މާލޭގައި ކޮވިޑް-19 އަށް ސާމްޕަލް ނަގަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
ކޮވިޑް-19 ފެތުރިފައި އޮތް މާލޭން ރަށްރަށަށް ދާ މީހުން 14 ދުވަހު ކަރަންޓީނުގައި ތިބޭ ގޮތަށް މުއްދަތު ކަނޑައަޅާފައި އޮންނަނީ ބަލީގެ ހާލަތު އޮތް މިންވަރުގެ މައްޗަށް ނޫން ކަމަށާއި ބަލީގެ ހާލަތު ބަލަނީ ކަރަންޓީނު އުވާލުމާ މެދު ގޮތެއް ނިންމަން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގް ރޭ ވިދާޅުވެއްޖެ އެވެ.
މާލޭން ރަށްރަށަށް ދާ މީހުން ކަރަންޓީނުގައި ތިބެންޖެހޭ މުއްދަތު ކުރުކުރުމާ ބެހޭ ގޮތުން ގިނަބަޔަކު ސުވާލުކުރަމުން އަންނައިރު އެޗްއީއޯސީގެ ރޭގެ ޕްރެސް ބްރީފިންގައި ނޫސްވެރިޔަކު އެ ސުވާލު ކުރުމުން ނަޒްލާ ވިދާޅުވީ ބަލި ފެތުރިފައި އޮތް ތަނަކުން، ބަލި ނެތް ތަނަކަށްދާ މީހުންނާއި ބަލި މީހަކާ ކޮންޓެކްޓްވާ މީހުން ވެސް ކަރަންޓީނުގައި 14 ދުވަސް ހުންނަން ޖެހޭ ގޮތަށް ކަނޑައަޅާފައި އޮންނަނީ ބަލި ފެތުރިފައި އޮތް ހާލަތަށް ބަލައިގެން ނޫން ކަމަށާއި އެކަމުގައި ހުރި ސައިންޓިފިކް ހެކިތަކަށް ބަލައިގެން ކަމަށެވެ.
"ބަލީގެ ހާލަތު ޗޭންޖްވުމަކުން ނޫން އިނގޭތޯ ކަރަންޓީނުގެ މުއްދަތު ޗޭންޖުކުރާނީ. އަޅުގަނޑުމެން ބަލީގެ ހާލަތު ޗޭންޖު ވީމާ، ފުރަބަންދު ކަރަންޓީނު ބާއްވާނީތޯ ނޫނީ އުވާލާނީތޯ އެ ޑިސިޝަން ނެގުމަށް މާލޭގައި ބަލި ފެތުރިފަ އޮތް މިންވަރު މި ބަލަނީ. އެހެން ނަމަވެސް ކަރަންޓީނު މުއްދަތު ޗޭންޖުކުރުމަށް ހަމަ އޭގެ ސައިންސަށް އަޅުގަނޑުމެން ޑިޕެންޑްވާން މި ޖެހެނީ. އެހެންވެ އޭގެ މާނަ އަކީ އިންކިއުބޭޝަން މުއްދަތަކީ އެންމެ ދިގުވެގެން ގާތްގަނޑަކަށް 14 ދުވަހޭ މި ބެލެވެނީ،" ނަޒްލާ ރަފީގް ވިދާޅުވި އެވެ.
ނަޒްލާ ވިދާޅުވީ މި 14 ދުވަހާ ގުޅޭ ގޮތުން އިތުރު ސައިންޓިފިކް ހެކި ނުލިބޭހާ ހިނދަކު ހަމަ އެގޮތުގައި އެ މުއްދަތު ބާއްވާނީ ކަމަށެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި މާލޭގައި ބަލި ފެތުރިފައި އޮތް މިންވަރު ނުވަތަ ބަލި ޖެހި އެކަން ނޭނގި ތިބެ ރަނގަޅުވެފައިވާ މީހުންގެ ނިސްބަތް ދެނެގަތުމަށް އެންޓިބޮޑީ ސީރޯ ސާވޭ އަށް ދިވެހިންގެ ތެރެއިން ނަގަންޖެހޭ ސާމްޕަލްތައް މިހާރު ހުރީ ނަގައި ނިމިފަ އެވެ. މިހާރު ކުރިއަށްދަނީ ޑޭޓާތައް އެނަލައިޒް ކުރުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މައުލޫމާތު އަންނަ ހަފުތާގައި ލިބޭވަރު ވާނެ އެވެ.
އެޗްއީއޯސީގެ މީޑިއާ ބްރީފިންއެއްގައި ޑރ. ނަޒްލާ ވާހަކަ ދައްކަވަނީ.
ދިވެހިންގެ ސާމްޕަލް ނަގައި ނިމި މިވަގުތު ކުރިއަށްދަނީ މާލޭގައި އުޅޭ ބިދޭސީންގެ ތެރެއިން ކުރިން ބަލި ޖެހިފައިވާ މީހުންގެ ނިސްބަތް ދެނެގަތުމަށް ބިދޭސީންގެ ސާމްޕަލް ނެގުން ކަމަށާއި މަގުމަތީގައި އާރްއާރްޓީ ޓީމުތަކުން ބިދޭސީންގެ ސާމްޕަލް ނަގަމުންދާނެ ކަމަށް ވިދާޅުވި އެވެ. ވަރަށް ގިނަ ދިވެހިން ވެސް އެ ތަންތަނުން ސާމްޕަލް ނަގަން އެދެމުން އަންނަ ކަމަށާއި އެކަމަކު ދިވެހިން ތެރެއިން ސާމްޕަލް ނަގަންޖެހޭ އަދަދު މިހާރު ހަމަވެފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.
ކަރަންޓީނުވާންޖެހޭ ގޮތަށް އޮތް ނަމަވެސް ހާއްސަ ހުއްދައިގެ ދަށުން ރަށްރަށަށް ދާ މީހުންނާއި ރަސްމިއްޔާތުތައް ބޭއްވުން ފަދަ ކަންކަން ކުރާއިރު އުސޫލުތަކަށް ތަބާނުވުން ކަރަންޓީނު އުސޫލާ ފުށުއަރާކަން ފާހަގަކޮށް ނޫސްވެރިޔަކު ސުވާލުކުރުމުން ނަޒްލާ ވިދާޅުވީ އެންމެންނަށް ވެސް ދެނީ އެއް ގައިޑެންސެއް ކަމަށެވެ. އޭނާ ވިދާޅުވީ މާލެއިން އެކި ކަންކަމުގައި ރަށްރަށަށް ދާ މީހުން އެ ރަށެއްގެ މީހުންނާ ވީ ވަރަކުން ބައްދަލު ނުވުމާއި މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ކަންކަމަށް އިރުޝާދު ދޭ ކަމަށެވެ.
"މިގޮތަށް އަޅުގަނޑުމެން މުޅިން ވެސް ގައިޑެންސް ތަންތަނަށް ދީފައި ހުންނާނީ އެޗްޕީއޭ އިން. މިއީ މިހާރު ވެސް އޮންނަ އުސޫލުތަކަކީ. މި އުސޫލުތަކަށް ހުރިހާ ބޭފުޅުން ވެސް އަދި ރަސްމީ އިދާރާއަކުން ބާއްވާ ހަފުލާއެއް ވިޔަސް އެގޮތަށް އަމަލުކުރައްވަން ވާނީ،" އޭނާ ވިދާޅުވި އެވެ.
ކަރަންޓީނު މުއްދަތު ކުރުކުރުމާ ބެހޭ ގޮތުން، ރޭގެ ޕްރެސް ބްރީފިންގައި ކޮވިޑްގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގެ މެމްބަރު ޑރ. ނަޒްލާ މުސްތަފާ ވަރަށް ދިގުކޮށް ވާހަކަ ދެއްކެވި އެވެ.
ސައިންޓިފިކް ހޯދުންތަކާ ހަވާލާ ދެއްވައި ނަޒްލާ ވިދާޅުވީ ފަސް ދުވަހު ކަރަންޓީނުގައި ބެހެއްޓުމަށް ފަހު ޓެސްޓްކުރުމުން، ދެނެގަނެވީ ބަލި ހުންނަ މީހުންގެ ތެރެއިން އެންމެ ފަސް ޕަސެންޓް މީހުން ކަމަށެވެ.
"އޭގެ މާނަ އަކީ 100 މީހުން ޕޮޒިޓިވް ވާއިރު 45 މީހުން ނޭނގި ދޫވެގެން ދާނޭ ޕޮޒިޓިވް ވެދާނެ، ހައި ރިސްކް 45 މީހުން ދޫވެގެން ދާނޭ،" ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކަރަންޓީނު މުއްދަތު ހަތް ދުވަހަށް ހަދައިފި ނަމަ ދެނެގަނެވެނީ ބަލި ހުރި މީހުންގެ ތެރެއިން 80 ޕަސެންޓް މީހުން ކަމަށެވެ. އަދި 11 ދުވަހުގެ ކަރަންޓީނަކުން ދެނެގަނެވެނީ 93 ޕަސެންޓް މީހުން ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި މިހާރު މި އޮންނަނީ ބަލި އެންމެ ރަނގަޅަށް ކޮންޓްރޯލްކުރެވިފައިވާ ބައެއް ގައުމުތަކުގައި އޮންނަ ގޮތަށް 14 ދުވަހުގެ ކަރަންޓީނެއްކަން ފާހަގަކުރައްވަމުން ނަޒްލާ ވިދާޅުވީ 14 ދުވަހު ކަރަންޓީނުކޮށްފައި ޓެސްޓްކުރާ ނަމަ 99 ޕަސެންޓް މީހުން ދެނެގަނެވޭނެ ކަމަށެވެ.
ކަރަންޓީނު މުއްދަތު ކުރުކޮށްފައި ހުރި ގައުމުތަކުގައި އެކަން އެގޮތަށް ކޮށްފައި ހުރީ 14 ދުވަހުގެ ކަރަންޓީނަކަށް ރަނގަޅަށް އަމަލު ނުކުރެވޭތީ އާއި އެ ގައުމުތަކުގައި އަޅާފައި ހުރި ރައްކާތެރިކަމުގެ އެހެން ފިޔަވަޅުތަކަށް ބަލާފައިކަން އޭނާ ފާހަގަކުރެއްވި އެވެ.
ރަށްރަށަށް ދާއިރު ކަރަންޓީނު ނުވާ ގޮތަށް ހަދަން ނުވަތަ ކަރަންޓީނު މުއްދަތު ކުރުކުރުމަށް ގިނަ ބަޔަކު އެދެމުން ދިޔަ ނަމަވެސް ނަޒްލާ ވިދާޅުވީ އަތޮޅު ތެރޭގެ ސިއްހީ ނިޒާމު އޮތް ގޮތުން އަތޮޅުތައް މި ބަލިން ރައްކާތެރިކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައި އޮންނަންޖެހޭ ކަމަށެވެ.
