ޕާޓީތަކުގެ ފައިސާ ފިނޭންސުން އިލެކްޝަނަށް ދޫކޮށްފި

ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭން ޖެހޭ ފައިސާ އިލެކްޝަންސް ކޮމިޝަނަށް މިއަދު ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.


ފިނޭންސް މިނިސްޓްރީގެ ޑިރެކްޓަރު އަހުމަދު އައިމަން ވިދާޅުވީ "ޕާޓީތަކުގެ ފައިސާގެ ކަންކަން މިއަދު ނިންމާފައިވާ" ކަމަށެވެ. އެ ފައިސާ ޕާޓީތަކަށް ދޫކުރާނީ އިލެކްޝަނުންނެވެ.

އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަން ގާނޫނުގައި އޮތް ނަމަވެސް މިހާތަނަށް އިލެކްޝަންސް ކޮމިޝަނުން އެ ފައިސާ ދޫކޮށްފައިނުވާތީ ޕާޓީތަކުން ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ. މިކަމުގެ ސަބަބުން ޕާޓީތަކުގެ އިދާރީ ކަންކަމަށް ދަތިތަކެއް ކުރިމަތިވެފައިވާ އިރު، އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ތައްޔާރީތަކަށް ވެސް ހުރަސްއެޅިފައިވާ ކަމަށް ޕާޓީތަކުން ބުނެ އެވެ.

ދައުލަތުގެ ބަޖެޓުން މި އަހަރު 23 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ސިޔާސީ ޕާޓީތަކަށް ދޫކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބެނީ މެމްބަރުން އެންމެ ގިނަ ޕީޕީއެމްއަށެވެ. ވެރިކަން ކުރާ ޕީޕީއެމަށް 10 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލިބޭ އިރު އިދިކޮޅު އެމްޑީޕީ އަށް ލިބެނީ ހަތް މިލިޔަން ރުފިޔާ އެވެ.

ޖުމްހޫރީ ޕާޓީ އަށް ލިބެނީ 2.9 މިލިޔަން ރުފިޔާ އެވެ. ސަރުކާރުގެ ކޯލިޝަން ޕާޓްނަރު އެމްޑީއޭ އަށް ކަނޑައެޅީ 2.8 މިލިޔަން ރުފިޔާ އެވެ.

މެމްބަރުންގެ އަދަދު 10،000 އަށް ވުރެ ދަށްވުމުން އަދާލަތު ޕާޓީ އާއި ޑީއާރުޕީ އަށް މި އަހަރު ފައިސާ ދުލެއް ނުކުރެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ބުނަމުން އައީ ފައިސާ ދޫކުރުން ލަސްކުރީ، ޕާޓީގެ މެމްބަޝިޕް ފޯމުތަކުގައި ފިންގަޕްރިންޓް ޖެހުމާ ގުޅޭ ގޮތުން އުފެދުނު މައްސަލައިގައި ކޯޓުން ގޮތެއް ނުނިންމާތީ ކަމަށެވެ. އެ ސަބަބަކާ ގުޅިގެން ޕާޓީތަކުގެ މެމްބަރުންގެ އަދަދު ކަށަވަރު ނުވާތީ ފައިސާ ދޫނުކުރީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު އައުމުގެ ކުރިން ޕާޓީތަކުގައި ރަޖިސްޓްރީ ވެފައިވާ މެމްބަރުންގެ ތެރެއިން މިދިޔަ މަހުގެ 12ގެ ކުރިން ފިންގަޕްރިންޓް ހުށަހަޅާފައި ނެތް މީހުން އިލެކްޝަންސް ކޮމިޝަނުން ވަކިކޮށް ޕާޓީތަކުގެ އާ ދަފުތަރެއް އެކުލަވައިލި އިރު ގިނަ ޕާޓީތަކުގެ މެމްބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

އެގޮތުން އެމްޑީޕީން 18،000 އަށް ވުރެ ގިނަ މީހުން އުނި ކޮށްފައިވާ އިރު، ޑީއާރުޕީން ވަނީ 11،000 އެއްހާ މީހުން އުނިކޮށްފަ އެވެ. އެކަމަކު ޕީޕީއެމަށް 1،401 މެމްބަރުން އިތުރުވި އިރު 37،633 މީހުންނާއެކު މިހާރު އެއީ ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ އެވެ.

ޖުމްހޫރީ ޕާޓީން 3،000 އަށް ވުރެ ގިނަ މީހުން އުނި ކޮށްފައިވާ އިރު މިހާރު އެ ޕާޓީގައި ތިބީ 10،989 މެމްބަރުންނެވެ. އަދި އެމްޑީއޭގައި ތިބީ 10،584 މީހުންނެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުން 0.1 އާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއް ޕާޓީތަކަށް ދޭން ޖެހެ އެވެ.