އޭނާ ބުނީ ފުލުހުން ބިރު ދައްކައިގެން ކުށަށް އިއުތިރާފުވި ކަމަށް ކުރިން ބުނީ ބަޔަކު ބުނެގެން ކަމަށް. އެހާ ހިލާފަށް ފުލުހުން ވަރަށް ހާއްސަކޮށް ކަންތައް ހަމަޖައްސައިދިން ކަމަށް ބުނި.
އަދުހަމް: ގާސިމަށް ހަމަލާދިން ދިން ކަމަށް އޭނާ ވަނީ ދެވަނަ ފަހަރަށް ކޯޓުގައި އެއްބަސްވެފައި --- ފޮޓޯ/މިހާރު
25 ފެބުރުއަރީ 2021 - 12:48
ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ ދައުވާ ލިބޭ އަދުހަމް މުހައްމަދު ތަހުގީގުގައި ކުށަށް އިއުތިރާފުވުމަށް ފަހު ކޯޓުގައި އިންކާރުކޮށް މިއަދު އަނެއްކާވެސް ކޯޓުގައި އެ ކުށަށް އެއްބަސްވެ، އެކަން ކުރި ގޮތް ކިޔައިދީފި އެވެ.
ޑިސެމްބަރު، 2019 ގައި ގާސިމާ އެކު ޓެކްސީގައި ދަތުރުކުރަމުން ގޮސް، އޭނާ އަތުން ފޭރެން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ހަމަލާދީ މަރައިލި މައްސަލައިގައި ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމްގެ މައްޗަށް ކުރާ ދައުވާ އަށް އޭނާ އެންމެ ފުރަތަމަ އެއްބަސްވީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ. އެކަމަކު އަދުހަމާ އެކު، ދައުލަތުން ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުން ހުކުމް ކުރަން އޮތް ދުވަހު އޭނާ ކުށަށް އިންކާރުކުރި އެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އަދުހަމް އަނެއްކާވެސް ވަނީ ކުށަށް އެއްބަސްވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. ދައުލަތުން އޭރު ބުނެފައިވަނީ އިއުތިރާފުގެ އެއްބަސްވުން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށާއި ބޭނުންވަނީ ހެކި ހުށަހަޅައިގެން މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދަން ކަމަށެވެ.
މިއަދު ޝަރީއަތުގެ އަޑުއެހުންތައް ފަށައި، ދައުލަތުން ދައުވާ އިއްވުމާ އެކު، އަދުހަމް ބުނީ ތަހުގީގަށާއި ކޯޓަށް ކުރިން ބަޔާނެއް ދީފައިވާނެ ކަމަށާއި އެކަން ހިނގި ގޮތް އޭނާ އެ ބަޔާނުގައި ކިޔައިދީފައިވާނެ ކަމަށެވެ. ފަހުން އެކަމަށް އިންކާރުކުރީ އޭނާއާ އެކު ޖަލުގައި ތިބި ގައިދީން އޭނާ އަށް ބިރު ދައްކައިގެން މަޖުބޫރު ކުރުވުމުން ކަމަށާއި މިހާރު އެކަމަށް އެއްބަސްވަނީ ޖަލުގައި އެއްވެސް ނުރައްކަލެއް ނެތުމުން ކަމަށް އަދުހަމް ބުންޏެވެ.
"މިހާރު އަޅުގަނޑު އެކަނި ގޮޅިއެއްގައި އޮންނާތީ އެއްވެސް ނުރައްކަލެއް އަޅުގަނޑަށް ނެތީމާ. އެއީ އަޅުގަނޑު އަތުންވީ ކަމެއް. އެކަމަކު އަޅުގަނޑު ގަސްދުގައި ކުރިކަމެއް ނޫން،" އަދުހަމް ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ގާސިމަށް ހަމަލާ ދިނީ އޭނާ މަރައިލަން ކަމަށް ދައުލަތުން ބުންޏަސް، އެފަދަ އެއްވެސް ނިޔަތެއް ނެތެވެ. އޭނާ އުޅުނީ ގާސިމް އަތުން ފޭރެން ކަމަށާއި އެވަގުތު އޭނާ ހުރީ މަސްތުވެގެން ކަމަށް ވެފައި އަދި ގާސިމް އޭނާގެ ކިބައިން ސަލާމަތްވާން އުޅުމުގެ ތެރޭގައި ގާސިމްގެ ކަރަށް ވަޅި ހެރުނީ ކަމަށް އަދުހަމް ބުންޏެވެ. ގާސިމްގެ ވާރިސުންގެ ކިބައިން މާފަށް އެދޭ ކަމަށާއި އަދަބު ލުއިކޮށްދޭން އެދޭ ކަމަށް އަދުހަމް ބުންޏެވެ.
"ވާރިސުންގެ ކިބައިން އަޅުގަނޑު މާފަށް އެދެން. އަޅުގަނޑު ބޭނުން ވީހާ ވެސް ލުއި އަދަބެއް ދޭން،" ދައުލަތުގެ ޚަރަދުގައި ދިފާއީ ވަކީލެއް ހަމަޖައްސައިދީފައި ވަނިކޮށް ކަމަށް އަދުހަމް ބުންޏެވެ.
ގާސިމް މަރާލި ރޭ ކަން ހިނގީ ކިހިނެއްތޯ އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ސުވާލު ކުރެއްވުމުން އަދުހަމް ބުނީ ގާސިމްގެ ކަރަށް ވަޅި ހެރުމުން ކާރުން ފައިބައިގެން ދުވަމުން ދަނިކޮށް، ހަމަލާދިން ވަޅި ވެއްޓުނީ ވަޅުގަނޑަކަށް ކަމަށެވެ. އަދުހަމް ބުނީ މަގުމަތީގައި އޮތް ފެންގަނޑަކުން އަތާއި މޫނު ދޮވެގެން ދިޔައީ ރަހުމަތްތެރިއެއްގެ ގެއަށް ކަމަށާއި އޭނާ އަތުން ގަމީހެއް ހޯދައި، ހަމަލާދިން ވަގުތު ލައިގެން ހުރި ގަމީސް ފޮރުވީ ކުނި ގޯނިތަކެއްގެ ތެރޭގައި ކަމަށް އަދުހަމް ބުންޏެވެ. އޭގެ ފަހުން ބަހުގައި މާލެ އައިސް ގެއަށް ދިޔައީ ކަަމަށާއި ފިލަން މަސައްކަތް ނުކުރާ ކަމަށް އަދުހަމް ބުންޏެވެ.
"އަޅުގަނޑަށް އެނގޭ އަޅުގަނޑު ބަލާ އަންނާނެ ކަން ވެސް. އަޅުގަނޑުގެ ގެ ކައިރީގައި ގޮނޑި އަޅައިގެން އިންދާ ދެ ފުލުހަކު އައީ،" އަދުހަމް ބުންޏެވެ.
ކުށަށް އެއްބަސްވާން ފުލުހުން ބިރު ދެއްކި ކަަމަށް އަދުހަމް ކުރިން ބުނީ ކީއްވެގެންތޯ ގާޒީ ސުވާލު ކުރެއްވުމުން އޭނާ ބުނީ އޭރު އެގޮތަށް ބުނީ އޭނާއާ އެއް ގޮޅީގައި ތިބި މީހުން އެގޮތަށް ވިސްނައި ދިނުމުން ކަމަށެވެ. ބިރުދެއްކުން ފަދަ އެއްވެސް ކަމެއް ފުލުހުން ނުކުރާ ކަމަށާއި އެކަމަކު އެހެން މީހުންނަށް ނުލިބޭ ފަދަ ބައެއް ޚިދުމަތްތައް ފުލުހުންގެ ބެލުމުގެ ދަށުން އޭނާ އަށް ލިބުނު ކަމަށް އަދުހަމް ބުންޏެވެ. އެގޮތުން ކޮފީ އާއި ސިނގިރެޓާއި ސުޕާރީ ފުލުހުން ފޯރުކޮށްދޭ ކަމަށް އަދުހަމް ބުންޏެވެ.
ހަމަލާދިނީ މަރާލުމުގެ ގަސްދުުގައި ނޫން ކަމަށް އަދުހަމް ބުނުމުން، ވަޅި އަކީ މީހަކު މަރާލެވޭ ފަދަ ހަތިޔާރެއްކަން އެނގޭތޯ ގާޒީ ސުވާލުކުރެއްވި އެވެ. އަދުހަމް ބުނީ އޭނާ މަސްތުވެގެން ހުރުމުން އެކަން އޭރު ނޭނގޭ ކަމަށެވެ.
މަސްތުވީ މީހަކު މަޖުބޫރު ކޮށްގެން ތޯ ގާޒީ ސުވާލު ކުރެއްވުމުން އަދުހަމް ބުނީ މަސްތުވީ އަމިއްލައަށް ބޭނުންވެގެން ކަމަށެވެ.
އަދުހަމް ކުށަށް އެއްބަސް ވިޔަސް، ދައުލަތުން އެދުނީ ހެކިންގެ ހެކިބަސް ނެގުމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުން ބުނީ ހަމަލާދިން ކަމަށް އެއްބަސްވިޔަސް، އެއީ މެރުމުގެ ގަސްދުގައި ދިން ހަމަލާއެއް ނޫން ކަމަށް އަދުހަމް ބުނާތީ ކުށުގެ ނިޔަތަށް އިންކާރު ކޮށްފައި އޮތުމެވެ. އެއީ ކަމުގެ ބާވަތުން މަތީ ކޯޓުތަކުން ގޮތް ނިންމަން ޖެހިިދާނެ މައްސަލައަކަށް ވާތީ އަދުހަމްގެ އިއުތިރާފަށް ބާރު ލިބޭ ހެކި ހުށަހަޅަން ބޭނުންވާ ކަމަށް ދައުލަތުން ބުންޏެވެ.
އެގޮތުން ސިއްރު ހެކިވެރިއަކާއި އިތުރު ބައެއް މީހުންނާއި ބައެއް ފުލުހުންގެ ނަންތައް ވެސް ދައުލަތުން ހުށަހެޅި އެވެ. ގާޒީ ވެސް ވިދާޅުވީ އެ މައްސަލާގެ ބާވަތުން ހެކިންގެ ހެކިބަސް ނެގުން މުހިންމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ދެން އޮންނަ އަޑުއެހުމުގައި ހެކިބަސް ނަގާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޮލް ××
26 February 2021
މަސްތު ވިޔަސް ވާނުވާ އިގޭނެ! މަސްތު ވާ ތަކެތި ބޭނުން ނުކުރާ މީހަކު ގަބޫލް ކޮށްފާނެ އެކަމަކު މަސްތުވާ ތަކެތި ބޭނުން ކުރާ މީހަކު ތި ވާހަކަ ގަބޫލް ނުކުރާނެ! ލޮލް
ގެދޮރު ނެތް މާލޭމީހާ
26 February 2021
މަސްތުގެ ޙާލަތުގަ ހުރެގެން ކުރާކުށަކުން ބަރީޢައެއް ނުވާނެ. މީހަކު މަރައިފިނަމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނ. އެހެނީ މަސްތުވުގެ ޙާލަތަކީ އަމިއްލަ އިޚްތިޔާރުން ހޯދައިގަތް ކަމެއް. މީގަ މަޖާ ކަމަކީ މީހަކު މަރާލުމުގެ ގަސްދެއް ނެތްކަމަށް ބުނުމާ, ޙަމަލާ ދިން ކަމަށް ބުނާ ބުނުމުގެ އިތުރުން ޙަމަލާ ދިނީ ވަޅިއަކުން ހަމަލާ ދީފަ ކުށުން ބަރީޢަ ވާން ނުވަތަ ލުއި އަދަބަކަށް ޑިމާންޑް ކުރުން. ދައުލަތުން އެދުނުގޮތަށް ހެކި ހުށައަޅައިގެން މައްސަލަ ސާބިތުވާނަަމަ ހުރިހާ މަރުޙަލަތަށް ފުރިހަމަ ކޮށް ޙައްޤު އަދަބަށް ވާޞިލް ވާން ވީ. މަރުގެ ޙުކުމެއް ވެއްޖީޔާ އެކަން ތަންފީޒުވެސް ކުރަން ވީ
ބަރު
26 February 2021
ދެންފަހެ އޭނާ ދެފަހަރު ދެގޮތަށް ކިޔަނީ ހަމަބުއްދި ނެތީމަ ކަމަށް ކޯޓަށް ފެނި އޭނާ ދޫކޮށް ލެވޭތަން ދެން ފެންނާނީ
އައްޔަބޮޑޭ
26 February 2021
މިކަހަލަ ނުލަފާ މީހުންގެ ކިބައިން މިގައުމުސަލާމަތް ވާނީކޮންދުވަހަކުން ބާ!މީނަދޫކޮއްލައިފިއްޔާ ފެންނާނީ އަނެއްކާއެހެން މީހަކުމެރިތަން އޭގގެކުރިން މީނަ...............!
