މާރާމާރީއެއްގައި ޒުވާނެއްގެ ކަރަށް ވަޅި ހަރައިފި، ހާލު ސީރިއަސް

ރާނބާ ރެސްޓޯރެންޓް ކައިރީގައި މިއަދު ހަވީރު ހިންގި މާރާމާރީއެއްގައި ޒުވާން ފިރިހެނެއްގެ ކަރަށް ވަޅި ހަރައި ވަރަށް ބޮޑަށް ޒަހަމްކޮށްލައިފި އެވެ.


އައިޖީއެމްއެޗުގައި މިހާރު ފަރުވާ ދެމުން އަންނަ އެ ޒުވާނާގެ ހާލު ސީރިއަސް ކަމަށް ވެ އެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި ޒުވާނާގެ ގަޔަށް ވަޅިހެރީ ދުވާރުމަތީގައި އޭނާ ހުއްޓާ ދެ ސައިކަލެއްގައި އައި ބައެކެވެ. ފުރަތަމަ ސައިކަލްގައި ތިބި މީހުން އޭނާގެ ގައިގައި ދަނޑިބުރިއަކުން ތެޅި ކަމަށްވެ އެވެ. ކަރަށް ވަޅި ހެރީ ދެވަނަ ސައިކަލެއްގައި އައި ބަޔަކު ކަމަށް ވެސް މަންޒަރު ދުށް ބައެއް މީހުން ބުނެ އެވެ.

ވައިކަންމަތީގައި ހިންގި މި މާރާމާރީގައި ޒަހަމްވި މީހާ އައިޖީއެމްއެޗަށް ގެންދިޔައީ އާންމުންގެ ބައެކެވެ.

ވަޅި ހެރުމުން ފޭބި ލޭތައް މަގުމަތީގައި: ޒަހަމްވި ޒުވާނާގެ އޮޕަރޭޝަނެއް އައިޖީއެމްއެޗުގައި ދަނީ ކުރަމުން -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ފުލުހުން މިހާރު ވަނީ ރާނބާ ކަންމަތިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް މަގު ބަންދުކޮށްފަ އެވެ. ފުލުހުންގެ ފޮރެންސިކް ޓީމުން ގެންދަނީ ތަހުގީގަށް ބޭނުންވާ ހެކިތައް އެއްކުރަމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް މިރޭ ވިދާޅުވީ ޒަހަމްވެގެން ގެނައި މީހާގެ އޮޕަރޭޝަނެއް ކުރަމުން އަންނަ ކަމަށެވެ. ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލް އެނގޭނީ އޮޕަރޭޝަނަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގީ ދެ ގްރޫޕެއްގެ ދެ މެދުގަ އެވެ. މާރާމާރީ ހިނގަން މެދުވެރި ސަބަބު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

މިއަދުގެ މާރާމާރީއާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރެއް ނުކުރެ އެވެ.

އިބްރާހިމް ހަމްޒާ ޚަލީލް

3

ގަލޮޅު އުތުރު ދާއިރާ