ޑރ. ނަޒްލާ މުސްތަފާ ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭނާ ވިދާޅުވީ އެންމެ ޔަގީންކަން ބޮޑީ 14 ދުވަހުގެ ކަރަންޓީނު ކަމަށް
"އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނާލަން އެބަޖެހޭ އަޅުގަނޑުމެންގެ އަތޮޅުތަކުގައި ސިއްހީ ނިޒާމު ހުރި ހާލަތު. އެހެންވީމާ މިގޮތަށް ދާ އައުޓްބްރޭކެއް ޑިޓެކްޓް ނުވެ ދާއިރު އަޅުގަނޑުމެން މި ބަލަނީ ހަމަ ފަރުވާ ދެވޭނެ ފެންވަރު ނެތް ކަމަށް،"
"މާލޭގައި އުޅޭ ބޭފުޅުން ބޭނުންވެދާނެ ފަސޭހައިން ރަށަށް ދާން. އެކަމަކު އަތޮޅުތެރޭ މީހުންގެ ވެސް އެބަ އޮތް ދެއްތޯ؟ ... އަޅުގަނޑުމެން ޖެހޭނެ ހަމަ އެ މީހުންނަށް އެންމެ ބޮޑަށް [ރައްކާތެރިކަން ދޭން]" ކަރަންޓީނު މުއްދަތު ކުރުކުރުމާ ބެހޭ ގޮތުން ކުރި ސުވާލަށް ދިގުކޮށް ދެއްވި ޖަވާބުގައި ނަޒްލާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮވިޑް ފެތުުރުނު ފަހުން ސިއްހީ ހިދުމަތްތަކަށް ވަރަށް އުނދަގޫވެފައިވާ ކަމަށާއި މާލެ އައުން ދަތިވެފައި ވާތީ އަތޮޅު ތެރޭގައި އާންމު ފަރުވާތައް ދެވެނީ ހަމަ ކިރިޔާ ކަމަށެވެ.
"މިގޮތަށް ދަމުން ދާއިރު އެތަނަށް އަދި ކޮވިޑް ކޭސްތައް އަތުވެއްޖާ ވަރަށް އުނދަގޫވާނެ،" މިވަގުތު އެންމެ ރަނގަޅީ ހަމަ ކެތް ކޮށްލުންކަން ފާހަގަކުރައްވަމުން ނަޒްލާ ވިދާޅުވި އެވެ.
ބަލީގެ ވެކްސިން ވެސް ވަރަށް އަވަހަށް ލިބޭނެ ކަމުގެ އުންމީދު އޮތް އިރު، ވެކްސިން ދިނުމުގެ ކަންކަން ވެސް ބަލީގެ އިތުރު އައުޓްބްރޭކެއް އަތުވެއްޖެ ނަމަ ވަރަށް އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިއްޔެގެ ހަވީރު 6:00 އާ ހަމަ އަށް ރާއްޖޭން ވަނީ ކޮވިޑްގެ 12,889 ކޭސް ފެނިފަ އެވެ. މީގެ ތެރެއިން މިހާތަނަށް 11,717 މީހަކު ރަނގަޅުވެފައި ވާއިރު 46 މީހަކު ވަނީ މަރުވެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ބޭކާރު
29 November 2020
ބޭކާރު މީހެއް. ބުނާ ވާހަކއެއް ދިމާނުވާނެ. "ރާއްޖެތެރެ" ވީމަ. ހެލްތްގެ ބޮޑެތި މަޤާމު ތަކުގަ އުޅުނު އިރު ދުވަހަކުވެސް އެއްވެސް ރަށަކަށް ނުދޭ. އެކަމކު ބޭރުޤައުމަކަށް ދާންވެއްޖިއްޔާ ހޭ ނުހުންނާނެ. އެވަރުގެ މީހެއްގެ ވާހަކަ ތިދައްކަނީ
ނުސީދާ
29 November 2020
ކަރަންޓީނު އުވާ ނުލާ, އެންމެނަށް އެއްއުޞޫލުން ކަން ކުރަންވީ. ބައެއް ރަށްރަށުން, ކަރަންޓީނުގައި ތިބޭނެތަންތަން ލިބެނީ ވަރަށް އަގު ބޮޑުކޮށް. އެހންވީމަ އެކަމަށްވެސް ހައްލެއް ލިބޭފަދަ ގޮތަކަށް ކަރަންޓީނު ވުމަކީ މައްަަލައެއް ނޫން.
