އީސީގެ ނައިބު ރައީސް އަކްރަމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި

އިލެކްޝަން ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަަހުމަދު އަކްރަމްގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކާ ގުޅިގެން އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.


އަކްރަމްގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް މައްސަލަ ހުށަހެޅީ، އެ ކޮމިޝަނުގެ ބައެއް އަންހެން މުވައްޒަފުންނެވެ. އެ މައްސަލައާ ގުޅިގެން، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ މީގެ ކުރިން ބައްދަލުވުންތަކެއް ބާއްވާފައިފަ އެވެ. މީޑިއާ އަށް ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އެ ބައްދަލުވުންތަކަށް ތުހުމަތުކުރި މުވައްޒަފުން ހާޒިރުކޮށްފައިވެ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން މެމްބަރަކު މިރޭ ވިދާޅުވީ އަކްރަމް މަގާމުން ވަކި ކުރަން ނިންމީ، މުވައްޒަފުން ދިން މައުލޫމާތުގެ އިތުރުން އަކްރަމާއި ކޮމިޝަނުގެ އެހެން މެމްބަރުން ވެސް މަޖިލީހަށް ހާޒިރުކޮށް ދެއްކި ވާހަކަތަކަށް ފަހުގައި ކަމަށެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް ނުވަ މެމްބަރުންގެ ތެރެއިން ހަތް މެމްބަރަކު ވަނީ އަކްރަމް މަގާމުން ވަކިކުރަން ވޯޓު ދެއްވައިފަ އެވެ.

މައްސަލަ ހުށަހެޅި މުވައްޒަފުން ކޮމިޓީގައި ތުހުމަތުކޮށްފައިވާ ގޮތުގައި ޖިންސީ ފުރައްސާރަކުރުމަކީ އެ ކޮމިޝަނުގައި ސަގާފަތެއްހެން އަށަަގަނެފައިވާ ކަމެކެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް އައްޔަން ކުރީ މިދިޔަ މާޗް މަހު، މިހާރު އޮތް 19 ވަނަ ރައްޔިތުންްގެ މަޖިލީހުން ގިނަ މެމްބަރުންތަކެއްގެ ތާއީދާ އެކުގަ އެވެ. އޭނާ އަލުން އަޔަންކުރަން މަޖިލީހުގެ 77 މެމްބަރަކު ވޯޓު ދެއްވި އެވެ.