ކްލެމެންސީ ބޯޑުން ވައްޑެ ވަކިކުރަނީ

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ކްލެމެންސީ ބޯޑުން ވަކިކުރަން ރައީސް އަބްދުﷲ ޔާމީނަށް ލަފާ އެރުވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.


މައާފްކޮށްދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އެކުލަވާލި ބޯޑުން ވައްޑެ ވަކިކުރަން މަޖިލީހަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ އާރިފެވެ.

ވައްޑެއަކީ ކްލެމެންސީ ބޯޑުގައި މަޖިލިސް ތަމްސީލް ކުރައްވާ ހަމައެކަނި މެމްބަރެވެ.

އާރިފް ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ވައްޑެ އަދާ ކުރައްވަން ޖެހޭ ޒިންމާތަކާއި ވާޖިބުތައް ފުރިހަމައަށް އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ. އަދި އެ ބޯޑުގައި މަޖިލިސް އެކަށީގެންވާ ގޮތެއްގައި ތަމްސީލްވަމުން ނުދާ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

އެހެންވެ، އާރިފް ހުށަހެޅުއްވީ އެ ބޯޑުގެ މެމްބަރު ކަމުން ވައްޑެ ވަކިކުރަން ފެންނަ ކަމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދެއްވުމަށެވެ. އެ ބޯޑަށް މީހުން އައްޔަންކޮށް އަދި މީހުން ވަކިކުރާނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ކްލެމެންސީ ބޯޑަކީ 11 މެމްބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. އެ ބޯޑުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ އިތުރުން ދެން ތިއްބަވަނީ ގާނޫނީ ދާއިރާ އާއި އިޖުތިމާއީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާ އާއި ދީނީ އިލްމުގެ ބޭފުޅަކާއި މަދަނީ ޖަމްއިއްޔާތަކުން އައްޔަން ކުރާ ބޭފުޅަކާއި ޕެރޯލް ބޯޑުގެ ބޭފުޅަކާއި ފުލުހުންގެ ތެރެއިން ބޭފުޅަކާއި ޝަރުއީ ދާއިރާގެ ބޭފުޅެކެވެ.

އެ ބޯޑަކީ މައާފް ދިނުމަށް އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ރައީސަށް އިލްތިމާސް ހުށަހެޅުމުން، ރައީސްގެ ފަރާތުން އެ އިލްތިމާސް ދިރާސާކޮށް އެ އިލްތިމާސާ ގުޅޭގޮތުން ރައީސް އަމަލުކުރައްވަން ފެންނަގޮތުގެ ލަފާދިނުމަށް އެކުލަވާލި ބޯޑެކެވެ.

ވައްޑެ އެ ބޯޑުން ވަކި ކުރަން މަޖިލީހަށް ހުށަހެޅީ ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގައި ހުންނަވައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދަވަނިކޮށެވެ.