އައްޑޫގައި ބިދޭސީ ޓީޗަރެއްގެ އަތުން ވަގަށް ނެގި ޑޮލަރުތަކެއް ހޯދައިފި

އައްޑޫ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއްގެ އަތުން މިދިޔަ މަހު ފަހުކޮޅު ވަގަށް ނެގި ކަމަށް ބެލެވޭ 5،000 އަށް ވުރެ ގިނަ ޑޮލަރުގެ ތެރެއިން ބައެއް ފުލުހުން ހޯދައިފި އެވެ.


ބިދޭސީ ޓީޗަރު ދިރިއުޅޭ ގެއިން ވައްކަން ކުރި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހު އެވެ.

ފުލުހުން ބުނީ ބިދޭސީ ޓީޗަރުގެ އަތުން ވަގަށް ނެގި 5،900 ޑޮލަރުގެ ތެރެއިން، 5،740 ޑޮލަރު ހޯދައިފައިވާ ކަމަށެވެ. އަދި މި ވައްކަމާ ގުޅިގެން އެކަކު ހައްޔަރު ކޮށްފައިވާ ކަމަށާއި އޭނާ މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވް ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް އައްޑޫގެ އެކި އަވަށްތަކުގައި އުޅޭ ބިދޭސީ ޓީޗަރުންނާއި ޑޮކްޓަރުންގެ އަތުން ވައްކަން ކުރުމުގެ މައްސަލަތައް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ.