މައުމޫނާއި ގާސިމް މަސައްކަތް ކުރައްވަނީ ހަމަޖެހުން ނަގާލަން: ރައީސް ޔާމީންގެ ފެކްޝަން

ޕީޕީއެމް ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މަސައްކަތް ކުރައްވަނީ ގައުމުގެ ހަމަޖެހުން ނަގާލަން ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.


މައުމޫން ވަނީ ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވުމަށް ފަހު، ގާސިމާ ބައްދަލުކުރައްވައި ގާނޫނުއަސާސީ އާއި ގާނޫނުތަކާއި އިސްލާމް ދީނުގެ ހަމަތަކާ އެއްގޮތަށް ރާއްޖެ އަށް އިތުރު ކުރިއެރުމާ ތަރައްގީ ހޯދައި ދޭން ޖުމްހޫރީ ޕާޓީއާ އެކު ދާދި ފަހުން މަޝްވަރާ ކުރައްވައިފަ އެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމަށް ރައީސް ޔާމީންގެ ފެކްޝަނުން އައްޔަން ކޮށްފައިވާ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވީ މައުމޫނާއި ގާސިމް މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކާ ގުޅިގެން ގައުމު ހަމަނުޖެހުމަކަށް ގެންދަން ކަމަށެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ޕީޕީއެމަށް ކަނޑައަޅާފައިވާ ތަރުޖަމާން އާރިފް މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: ހަމަޖެހުން ނަގާލަން ކުރާ މަސައްކަތުގައި ބައިވެރިނުވުމަށް އޭނާ ގޮވާލެއްވި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަލީލް ވިދާޅުވި ގޮތުގައި މައުމޫން މަސައްކަތްޕުޅު ކުރައްވަން ޖެހޭނީ ގައުމުގެ ހަމަޖެހުމާ އެއްގޮތަށެވެ. އަދި ތަރައްގީއަށް ކުރެވޭ މަސައްކަތުގައި މައުމޫން އެއްބާރުލުން ދެއްވަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހއ. ތުރާކުނުން ފެށިގެން އައްޑޫ ގަމާ ހަމައަށް ކޮން މަޝްރޫއެއްތޯ ނުހިނގަނީ؟ ކީއްވެތޯ ގައުމު ހަމަނުޖެހުމަކާ ހިސާބަށް ގެންދަންވީ؟ މިއީ ކުރަން ޖެހޭ ސުވާލުތަކެއް،" ހަލީލް ވިދާޅުވި އެވެ.

ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މަސައްކަތް ކުރަން އުޅެނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގިނަ މަޝްރޫއުތަކެއް ހިނގަމުންދާތީ އެކަން ހަޖަމް ނުކުރެވިގެން ކަމަށެވެ. އެގޮތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން އުޅުމަކީ ސަރުކާރާއި ރައީސް ޔާމީނާ ދެކޮޅަށް ކުރެވޭ ކަމެއް ކަމަށާއި އެކަން ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސް މައުމޫނާއި ގާސިމް ވެސް އުޅެނީ ގައުމަށް ހެޔޮ އެދިގެނެއް ނޫން. މިއުޅެނީ ރާއްޖޭގައި އޮތް ހަމަޖެހުމާއި މަސްލަހަތު ނަގާލަން،" އާރިފް ވިދާޅުވި އެވެ.

ޕީޕީއެމްގެ ރައީސް މައުމޫން: ބައެއް މެމްބަރުން ވަނީ އެމަނިކުފާނަށް އުޅުއްވަނީ ގައުމުގެ މަސްލަހަތު ނަގާލަން ކަމަށް ވިދާޅުވެފައި.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖެ ހަލަބޮލިކުރަން މައުމޫނާއި ގާސިމް އިސްކޮށް ހުންނަވައި އިދިކޮޅު ފަރާތްތަކާ ގުޅިގެން ކުރާ އެއްވެސް މަސައްކަތެއްގައި އެކަކު ވެސް ބައިވެރިނުވަން އާރިފް ގޮވާލެއްވި އެވެ.

ތ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސެއިން މަނިކު ދޮންމަނިކު ވިދާޅުވީ މައުމޫންގެ 30 އަހަރުގެ ވެރިކަމުގައި ކުރެއްވި މަސައްކަތާ ބަލާއިރު ރައީސް ޔާމީންގެ ތިން އަހަރުގެ ތެރޭގައި ކުރި މަސައްކަތްތައް މާ ގިނަ ކަމަށެވެ. އެހެންކަމުން ގައުމު ހަލަބޮލިކަމުން ސަލާމަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރު ފުނޑުފުނޑުކޮށްލުމަށެވެ. ނަމަވެސް ޕީޕީއެމް އޮތީ ވަރަށް ބަދަހިކަމާ އެކު ކަމަށާއި އަތޮޅު ތެރޭގެ ރައްޔިތުން ސަރުކާރު ބަލައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކޮކްޓެއިލް ކޯލިޝަނެއްގެ ތެރެއިން އެއްވެސް ފޯމިއުލާއެއް ނުފެނޭ. މަޖިލިސް ތެރެއިން އެއްވެސް ކަމެއްގައި ކާމިޔާބެއް ނުވާނެ،" ޝިޔާމް ވިދާޅުވި އެވެ.