ވާ
29 November 2020
72 ގަޑިރުގެ ތެރޭގައި ރިޒަލްޓް ނުލިބޭ ފަހަރު އާދޭ, ދެން ހަދާނީ ކިހިނެތް? އެހެން އުޅެނިކޮށް ނުބައި ލޭބަލެއް ސާމްޕަލްގަ ޖެހެނީ އޯ. ކޮބާ ކޮލިޓީ?
ގުރާ
28 November 2020
ތިއީ ވަކި ބަޔަކަށް ހިނގާ އުސޫލެއްވީމަ މައްސަލައަކީ
ޗަކޮއޭ
28 November 2020
ހުރިހާ ބޭފުޅު މިޗުއްޓީގައި ރަށަށް ވަޑައިގަތުމަށް ޓޫރިސްޓް ވިސާ ހޯއްދަވާ. ޓޫރިސްޓް ވިސާގައި ރަށްރަށަށް ވަޑައިގަންނަވާނަމަ ކޮވިޑް ނުޖެހޭކަމަށް މިރާއްޖޭގެ ސައިންޓިސްޓުންގެ އެންމެފަހުގެ ސައިންޓިފިކް ދިރާސާތަކުން ދައްކަނީ. ދެރަކަމަކީ މިވިސާ ހޯދޭނެގޮތެއް އާއްމު މީހާއަށް ނެތުން. ފަހަރެއްގައި ގައިގައި ރީނދޫކޮޅެއް ވަށައިލައި ހަމުގެ ކުލަ ދޮންކޮށް ފެންނާންހުރުމާއި މީހާގެ ފިކުރު ދޮންކޮށްލަނިކޮށް މިބާވަތުގެ ވިސާ ހޯދާން ބޮޑުތަނުން ފަސޭހަވެދާނެކަމަށް ލަފާކުރެވޭ.
އުދުހޭ
28 November 2020
ރައްޔިތުން ލޮކްޑައުންގަ ބައިިތިއްބާފަ ސިޔާސީމީހުން ބަލި ހިފައިގެން މެހިމާބުރުހެން ބުރުޖަހާތީ މިގައުމުން ކޮވިޑް ނުފިލައިގެން މިއުޅެނީ.
kalOgayA
28 November 2020
"މާލޭގައި އުޅޭ ބޭފުޅުން ބޭނުންވެދާނެ ފަސޭހައިން ރަށަށް ދާން. އެކަމަކު އަތޮޅުތެރޭ މީހުންގެ ވެސް އެބަ އޮތް ދެއްތޯ؟ މާލޭގަ ބޭފުޅުން އަތޮޅުތެރޭގައި މީހުން ؟
ސިރުފާ
28 November 2020
72 ގަޑިއިރުނުވާ ނެގެޓިވު ޓެސްޓަކާއެކު ރައްރަށަށް ދެވޭގޮތެއް ހައްދަވައި ދެއްވިދާނެ.
ހަސަންފުޅު
28 November 2020
ފިޔަވަޅު ހަރުދަނާ ވާނީ ދެން މިހާ ވަރަށް. ސަރުކާރުގެ ވެރިންނާއި އެމް.ޑީ.ޕީ ކެމްޕޭނުގައި ރާއްޖެތެރެއަށް ދިޔަސް ކަރަންޓީނު ވާކަށް ނުޖެހޭ. ދޮންމީހަކު ނަމަ ރަށުތެރޭ އުޅޭނެ ގޮތަކަށް އުޅެންވީ. ކޮވިޑެއް ނުޖެހޭ. އެކަމަކު އާއްމު މީހަކު ނަމަ 14 ދުވަހު ބަންދުވާން ޖެހޭ. ހަރުދަނާ ނޫންތޯ.
ބޯހުދު ޒިންދަގީ
27 November 2020
މަގޭކާރިޔަށް އަންނަނީ ހެސްކިޔާފަ ރޅ. މަ މިހުރީ ހަނު.