އަރުތަ
25 February 2021
"ވަޅި އަކީ މީހަކު މަރާލެވޭ ފަދަ ހަތިޔާރެއްކަން އެނގޭތޯ ގާޒީ ސުވާލުކުރެއްވި އެވެ. އަދުހަމް ބުނީ އޭނާ މަސްތުވެގެން ހުރުމުން އެކަން އޭރު ނޭނގޭ ކަމަށެވެ". މަސްތުވެގެން ހުރެ ފޭރެންއެނގުނު، ވަޅިން ހަމަލާދޭން އެގުނު، ފިލަން އެގުނު، ފެންގަނޑަކުން މޫނުދޮވެ ރައްޓެއްސެއްގެ ގެއަށް ގޮސް ގަމީސްބަދަލުކޮށް ކުނި ގޯންޏެއްގަ ބޭލި ގަމީސް ފޮރުވަން އެނގުނު، ބަހަށް އަރައިގެން ގެއަށް ދާން އެނގުނު، މީހަކު އަޅެ ވާތާނުވާނެތަ މިކިޔާއެއްޗަކުން............
ސަސި
25 February 2021
ކޯޓުތަކާ ޖަލުގަ 10 ވަރަކަށް އަހަރު ދުއްވާލާތި. ދެން ނިޔަތެއް ނެތީމަ ދޫކޮށްލާނީ.
ޖޮނަތަން
25 February 2021
ލޯކަލް ކައުންސިލް އިންތިހާބު ކުރިޔަށް އޮތީމަ ލުއިލިބޭނެކަމަށްބަލާ އެއްބަސްވީ.
ޓްރަންޕް ް
25 February 2021
"އަދުހަމް ބުނީ ގާސިމްގެ ކަރަށް ވަޅި ހެރުމުން ކާރުން ފައިބައިގެން ދުވަމުން ދަނިކޮށް، ހަމަލާދިން ވަޅި ވެއްޓުނީ ވަޅުގަނޑަކަށް ކަމަށެވެ." އެކަމަކު ފިލަން ނޫންބާ ދުވަނީވެސް
ރަދީފްއޮފިޝިއަލް
25 February 2021
"އަޅުގަނޑަށް އެނގޭ އަޅުގަނޑު ބަލާ އަންނާނެ ކަން ވެސް. އަޅުގަނޑުގެ ގެ ކައިރީގައި ގޮނޑި އަޅައިގެން އިންދާ ދެ ފުލުހަކު އައީ،" އަހަރެން ނަމަ އަމިއްލަޔަށް ފުލުސް އޮފީހަށް ދާނީ.ކަލޭގެ ލަދު ކޮބާ؟
ގެދާނޯމޮސް
25 February 2021
ރާއްޖޭގައި ކުރާ ކުށްތަކުގެ ޙުކުމް ލުއިކުރުމާއި މައާފު ކުރުން މިހާރު ބަލަމުންގެންދަނީ ފައިސާއާއި ހަސަބާއި ނަސަބު އަދި އިސްލާހާއި ވެރިކަމުގެ ދަހިވެތިކަމުގަ ހޯދަން ބޭނުންވާ ވޯޓުގެ މައްޗަށެވެ.