ޑްރަގް ބޯޓު، އޮޅުވާލައިގެން ބޭނުންކުރި މައްސަލަ ބަލަނީ

ރާއްޖެ އަށް ޑްރަގް އެތެރެކުރަން ބޭނުންކުރި ކަމުގެ ތުހުމަތަށް މިދިޔަ އަހަރު ހިފެހެއްޓުމަށް ފަހު ދޫކޮށްލި ބޯޓެއް ފެތުނު ކަމަށް ބުނެ ފުލުހުންނަށް އޮޅުވާލައިގެން ބޭނުންކުރަމުންދާ މައްސަލައެއް ބަލަން ފަށައިފި އެވެ.


އީރާނުގެ އެބޯޓް ކ. ހިންމަފުއްޓަށް އެހެލައިގެން މަރާމާތުގެ ބޮޑެތި މަސައްކަތްތަކެއް ކޮށްްފައިވާ މައްސަލައިގައި "މިހާރު"ން މިރޭ ސުވާލުކުރުމުން ފުލުހުން ބުނީ އެ ކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށެވެ. އެކަމަކު އަޅަމުން ގެންދަނީ ކޮން ފިޔަވަޅުތަކެއް ކަމެއް އަދި އޭގެ ތަފްސީލެއް ފުލުހުން ނުދެ އެވެ.

ފުލުހުން ބުނީ އެ ބޯޓު ރާއްޖޭން ފުރުވައިލުމަށް އެޖެންޓަކާ ހަވާލުކޮށްގެން ގެންދަނިކޮށް ފެތުނު ކަމުގެ މައުލޫމާތު އޭރު ލިބިފައިވާ ކަމަށެވެ. އެޖެންޓެއްގެ ގޮތުގައި އޭރު ބޯޓު ހަވާލުކުރީ ފުލުހުން ބުނި ގޮތުގައި، މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތަށް މިހާރު ހައްޔަރުކޮށްފައިވާ ޝަހީބު އިބްރާހީމާ އެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ ޑްރަގް ފެނުނު މައްސަލައިގައި ޝަހީބު ހައްޔަރުކުރީ މި މަހު 14 ގަ އެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ދީފަ އެވެ. ޝަހީބަކީ އިދިކޮޅު ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. އެކަމަކު މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުކުރުމުން ޕީއެންސީން ވަނީ އޭނާ ސަސްޕެންޑްކޮށްފަ އެވެ.

ފުލުހުން އޭރު ބުނި ގޮތުގައި އޭނާ އަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާން ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައި ވަނީ ޝަހީބު ކަމަށާއި އެ މައްސަލާގައި އޭނާ އާއި އީރާނުގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޑްރަގު އެތެރެކުރި ކަންނެލި ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަނޑުމަތިންނެވެ. އެ ދޯނި އަތުލައިގަނެ ހުޅުމާލެ ފަޅަށް ވައްދައި ފާސްކުރި އިރު އެއިން 130 ކިލޯގެ މަސްތުވާތަކެތި ފެނުނެވެ.