ވޯޓުން އަސްލު ފެންނާނެ، ރައީސް ޔާމީން ވަނީ އެކަނިވެރިވެފައި: މަހްލޫފް

ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުން "އަސްލު" ފެންނާނެ ކަމަށާއި ރައީސް އަބްދުﷲ ޔާމީން މިހާރު ހުންނެވީ ގިނިކަންޏާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.


ފުލުހުންނަށް ނުކިޔަމަންތެރިވި ދެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި އަންނަ ޖެނުއަރީ 14 ގައި އޮންނަ ކައުންސިލް އިންތިހާބަކީ ރައީސް ޔާމީނަށް ތާއީދު އޮތްތޯ ނުވަތަ ނޫންތޯ ބެލުމަށް ނެގޭ ވޯޓެކެވެ.

އެހެންކަމުން މިއީ ރައީސް ޔާމީންގެ އެކަނިވެރިކަމާއި ބަލިކަށިކަން ރާއްޖެ އާއި މުޅި ދުނިޔެއަށް ހާމަކޮށްދޭން ލިބޭ ރަނުގެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މަހްލޫފް ވިދާޅުވީ މަޖިލީހުގައި އޮތް ހަނި އަޣުލަބިއްޔަތާއި ޝަރުއީ ދާއިރާގައި ތިބި ވިއްސަކަށް ފަނޑިޔާރުންނާއި އަޅުވެތިވެފައިވާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް އަދި ސަލާމަތީ ބާރުތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިއްޕަވައިގެން ރައީސް ޔާމީނަށް މާބޮޑު ތާއީދެއް އޮތްކަން ދައްކުވައިދޭން ޖަހާ މަޅިތަކާއި އަޅުވާ އަނދުނުގައި ޖެހޭވަރަށް ވުރެ ރައްޔިތުންގެ ލޯތައް ހުޅުވިފައިވާ ކަމަށެވެ.

"ރައްޔިތުން ވޯޓު ދީފި ނަމަ، 80 ޕަސަންޓާ ގާތްކުރާ ވަރުގެ އަދަދެއް ރައީސް ޔާމީނާ ދެކޮޅަށް ހޯދޭނެ ކަމާ މެދު ޝައްކެއް ނުކުރަމެވެ. ރައީސް ޔާމީންގެ ކެންޑިޑޭޓުންނާ ދެކޮޅަށް ދެވޭ ކޮންމެ ވޯޓަކީ މި ސަރުކާރަށް ތާއީދުނެތް ކަން ސާބިތުކޮށްދޭން ދެވޭ ވޯޓެކެވެ." މަހްލޫފް ވިދާޅުވެފައިވެ އެވެ.

"އަޒުމަކަށް ވާން ވާނީ ވޯޓު ފޮށިން ރައްޔިތުންގެ ބާރު ދެއްކުން" ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މަހްލޫފް ސިފަކުރައްވާފައިވާ ގޮތުގައި، ރައްޔިތުން ގެނެސް ވަޒީފާތަކުގައި ތިބި މީހުންނަށް ބިރު ދައްކާ މަޖުބޫރު ކުރުވައިގެން ރައީސްގެ ޖަލްސާތަކަށް ގެނެސްގެން ޖަހަނީ ސަކަރާތެކެވެ. އަދި އެއީ "ތިމަންނާއަށް ހާދަ ތާއީދެއް އެބައޮތޭ" ވިދާޅުވެ އަމިއްލަ ނަފްސަށް އޮޅުވާލުން ކަމަށް ވިދާޅުވެފައިވެ އެވެ.

ތާއީދު އޮތްކަން ދައްކަން މާލެ އާއި ރަށްރަށުގައި ހުރި ހުސް ބިންތަކުގައި ބަހައްޓާފައިވާ އެތައް ސަތޭކަ ބިލްބޯޑުތަކާ މި ޖަލްސާތަކާ އެއްވެސް ތަފާތެއް ނެތް ކަމަށާއި ލޯތްބާއި ތާއީދަކީ ގަދަ ބާރުން ހަންމުށި އަޅައިގެން ހޯދޭނެ އެއްޗެއް ނޫން ކަމަށް ވެސް މަހްލޫފް ވިދާޅުވި އެވެ.

"މިލިއަނުން ކުރާ ހަރަދާއި ޖަހާ ސަކަރާތުގައި ދިރުމެއް ނެތްކަން ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ސާބިތުކޮށްދެއްވާނެ އެވެ." މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވާ މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފްގެ ބަޔާނުގައި މިނިވަން މުއައްސަސާތަކުން ބީރު ކަންފަތެއް ދީ ލޯ ބަންދުކޮށް، މިއިން އެއްވެސް ކަމަކަށް ހިތްވަރުދީގެން އަޅާނުލާ ތިބޭތީ އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާކަން ހާމަކުރެއްވި އެވެ. އަދި އިދިކޮޅު ފަރާތްތަކަށް މާލޭގައި ޖަލްސާތައް ނުބޭއްވޭތީ މުއައްސަސާތަކަށް މަހްލޫފް ފާޑު ވިދާޅުވި އެވެ.

"ހިތުހުރި ގޮތަކަށް ގާނޫނުއަސާސީ ގާނޫނުތަކުގެ ބޭރުން ހެދިދާނެ އެވެ. ނަމަވެސް ދުނިޔޭގެ ހަގީގަތަކީ ވަގުތާއި ހާލަތު ބަދަލުވާނެ ކަމެވެ."

ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދެ ދައުވާއެއް ސާބިތުވެ، 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް މަހްލޫފަށް ކްރިމިނަލް ކޯޓުން އިއްވާފައިވާއިރު އެ ދެ މައްސަލަ ވެސް މަހްލޫފްގެ ފަރާތުން ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. މަހްލޫފް މިވަގުތު ތަންފީޒު ކުރަމުން ދަނީ އެންމެ ފުރަތަމަ އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެވެ.