އައްޑޫގެ ތިން ރަށެއްގެ ނަރުދަމާ ގާއިމުކޮށްދޭނެ ބަޔަކު ހޯދަނީ

އައްޑޫގެ ތިން ރަށެއްގެ ނަރުދަމާ ނިޒާމު ގާއިމުކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފި އެވެ.


އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން ނަރުދަމާ ނިޒާމު ގާއިމު ކުރަން ހަމަޖެހިފައިވާ ތިން ރަށަކީ ފޭދޫ، މަރަދޫފޭދޫ އަދި މަރަދު އެވެ. އެ ތިން ރަށުގައި ނަރުދަމާ ނިޒާމް ގާއިމު ކުރަން ހަމަޖެހިފައި ވަނީ އޯޕެކް ފަންޑް ފޯ އިންޓަނެޝަނަލް ޑިވެލޮޕްމަންޓް (އޯފިޑް) އިން ސަރުކާރަށް ލިބިފައިވާ ލޯނެއްގެ އެހީގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

ތިން ރަށުގެ ނަރުދަމާ ނިޒާމު ގާއިމުކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމަ އަށް ވަނީ ހުޅުވާލައިފަ އެވެ.

މިކަމަށް އެދޭ ފަރާތްތަކުން ބީލަމުގައި ބައިވެރިވާން ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 1،500ރ. ދައްކަން ޖެހެ އެވެ. ފައިސާ ބަލައިގަތުން އޮންނާނީ މިއަދުން ފެށިގެން އަންނަ މަހުގެ 23 ވަނަ ދުވަހާ ހަމައަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ތިން ރަށުގެ ނަރުދަމާ ނިޒާމް ގާއިމު ކުރަން ޝައުގުވެރިކަން ފާޅު ކުރާ ފަރާތްތަކުން މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 75،000 ޑޮލަރު ނުވަތަ އެ އަދަދަށްވާ ދިވެހި ފައިސާ ވެސް ބަހައްޓަން ޖެހޭނެ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ދުވަހުން ފެށިގެން 148 ދުވަހެވެ.

މި މަޝްރޫއުގެ ޕްރި ބިޑް މީޓީން މި މަހުގެ 26 ވަނަ ދުވަހަށް ތާވަލްކޮށްފައިވާ އިރު، ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 27 ވަނަ ދުވަހު ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެެވެ.