ކޮވިޑްގައި މި މަހު 8 ވަނަ މަރާ އެކު ޖުމްލަ 46 އަށް

ކޮވިޑް-19 ޖެހިގެން ރާއްޖޭން މިއަދު ވެސް މީހަކު މަރުވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 46 އަށް އަރައިފި އެވެ. މިއީ ކޮވިޑްގައި މި މަހު ރާއްޖޭން މަރުވި 8 ވަނަ މީހާ އެވެ.


އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު ފަހު މަރުވީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެއީ ކޮވިޑަށް ޕޮޒިޓިވްވެ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން އައި މީހެކެވެ.

ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައި އޮތުމަށް ފަހު މި ދުވަސްވަރު އަނެއްކާވެސް ވަނީ ކޭސްތައް އިތުރުވެފަ އެވެ. ނަމަވެސް އެއީ މައިގަނޑު ތިން ކްލަސްޓާއަކާ ގުޅުން ހުރި ކޭސްތަކެވެ. އަދި މި ދުވަސްވަރު ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުން ވެސް އިތުރުވާން ފަށާފައި ވާތީ އެޗްޕީއޭ އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ސަމާލުވާން އެދިފަ އެވެ.

މި މަހު ކޮވިޑްގައި ގިނަ ބަޔަކު މަރުވި ނަމަވެސް މިއީ މުޖުތަމައުގައި ބަލީގެ ހާލަތު އޮތްވަރު އަންގައިދޭ އަދަދެއް ނޫން ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެއީ ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ އަދި ކޮވިޑް ޖެހުނު އިރު ވެސް ހާލު ދެރަ ގިނަ ބަޔަކު، މަރުވި މީހުންގެ ތެރޭގައި ހިމެނޭތީ އެވެ.

އިއްޔެގެ އިރު އޮއްސި 6:00 އަށް ހަމަ އަށް ރާއްޖޭން ވަނީ ކޮވިޑްގެ 12,578 ކޭސް ފެނިފަ އެވެ. އޭގެ ތެރެއިން 11,559 މީހަކު ވަނީ ރަނގަޅުވެފަ އެވެ.