ކުރީގެ މެމްބަރެއްގެ ފުރައްސާރައާ ހެދި އީސީގެ މުވައްޒަފަކު މަރުވާން އުޅުނު: ކޮމެޓީ

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ އިސް މެމްބަރެއްގެ ފަރާތުން ކުރިމަތިވި ޖިންސީ ފުރައްސާރައާ ހެދި އެތަނުގެ މުވައްޒަފަކު އަމިއްލައަށް މަރުވާން އުޅުނު ކަމަށް، ކޮމިޝަނުގެ މެމްބަރަކާ ހަވާލާދެއްވައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުނެފި އެވެ.


އެތަނުގެ ނައިބު ރައީސް އަހުމަދު އަކްރަމްގެ މައްޗަށްކޮށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް އެ މައްސަލަ މަޖިލީހުން ބަލަން ފެށުމާއެކު އަކްރަމް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު އެތަނުގެ މުވައްޒަފުން ބުނާގޮތުން، ޖިންސީ ފުރައްސާރަ ކުރުމަކީ އީސީގައި ސަގާފަތެއްހެން އަށަގަނެފައިވާ ކަމެކެވެ.

މުވައްޒަފުންގެ އެ ވާހަކަތަކަށް ބާރު ދެއްވައި، "މިހާރު"އާ ވާހަކަ ދެއްކެވި ކޮމިޓީގެ މެމްބަރަކު ވިދާޅުވީ ކޮމިޝަނުގެ ބައެއް މެމްބަރުންގެ ފަރާތުން ކުރިއްސުރެ ވެސް މުވައްޒަފުންނަށް ގޯނާތައް ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން، ކުރީގެ މެމްބަރެއްގެ ފަރާތުން ކުރިމަތިވި އެ ފަދަ ގޯނާތަކުގެ ސަބަބުން މުވައްޒަފަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް، އީސީގެ މެމްބަރަކު މަޖިލީހުގައި ވިދާޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ކުރިއްސުރެ ހިނގަމުން އަންނަ ބޮޑެތި މައްސަލަތަކެއް. އެކަމަކު މި މައްސަލަތަކެއް ނުބެލޭ،" މެމްބަރު ވިދާޅުވި އެވެ.

ފުރައްސާރައިގެ ތުހުމަތުތައް ކިތަންމެ ގިނަ ނަމަވެސް، މަޖިލީހަށް މިހާތަނަށް ހުށަހަޅާފައިވަނީ އަކްރަމްގެ މައްސަލަ އެކަނި ކަމަށް ކޮމެޓީން ވަނީ ބުނެފަ އެވެ.

އެ ވާހަކަ އަށް ރައްދު ދެއްވައި، ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖިންސީ ފުރައްސާރައިގެ މައްސަލަ ބަލާ ކޮމެޓީއެއް، 2014 ވަނަ އަހަރުން ފެށިގެން އެ ކޮމިޝަނުގައި އޮންނަ ކަމަށާއި ބައެއް މައްސަލަތައް އެތަނުން ބަލާފައި ވެސްވާ ކަމަށެވެ.

ޖިންސީ ފުރައްސާރަތައް ބެލުމަށް ކޮމިޓީތައް ހެދުމަކީ ކުންފުނިތަކުގެ މައްޗަށް ގާނޫނުން ލާޒިމްކަމެއް ނަމަވެސް އެ ގާނޫނުގައި ލޫޕްހޯލްތައް ހުރި ކަމަށް މަޖިލީހުން ވެސް އެއްބަސްވެ އެވެ. އެންމެ ބޮޑު ކަމެއްގެ ގޮތުގައި، "މިހާރު"އާ ވާހަކަ ދެއްކެވި މަޖިލީހުގެ މެމްބަރު ވިދާޅުވީ މުވައްޒަފުންގެ ކަންކަން ބަލަހައްޓާ އެޗްއާރު މުވައްޒަފުން ނުވަތަ އިސް މުވައްޒަފަކު އެ ކޮމިޓީގައި އިންނަން ގާނޫނުގައި އޮތުމެވެ.

"މިސާލަކަށް ޖިންސީ ފުރައްސާރަކޮށްގެން އީސީގެ މެމްބަރާ ދެކޮޅަށް އެ ކޮމިޓީ އަށް މައްސަލަ ހުށަހަޅާއިރު އެ ކޮމިޓީގައި އެބަ އިންނަވާ މެމްބަރު. ދެން ކިހިނެއްތޯ އެ މުވައްޒަފަށް މައްސަލަ ހުށަހަޅަން ކެރޭނީ،" މަޖިލިސް މެމްބަރު ވިދާޅުވި އެވެ.

"ގާނޫނު ހެދި އިރު މެމްބަރުންނަށް ވިސްނިވަޑައެއް ނުގަންނަވާ ކޮމިޝަނުގެ މެމްބަރުން ވެސް ޖިންސީ ގޯނާކޮށްފާނެ ކަމަކަށް."

އޭނާ ވިދާޅުވީ އެހެން ތަންތަނުގައި ވެސް ހުށަހަޅާ މި ފަދަ މައްސަލަތައް ބަލަން މިތިބެނީ މުވައްޒަފުން އެތަނަށް ވައްދާ އަދި ވަކި ކުރާ އެޗްއާރު މެމްބަރުން ކަމަށާއި އެހެންވެ، އެ ގާނޫނުން މުވައްޒަފުންނަށް ވަޒީފާގެ ރައްކާތެރިކަމެއް ނުލިބޭ ކަމަށެވެ.

މެމްބަރު ވިދާޅުވި ގޮތުގައި ޖިންސީ ފުރައްސާރަކޮށްގެން މައްސަލަ ހުށަހެޅުމުން، މުވައްޒަފު އެހެން ޑިޕާޓްމެންޓަކަށް ބަދަލުކުރުން ފަދަ ފިޔަވަޅުތައް އެ ކޮމެޓީން އަޅަ އެވެ.

އީސީގެ ކުރީގެ ނައިބު ރައީސް އަކްރަމްގެ މައްޗަށް ތުހުމަތުކުރި މައްސަލައިގައި އެ ކޮމިޝަނުގެ ހަތް އަންހެން މުވައްޒަފަކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށް ސުވާލުކުރި އެވެ. އަކްރަމްގެ ފަރާތުން އެ މީހުންނަށް ޖިންސީ ފުރައްސާރައިގެ އެކި އުނދަގޫތައް ކުރިމަތިވެ އެ ޝަކުވާތައް ކުރިއަސް އެ ތުހުމަތުތައް އޭނާ ދޮގު ކުރައްވަ އެވެ.

އިސްތިއުފާ ދެއްވަމުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވި ސިޓީގައި އަކްރަމް ވިދާޅުވީ، އެއީ ވަކި ބައެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއްގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.