އިންޓަނޭޝަނަލް ސްކޫލުތަކުގެ ދަރިވަރުންނަށް ސްޓޭޝަނަރީ ދިނުން ސަރުކާރުން ހުއްޓާލައިފި

އިންޓަނޭޝަނަލް ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް ފޮތް ލިސްޓާއެކު ސަރުކާރުން ހިލޭ ދެމުން އައި ސްޓޭޝަނަރީ، އަންނަ އަހަރުން ފެށިގެން ދިނުން ހުއްޓާލުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.


އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް މިއަދު ވިދާޅުވީ އިންޓަނޭޝަނަލް ސްކޫލުތަކަށް ސްޓޭޝަނަރީ ނުދޭން ނިންމީ އެއީ ވަކި ކަރިކިއުލަމެއް އަދި ފީތަކެއް ނަގައިގެން ހިންގާ ސްކޫލުތަކަށް ވާތީ ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި، މިދިޔަ އަހަރު އިންޓަނޭޝަނަލް ސްކޫލަކަށް ބަދަލުކުރި އަހުމަދިއްޔާ ސްކޫލް ނުހިމެނޭނެ ކަމަށް އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

"އަހުމަދިއްޔާ ސްކޫލަކީ އަޅުގަނޑުމެން ސަބްސިޑައިޒް ކޮށްފައިވާ ސްކޫލެއް. އެހެންވެ އެ ސްކޫލަށް ސްޓޭޝަނަރީ ދޭނެ،" އޭނާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ މި ނިންމުމާއެކު ބިލަބޮންގް ސްކޫލާއި ޣިޔާސުއްދީން ސްކޫލް އަދި ފަރީދިއްޔާ ސްކޫލުގައި ހިންގާ އިންޓަނޭޝަަނަލް ސްކޫލުގެ ދަރިވަރުންނަކަށް ވެސް ސްޓޭޝަނަރީއެއް ހިލޭ ނުދޭނެ އެވެ.

އިބްރާހިމް އިސްމާއިލް ވިދާޅުވީ އަންނަ އަހަރުން ފެށިގެން ސްޓޭޝަނަރީ ދިނުން ހުއްޓާލާނެކަން ސްކޫލުތަކަށް ކުރިން އަންގާފައިވާ ކަމަށެވެ.