އައްޑު އާއި ފުވައްމުލައް ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ކަނޑައަޅައިފ

ޔުނެސްކޯގެ ބަޔޮސްފިއާ ރިޒާވުގެ ގޮތުގައި ފުވައްމުލަކާއި އައްޑޫ މިއަދު ކަނޑައަޅައިފި އެވެ.


ރާއްޖޭގައި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި މިހާތަނަށް ކަނޑައަޅާފައި ވަނީ، މަންތާ އާއި ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ ބ. އަތޮޅު އެކަންޏެވެ. ބަޔޮސްފިއާ ރިޒާވްތަކަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށާއި ބައޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ދަމަހައްޓަން ކަނޑައަޅާ ކަނޑު އަދި ބިމުގެ އީކޯސިސްޓަމްތަކެވެ.

އައްޑު އާއި ފުވައްމުލަކަކީ ބަޔޮސްފިޔާ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ޔުނެސްކޯއަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ބަޔޮސްފިއާ ރިޒާވެއް ކަމަށް ޔުނެސްކޯ އިން ކަނޑައަޅާނީ ސަރުކާރުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި، ޝަރުތު ހަމަވާ ނަމަ އެވެ. އައްޑު އާއި ފުވައްމުލަކަކީ ވެސް ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ދެ ސިޓީ އެވެ.

ބަޔޮސްފިއާ ރިޒާވަކަށް ހެދުމަށް، މިދިޔަ މަހުގެ ތެރޭގައި އައްޑޫގެ ހަތަރު ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފަ އެވެ. އެއީ ކޮޑަ ކަނޑަ އާއި ކަނޑިހެރަ ހިތަދޫ މާކިޅި އާއި މެދެއާރަ އަދި ފެހެލެ ކިޅި، ހުޅުދޫ މާފިށި ކިޅި އާއި (ކޭވަކާ ގޮނޑޮ)، ހުޅުދޫ އަދި މީދޫގެ މެދަށް އޮންނަ މަތިކިޅި ސަރަހައްދެވެ.

ސަރުކާރުގެ އަމާޒަކީ ކުރިމަގުގައި ރާއްޖޭގެ އެހެން އަތޮޅުތަކުގައި ވެސް ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ގާއިމު ކުރުމެވެ. ބަޔޮސްފިއާ ރިޒާވަކަށް ބ. އަތޮޅު ކަނޑައެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ.