130 ކިލޯ ޑްރަގްސް: "ބޮޑުން" ދޫވުމުން ސުވާލުތަކެއް!

ފުލުހުން ތުހުމަތުކުރާ ގޮތުގައި، ކަންނެލި ދޯންޏެއްގައި އެތެރެކުރި 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި އިސްކޮށް ހުރި އެކަކީ ގއ. ވިލިނގިލީ ލައިޓްހައުސް ޝަހީބް (ކާފާ) އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރާ މަސައްކަތުގައި، އޭނާ އަކީ އަތުލައިގަންނަން ޖެހޭ "ބޮޑުން"ގެ ލިސްޓުގައި ހިމެނޭ މީހެކެވެ. މި ފަހުން އޭނާ ހައްޔަރުކޮށް، ބަންދަށް ދިން 14 ދުވަސް ހަމަވުމާ އެކު އިއްޔެ ވަނީ ދޫވެފަ އެވެ.


އަތުލައިގަތް 130 ކިލޯގެ ޑްރަގަސްގެ ތަހުގީގު ހިނގަނިކޮށް ކޯޓުން އޭނާ ދޫވީ، ފުލުހުން ބުނާ ގޮތުގައި، ހެކި ހުރެ އެވެ. ބަންދުގެ މުއްދަތު އިތުރުކުރަން އޮތް ޝަރީއަތުގެ މަޖިލީހުގައި އެ ހެކި ހުށަހެޅި ކަމަށް ވެސް ފުލުހުން ބުންޏެވެ. އެހެންވެ، އޭނާ ބަންދުން ދޫވި މައްސަލަ އިސްތިއުނާފްކޮށްދޭން ފުލުހުން ވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި އެދިފަ އެވެ.

ފުލުހުން ހެކި ހުރި ކަމަށް ބުނާއިރު އޭނާ ދޫވި ސަބަބަކީ ކޮބައި ހެއްޔެވެ؟

މި މައްސަލައިގައި "މިހާރު"އާ ވާހަކަ ދެއްކެވި އެއް ބޭފުޅަކު ވިދާޅުވީ މަސްތުވާތަކެތީގެ ބޮޑުން ހިމެނޭ މިފަދަ މައްސަލަތަކުގައި، ފަސޭހައިން މިނިވަންވެވޭނެ ގޮތްތައް އޮންނަނީ ހޯދައިފައި ކަމަށެވެ. އޭނާ ދެއްކެވީ، ޝަހީބު ބަންދުގައި ބަހައްޓަން ކޯޓުން ފުރަތަމަ ދިން އަމުރުގައި، ތަހުގީގު ވަކި މުއްދަތެއްގައި ފުރިހަމަކޮށް، ބަޔާނެއް ކޯޓަށް ހުށަހަޅަން އަންގާފައި އޮތް އޮތުމެވެ.

ޝަހީބު: އޭނާ މިހާރު ވަނީ ދޫކޮށްލާފައި. ފުލުހުން ތުހުމަތުކުރާ ގޮތުގައި ޝަހީބަކީ 130 ކިލޯގެ މަސްތުވާތަކެތީގައި އިސްކޮށް އުޅުނު މީހެއް.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އޭނާ ބަންދުކުރަން ނެރުނު އަމުރުގައި، އެދިފައި ވަނީ ދެން އޮންނަ މަޖިލީހަށް ހާޒިރުވާއިރު، އޭނާގެ ތަހުގީގު ބަޔާން ނަގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާ މަޝްވަރާކުރުމަށް ފަހު ކޯޓަށް ހުށަހެޅުމަށެވެ. އެއް ނެޓްވޯކް، އަނެއް ނެޓްވޯކާ ގުޅި ވިޔަފާރި ހިންގާ ކަމަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ މައްސަލަތަކުގައި ތަހުގީގު ބަޔާން ނަގައި ކޯޓަށް ހުށަހަޅަން ވަކި މުއްދަތެއް ދިނުމަކީ، މިފަދަ މައްސަލަތަކުގައި މީގެކުރިން އަމަލުކުރަން އަންގާ އުސޫލެއް ނޫނެވެ.

މުއްދަތު މަޖިލީހަށް ޝަހީބުގެ ތަހުގީގު ބަޔާނެއް ހުށައެއްނާޅަ އެވެ. ޝަރުތުތަކަކާ އެކު އޭނާ ބަންދުން ދޫކޮށްލި ސަބަބަކީ ކުރިން އެންގި ގޮތަށް ބަޔާން ހުށަނޭޅުމެވެ.

ފަނޑިޔާރު ހުސެއިން ފާއިޒް ރަޝާދު ނެރުއްވި އަމުރުގައި ވަނީ، ދޫކޮށްލި އެއް ސަބަބަކީ، ތުހުމަތުކުރެވޭ ފަރާތާއި ކުށާ ގުޅުވައިދޭ އެކަށީގެންވާ ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވުމެވެ. ދެން ސަބަބަކަށް އޮތީ، އޭނާގެ ބަންދު އިތުރުކުރަން ދެން އޮންނަ މަޖިލީހަކަށް ހާޒިރުވާއިރު، ތަހުގީގުކުރާ ފަރާތުން އޭނާގެ ބަޔާނެއް ނަގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހާ މަޝްވަރާކޮށް ހުށަހަޅަން އަންގާފައިވާއިރު އެ ބަޔާން ހުށަހަޅާފައި ނުވުމެވެ. ޝަހީބް ދޫކޮށްލީ އަމުރުގައިވާ ގޮތުގައި ގާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ.

ކުށަށް ތުހުމަތުކުރެވޭ މީހުން މިނިވަންކުރުމާ ބެހޭ އެ މާއްދާގައި އޮންނަނީ، އެ މީހަކާ މެދު ތުހުމަތު ކުރެވިފައިވާ މައްސަލައެއްގެ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށްޓަކައި ނުވަތަ ކޯޓަށް ހާޒިރުނުވެދާނެ ކަމަށްޓަކައި ނުވަތަ ފިލާފާނެ ކަަމަށްޓަަކައި ނުވަތަ ބަންދުން ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށްޓަކައި މެނުވީ އެއްވެސް މީހަކާ މެދު ޝަރީއަތުން ހުކުމް ކުރުމުގެ ކުރިން އެ މީހަކު ބަންދުގައި ބަހައްޓައިގެން ނުވާނެ އެވެ.

ކަނޑުމަގުން 130 ކިލޯ ޑްރަގްސް އެތެރެކުރުމުގައި އިސްކޮށް ތިބި ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުން

ޝަހީބް ދޫކޮށްލަން ކޮށްފައިވާ ޝަރުތަކީ 130 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތަހުގީގު ނިމެންދެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމެވެ. ކޯޓުން ވަނީ އެގޮތަށް އަމަލުކުރަން ފުލުހުންގެ މައްޗަށް އަމުރުކޮށްފަ އެވެ.

މި މައްސަލަ ފުރަތަމަ ބެއްލެވި ފަނޑިޔާރު، މުހައްމަދު މިސްބާހު ނެރުއްވި އަމުރުގައި އެދިވަޑައިގަތް ތަހުގީގު ބަޔާން އިއްޔެ ޝަރީއަތުގެ މަޖިލީހަށް ހުށަނާޅާ ކަމަށް ފުލުހުން ބުންޏެވެ. ޝަހީބް ދޫކޮށްލި މުއްދަތު މަޖިލީހުގައި އިންނެވީ، ފަނޑިޔާރު، ހުސެއިން ފާއިޒް ރަޝާދެވެ.

ހިނގަމުންދާ ތަހުގީގަކާ ގުޅޭ އެ ބަޔާނެއް މުއްދަތު މަޖިލީހަށް ހުށަނޭޅިއަސް ފުލުހުންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ބަންދުގައި އޭނާ ބަހައްޓަން ޖެހޭވަރުގެ ހެކި ކޯޓަށް ހުށަހެޅި ކަމަށެވެ.

"ބަންދުގައި ބަހައްޓަން ހެކި ހުށަހެޅިން، މައްސަލައާ އޭނާ [ޝަހީބްއާ] ގުޅުވައިދޭ ހަތަރު މީހެއްގެ ބަޔާން ހުށެހެޅިން،" އޮފިޝަލް ވިދާޅުވި އެވެ.

ކޯޓުން ހެކި ހުށަނާޅާ ކަމަށް ބުނާއިރު ހެކި ހުށަހެޅި ކަމަށް ފުލުހުން އެބަ ބުނެ އެވެ. ހެކި ހުރެ މަސްތުވާތަކެތީގެ ބޮޑުން އެހާ ފަސޭހައިން ދޫވާ ސަބަބު ފުލުހުންނާއި ކޯޓުން ސާފުކޮށްދޭން ޖެހެ އެވެ.

މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ ޝަހީބު ފާހަގަކުރެވިފައި ވަނީ ޕީޕީއެމްގެ ހަރަކާތްތަކުގައި ވެސް ވަރަށް އިސްކޮށް އުޅެމުން އަންނަ އެކްޓިވިސްޓެއްގެ ގޮތުގަ އެވެ. އަދި އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ގއ. ވިލިނގިލީ ދާއިރާ އަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ވާދަ ވެސް ކުރި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުސޫލުން ބޭރުން މީހުން އަތުން ފައިސާ ނަގައި ފްލެޓު ދިން ކަމަށް ތުހުމަތުުކުރެވުނު މައްސަލައިގައި ވެސް ޝަހީބުގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކޮށްފައި ވެއެވެ.

ފުލުހުން ބުނި ގޮތުގައި އޭނާ އަކީ ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އަތުލައިގަތް އީރާން ބޯޓުގެ މައްސަލައާ ވެސް ގުޅުން އޮތް މީހެކެވެ. ނަމަވެސް އެ ބޯޓުން ހައްޔަރުކުރި ހަތް މީހުންނާ ޖާމިނު ވެފައިވަނީ ޝަހީބް ކަމަށާއި އެ މައްސަލާގައި އޭނާ އާއި އީރާންގެ ހަތް މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.