ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، މަޖިލިސް އިންތިޚާބުގެ ޓިކެޓް، މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައީމަށް ހަވާލުކޮށްދެއްވަނީ. -- މިހާރު ފޮޓޯ: ނިޝާން އަލީ/ މިހާރު
10 ޖެނުއަރީ 2021 - 16:09
އަދާލަތު ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެސް، އަންހެނުނުންނަށް ވެސް އެ ޕާޓީގެ ރައީސް އަދި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް އަލުން ހުޅުވާލައިފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު އަދާލަތު ޕާޓިން ވަނީ ޕާޓީގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލުމަށް ފަހު، މި މަހުގެ 23 ވަނަ ދުވަހު އިންތިހާބު ބާއްވާނެ ކަމަށް އިއުލާނުކޮށްފަ އެވެ. ނަމަވެސް އެ އިއުލާން ބާތިލްކޮށް، މި މަހުގެ 31 ވަނަ ދުވަހަށް އިންތިހާބު މިހާރު ވަނީ ފަސްކޮށްފަ އެވެ.
ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ހުޅުވައިލުން https://t.co/Inxr89hemc
— Adhaalath Party (@AdhaalathOffice) January 9, 2021
އަދާލަތު ޕާޓީން އިއްޔެ ކުރި ޓްވީޓެއް
އިންތިހާބު ފަސްކުރަން އިއްޔެ އިއުލާންކުރީ އަދާލަތު ޕާޓީގެ އެންމެ އިސް ދެ މަގާމަށް އަންހެނުންނަށް ކުރިމަތިނުލެވޭނެ ކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައި ވާތީ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ. އެ ކަން އިސްލާހުކުރަން ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ އަންގާރަ ދުވަހު ވަނީ ހުށަހަޅުއްވައިފަ އެވެ. އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ މެމްބަރަކު "މިިހާރު" އަށް ވިދާޅުވީ އެކަމާ މަޝްވަރާކުރުމަށް ފަހު، ރައީސްކަމާއި ނައިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިނުލެވޭ ގޮތަށް އޮތް އޮތުން އުވާލާފައިވާ ކަމަށެވެ.
އެ ޕާޓީން ކުރި އިއުލާނުގައި ބުނެފައި ވަނީ އެ މަގާމުތަކަށް ހުށަހެޅުމުގެ އެންމެ ފަހު ވަގުތަކީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 ކަމަށެވެ. ފޯމާއި ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ އަދާލަތު ޕާޓީގެ އޮފީހަށެވެ.
މި އިންތިހާބުގައި ވޯޓު ލެވޭނީ ބުދަ ދުވަހުގެ ކުރިން އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މެމްބަރުންނަށް އެކަނި ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފަ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރެޕީ
10 January 2021
މަގާމުގެ ދަހިވެތިކަމުގަ އަދާލަތު ޕާޓީ