މާރާާމާރީ، ބަދަލުހިފުން، 14 އަހަރުގެ ދެ ކުއްޖަކު މަރު!؟

ގޭންގް މާރާމާރީ ނުހިންގާތާ ދުވަސްކޮޅެއް ފަހުން، އަނިޔާވެރި ދެ ހަމަލާއެއްގައި 14 އަހަރުގެ ފިރިހެން ދެ ކުއްޖަކު މަރުވެ، މާލެ އަށް ބިރުވެރިކަން ގެނެސްފި އެވެ. މިއީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިހާ އަނިޔާވެރި ދެ މަރެއްގެ ހިތާމަ ކުރިމަތިވި ފުރަތަމަ ފަހަރެވެ.


ފުލުހުން އަދި އެއްވެސް މައުލޫމާތެއް ނުދިން ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ދެ މާރާމާރީ ވެސް ނިސްބަތްވަނީ ދެ ގްރޫޕަކަށެވެ. ފުރަތަމަ ހަމަލާ މިއަދު ހަވީރު 5:30 ހާއިރު އަމާޒުވީ ފާތިރު މުހައްމަދު އަށެވެ. ރާނބާ ރެސްޓޯރެންޓް ކައިރިން މަޖީދީ މަގުގެ ދުވާރު މަތީގައި ހުއްޓާ ސައިކަލެއްގައި އައި ބަޔަކު ފުރަތަމަ ހަމަލާދިނީ ދަނޑިބުރިއަކުންނެވެ. އޭގެ ފަހުން ދެ ވަނަ ސައިކަލެއްގައި އައި ބަޔަކު ފާތިރުގެ ކަރަށް، ވަރަށް ފުންކޮށް، ވަޅި ހަރާފައި ރައްކާވީ އެވެ.

ތާޖުއްދީން ސްކޫލްގައި ކިޔަވަމުން އަންނަ ކ. ކާށިދު އަށް އުފަން އަހުމަދު އިރުޝާމް ހިލްމީގެ ބުރަކަށީގެ ތިން ދިމާއަކަށް ވަޅިން ހަމަލާދިނީ އޭނާ ދިރިއުޅޭ ގެ، މ. ޝަރުމާގޭގެ ބޭރުގައި ހުއްޓާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ. މިއީ ފާތިރަށް ދިން އަނިޔާގެ ބަދަލުހިފުމެއް ކަމަށް ބެލެވެ އެވެ.

ދެ ކުދިންގެ މަރާ ގުޅިގެން މާލެތެރެ ބަލަހައްޓަން ފުލުހުން މިހާރު ވަނީ ނުކުމެފަ އެވެ. އެކަމަކު މިއަދުގެ ނުރައްކާތެރި، އަނިޔާވެރިކަން ބޮޑު މާރާމާރީ ފެށުނު ސަބަބެއް އަދި ނޭނގެ އެވެ.

ޔާގޫތުގޭ ކައިރީގައި ދިން ހަމަލާގައި ޒަހަމްވި 14 އަހަރުގެ އިރުޝާމް އައިޖީއެމްއެޗަށް ގެންދަން މަސައްކަތްކުރަނީ: އޭނާ ވެސް ވަނީ މަރުވެފައި --ފޮޓޯ/ސޯޝަލް މީޑިއާ

އިރުޝާމް ހޮސްޕިޓަލަށް ގެންދިޔައީ އާއިލާގެ މީހުންނެވެ. ފާތިރު ނަގައިގަނެގެން އައިޖީއެމްއެޗަށް ގެންދިޔައީ އާންމުންގެ ބައެކެވެ.

އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ދެ ކުދިންގެ ހާލު ވަރަށް ދެރަ އެވެ.

ފާތިރުގެ ގައިން ފޭބި ލޭތައް މަގުމަތީގައި: އޭނާ މަރުވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށް -- ފޮޓޯ: މުހައްމަދު ޝަރުހާން / މިހާރު

ފާތިރު މަރުވި އިރު އޭނާ ސަލާމަތްކުރަން މުހިންމު އޮޕަރޭޝަންތަކެއް ވެސް ދިޔައީ ކުރަމުންނެވެ.

ފާތިރުގެ އާއިލާގެ މީހަކު "މިހާރު" އާ ވާހަކަ ދައްކަމުން ބުނީ އޭނާ ސްކޫލަށް ނުދާތާ ދުވަސްތަކެއް ވެފައިވާ ކަމަށެވެ. ނަމަވެސް ގޭންގްތަކާ ގުޅިގެން ބޭރަށް ގޮސް ނޫޅޭ ކަމަށް އާއިލާގެ ފަރާތުން ބުންޏެވެ.

ތޫނު އެއްޗަކުން ހަމަލާދީގެން މަރުވި ފާތިރު މުހައްމަދު، 14، ހަށިގަނޑު އައިޖީއެމްއެޗުން ނެރެގެން ގެންދަނީ --ފޮޓޯ/ މުހައްމަދު ޝަރުހާން/މިހާރު

ގިނަ އަދަދެއްގެ ފުލުހުން މިހާރު ގެންދަނީ ރާނބާ ކައިރިން މަޖީދީ މަގުން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް ބަންދުކޮށްގެން ހަރަކާތްތެރިވަމުންނެވެ. އެކަމަކު މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުންނެއް ނުބުނެ އެވެ.