ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީސް ތެމާގައި ހުޅުވައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އޮފީސް ހ. ތެމާގައި މިރޭ ހުޅުވައިފި އެވެ.


ޕީޕީއެމްގެ އޮފީސް ކުރިން ހިންގި އިމާރާތުގައި ހެދި މި އޮފީސް ހުޅުއްވައި ދެއްވުމަށްފަހު، މައުމޫން ވިދާޅުވީ ޕާޓީގެ މެމްބަރުން މަސައްކަތްކޮށްގެން ޕީޕީއެމް އިތުރަށް ހަރުދަނާ ކުރަން ޖެހޭ ކަމަށެވެ.

ޕީޕީއެމްގެ ސަބަބުން ރައްޔިތުންނަށް ލިބޭ އުންމީދުތައް އާކޮށް އިތުރު ފުރުސަތު ހޯދައި ދިނުމަށާއި އެ މަސައްކަތުގައި ދާދި އަވަހަށް ކާމިޔާބު ލިބޭނެ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީއާ މަންފާ ކުރުވަނިވި ގޮތްތައް އަޅުގަނޑުމެން ހޯދައި ތަންފީޒު ކުރަން ޖެހޭ،" ދެ ފަޅިވެފައިވާ ޕީޕީއެމްގެ ރައީސް ވިދާޅުވި އެވެ.

މައުމޫންގެ ވާހަކަފުޅުގައި ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މިރޭ ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އެ ގޮތުން ސަރުކާރުގެ އަމަލުތައް ހުރީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް ކަމަށާއި ގާނޫނުއަސާސީއާ ހިލާފަށް ބައެއް ގާނޫނުތައް ފާސް ކުރަމުންދާ ކަމަށް މައުމޫން ވިދާޅުވި އެވެ.

ޕީޕީއެމްގެ އޮފީސް ހިންގި ތެމާގެ ބައެއް ހަ މަސް ދުވަހަށް، އެ ޕާޓީގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫނަށް ކުއްޔަށް ދިނުމަށް ގޭގެ ވެރިފަރާތުން ކުރިން ވަނީ ނިންމައިފަ އެވެ. ނަމަވެސް ޔުމްނާ މައުމޫން ނިންމެވީ ޕީޕީއެމް އޮފީސް ހިންގި ބައިގައި، މައުމޫންގެ މަސައްކަތްޕުޅުތައް ކުރިއަށް ގެންދިއުމަށެވެ.

ބޮޑު ކޯޅުންގަނޑެއްގެ ތެރޭގައި އޮތް ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް ރައީސް ޔާމީންގެ ފެކްޝަނުން ވަނީ ދަރުބާރުގެއަށް ގެންގޮސްފަ އެވެ. އެހެންވެ، ޕީޕީއެމް އޮފީހުގައި އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

ޕީޕީއެމް ތެރޭގައި އުފެދުނު މައްސަލަތައް ކޯޓަށް ވެއްދުމުން، ޕާޓީގެ ހިންގުން ސިވިލް ކޯޓުން ވަނީ ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ. އެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ. އެކަމަކު މައުމޫން، ފެކްޝަނުން ބުނަމުން ދަނީ، ކޯޓުތަކުގެ އެ ނިންމުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.