ ޝާހު މަރުވިކަން ޔަގީންކޮށްދީފަ އެވެ. ޝާހު މަރުވީ، އާއިލާއިން ބުނި ގޮތުގައި މަސް ކިރުވަން ކޫއްޑު އަށް ގޮސް ހުއްޓާ ޖެހުނު ހާޓް އެޓޭކެއްގަ އެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ ގއ. ވިލިނގިލީގަ އެވެ.

ތިނަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ، ޝާހު މާލެއިން ފުރީ، އޭނާ ހުކުމް ތަންފީޒުކުރަން ނުޖެހޭނެ ކަމަށް ކަމާބެހޭ އިދާރާއިން އެންގުމުންނެވެ. ނަމަވެސް "ކަޅިރަވަ" ނަމަކަށް ކިޔާ މަސް ދޯންޏެއްގައި އޭނާ ދިޔައީ ސީދާ މަސްވެރިކަމަށް ކަމެއް ނުވަތަ ރަށަށް ދާން ކަމެއް ސާފުނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޝާހު މަރުވީ، މަސް ބޭނުމުގެ ތެރޭގައި މޭމަތީގައި މަހަކުން ޖެހި އެރި ތަދަކުންނެވެ. އެކަމަކު މަސް ޖެހުނު ފަހުން ވެސް ޝާހުގެ އާއިލާ މީހަކާ ވާހަކަދެއްކި ކަމަށް އެ ކައުންސިލަރު ވިދާޅުވި އެވެ.

ޑިސެމްބަރު، 2015 ގައި ގދ. ތިނަދޫގައި ކުރި އަނިޔާތަކެއްގެ ސަބަބުން ޒިޔާދާ މަރުވި މައްސަލާގައި ޝާހުގެ މައްޗަށް ހަތަރު ދައުވާއެއް ދައުލަތުން ކުރި އެވެ. އެއީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ އިިހުމާލުގެ އަމަލެއް ކުރުމުގެ ދައުވާ އާއި މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާ އެވެ. އެހެން ނަމަވެސް ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ އެއިން އެއްވެސް ދައުވާއެއް ޝާހުގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ޝާހުގެ މައްޗަށް ކުށް ސާބިތުނުވި މައްސަލަތައް ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މި މަހުގެ 1 ގައި ނިންމީ ފިރިމީހާ އަނބިމީހާ ރޭޕް ކުރުމުގެ ދައުވާ ސާބިތުވާ ކަމަށާއި އެހެންވެ، އެ ކުށުގައި ޝާހު ތިން އަހަރަށް ޖަލަށްލުމަށެވެ. އެކަމަކު ހުކުމް އިއްވިއިރު އޭނާ ޖަލުގައި ތިން އަހަރު ހޭދަކޮށްފައިވާތީ ވަނީ މިނިވަން ވެފަ އެވެ.

އޭނާގެ މައްޗަށް ކުރާ އެހެން ދައުވާތައް ވެސް ކޯޓުގައި ދަނީ ކުރިއަށެވެ. މިހާރު އޮތީ ހުކުމް ކުރުމުގެ މަރުހަލާގަ އެވެ.