އަކްރަމް އިލެކްޝަންސް ކޮމިޝަނުން އިސްތިއުފާ ދެއްވައިފި

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސްކަމުން އަހުމަދު އަކްރަމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.


އީސީގެ މެމްބަރުން އިސްތިއުފާ ދެއްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އޭނާ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމުންނެވެ. އެކޮމިޓީގެ އިތުބާރު ނެތި މިނިވަން މުއައްސަސާއެއްގެ މެމްބަރުކަމުގައި ހުރުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައި ނުގަންނަވާތީ މަގާމުން އިސްތިއުފާދެއްވީ ކަަމަށް، ސިޓީގައި އަކްރަމް ވިދާޅުވި އެވެ.

އަކްރަމް ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓިން ނިންމީ ޖިންސީ ފުރަައްސާރަ ކުރިކަމަށް ތުހުމަތުކޮށް އޭނާއާ ދެކޮޅަށް އީސީގެ އަންހެން މުވައްޒަފުންތަކެއް ހުށަހެޅި މައްސަލަތަކެއް ބެލުމަށް ފަހު އެވެ. އެހެން ނަމަވެސް އެ މައްސަލަތަކާ ބެހޭ ތަފްސީލެއް ވެސް އަދި އޭނާ ވަކިކުރަން ނިންމިކަން ވެސް ކޮމިޓީން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ. އެވާހަކަތައް މީޑިއާތަކާ ހިއްސާ ކުރެއްވީ ކޮމިޓީގެ ބައެއް މެމްބަރުން ނުރަސްމީގޮތުންނެވެ.

އަކްރަމ ދެކޮޅަށް އީސީގެ އަންހެން މުވައްޒަފުންތަކެއް ހުށަހެޅި މައްސަލަ ބަލަން ކޮމިޓީން ބޭއްވި ބައްދަލުވުންތައް ކުރިއަށްް ގެންދިޔައީ ސިއްރުކޮށްގެންނެވެ. އެނގިފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅި މުވައްޒަފުންނާ ކޮމިޓީން ސުވާލުކުރި އެވެ.

އެކަމަކު އިސްތިއުފާގެ ސިޓީގައި އަކްރަމް ވިދާޅުވީ އޭނާއާ ދެކޮޅަށް ކޮމިޓީއަށް ހުށަަހަޅާފައިވާ މައްސަލައަކީ ވަކި ބައެއްގެ ރޭވުމަކުން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހެޅި މައްސަަލައެއް ކަމަށެވެ.

"... އެ މައްސަލައިގައި ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް އަޅުގަނޑުގެ ފަރާތުން ހިނގާފައި ނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަމެވެ،" ސިޓީގައި އޭނާ ވިދާޅުވި އެވެ.

ކަންހިނގި ގޮތުގެ ފުރިހަމަ މައުލޫމާތު މިނިވަން މުއަައްސަސާތަކުގެ ކޮމިޓީއަށް ދެއްވާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަކްރަމް އިސްތިއުފާ ދެއްވުމުން، އެކަމުގެ ކަންބޮޑުން ފާޅުކުރައްވަައި އީސީގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި އަކްރަމް ވަރަށް ބޮޑަށް ދިފާއުކުރެއްވި އެވެ. ޝަރީފް ވިދާޅުވީ "އަކްރަމަކީ ޖިންސީ ފުރައްސާރަކޮށް ގޯނާކޮށްފާނެ މީހެއް ނޫން" ކަމަށެވެ. އޭނާ އިސްތިއުފާ ދެއްވުމަކީ ޝަރީފް ސިފަކުރެއްވި ގޮތުގައި ގާބިލު ހިންގުންތެެރިއަކު ގެއްލިގެން ދިއުމެވެ.

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް އައްޔަން ކުރީ މިދިޔަ މާޗް މަހު، މިހާރު އޮތް 19 ވަނަ ރައްޔިތުންްގެ މަޖިލީހުން ގިނަ މެމްބަރުންތަކެއްގެ ތާއީދާ އެކުގަ އެވެ. އޭނާ އަލުން އަޔަންކުރަން މަޖިލީހުގެ 77 މެމްބަރަކު ވޯޓު ދެއްވި އެވެ.