ރައީސްގެ ޖަވާބު ނާޒިމްގެ އާއިލާ އަށް: "ކޮށްދެވޭނެ ކަމެއް ނެތް"!

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުއްވި ކަމުގެ ކުށުގައި ޖަލަށް ހުކުމްކޮށްފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލާގައި ކޮށްދެއްވޭނެ ކަމެއް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ސިޓީއަކުން ވިދާޅުވެފައިވާ ކަމަށް ނާޒިމްގެ އާއިލާ އިން މިއަދު ބުނެފި އެވެ.


ނާޒިމްގެ ކޮއްކޮ، އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ ނާޒިމްގެ މައްޗަށް ޝަރީއަތް ހިންގައި އިންސާފުގެ ހުރިހާ ދޮރުތައް ބަންދުކޮށްފައި ވަނީ ޝަރުއީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ބޭއިންސާފުން ކަމަށް ސިޓީއަކުން ރައީސަށް ދަންނަވާފައިވާ ކަމަށެވެ. ދިރިއުޅޭ ކޮޓަރިން ފިސްތޯލައެއް ފެނިގެން ނާޒިމަށް 11 އަހަރު ހުކުމެއް އިއްވިއިރު އޭ ގެއިން ފެނުނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޑީއެންއޭ ކަމަށް ވެސް އާއިލާ އިން ރައީސަށް ދަންނަވާފައިވާނެ ކަމަށެވެ.

"މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް ރައީސްގެ ކިބައިން އަޅުގަނޑުމެން އެދުނީ ނާޒިމަށް އިންސާފު ހޯދައިދޭން. ރައީސް ޖަވާބު ދެއްވީ، ޝަރުއީ ތިން މަރުހަލާ އިން ނިމިފައި އޮތް މައްސަލައަކަށް ވާތީ ރައީސަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް،" އާޒިމް ވިދާޅުވި އެވެ.

ރައީސް އެ ޖަވާބު ދެއްވިތޯ "މިހާރު" އިން ސުވާލުކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ އަމިއްލަ މީހުން ފޮނުވާ ސިޓީތަކަށް ރައީސް ދެއްވާ ޖަވާބު މީޑިއާ އަށް ހާމަނުކުރާ ކަމަށެވެ.

އާޒިމް ވިދާޅުވީ ނާޒިމަށް ކުރި ހުކުމުގެ ތިން މަރުހަލާ ނިމިފައިވާ ކަމަށް އާއިލާ އިން ގަބޫލު ނުކުރާ ކަމަށެވެ. ސަބަބަކީ، އޭނާ ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުން އެންމެ ފަހުގެ ހުކުމް އިއްވީ، ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނިފައި އޮތް ކަން ޕީޖީ އަށް ފޮނުވައި އެތަނުން ސުޕްރީމް ކޯޓަށް ލިއުމުން އަންގާފައި ވަނިކޮށް އެ ހެއްކަށް ރިއާޔަތްނުކޮށް މައްސަލަ ނިންމާފައިވާތީ އެވެ.

އާއިލާ އިން ބުނިގޮތުގައި، އިސްލާމީ ޝަރީއަތުގެ ނަޒަރުން ބަލާއިރު ވެސް ނާޒިމަށް އިންސާފު ހޯދައިދިނުމަކީ ރައީސާއި ދައުލަތުގެ މައްޗަށް ވެސް ވާޖިބެކެވެ. އެއީ، އޭނާ އަށް އިއްވި ހުކުމުގައި ހުރި ޝައްކުތައް ބޮޑުވެފައި، ކުށް ކުރީ އެހެން މީހެއް ކަން ސާބިތުވާ ވަރަށް ހެކި ހުރުމުން ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން އަދީބުގެ ޑީއެންއޭ ފެނުނު މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ތަހުގީގު ނުކުރާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށް ވެފައި ސުޕްރީމް ކޯޓުގެ އެ ނިންމުމާ އެކު އިސްތިއުނާފްގެ ހުރިހާ ދޮރެއް ނާޒިމަށް ބަންދުވީ އެވެ. އެ އަދަބުން ނާޒިމަށް ދެން ސަލާމަތްވެވޭނީ މާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އޭނާ އަށް ރައީސުލްޖުމްހޫރިއްޔާ މައާފް ދެއްވުމުން ނުވަތަ އަދަބު ލުއިކޮށް ދެއްވުމުންނެވެ.

ނާޒިމްގެ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވެފައި ވަނީ ފިސްތޯލަ އިން އަދީބުގެ ޑީއެންއޭ ފެނުމާއެކު ނާޒިމް ފްރޭމް ކުރިކަން އެ އޮތީ ސާބިތުވެފައި ކަމަށެވެ. އެހެންވެ ނާޒިމް ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި ނާޒިމަށް ދައުވާކުރީ ވެސް ތަހުގީގު ފުރިހަމަ ނުވާ މައްސަލައެއްގައި ކަމަށް ކުރިން ވެސް ބުނެފައިވާނެ ކަމަށާއި ހަތިޔާރުތަކުން އަދީބުގެ ޑީއެންއޭ ފެނުމުން މިހާރު އެކަން ވެސް ސާބިތުވީ އެވެ.