އިމިގްރޭޝަންގެ ޔުނިފޯމް 12 އަހަރަށް ފަހު ބަދަލުވެ، ތަފާތު ކުލައެއް

އިމިގްރޭޝަންގެ ޔުނިފޯމް 12 އަހަރަށް ފަހު ތަފާތު ކުލައަކަށް ބަދަލުކޮށް، އިމިގްރޭޝަންގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް އެތަނުގެ އިސްވެރިން ޔުނިފޯމްގައި އޮފީހަށް މިއަދު ނުކުމެވަޑައިގެންފި އެވެ.


ކުރިން ގަދަ ފެއްސާއި މަޑު ފެހި ހިމެނޭ ޔުނިފޯމެއް ބޭނުން ކުރަމުންދިޔަ އިމިގްރޭޝަނުން މިއަދުން ފެށިގެން ބޭނުން ކުރަން ފެށީ ގަދަ ނޫކުލައިގެ ޔުނިފޯމެކެވެ. ކުރީގެ ޔުނިފޯމާ އެކު ޓައީ އަޅަން ޖެހުނަސް އާ ޔުނިފޯމްގައި ޓައީ ބޭނުންކުރާކަށް ނުޖެހެ އެވެ. އެ ޔުނިފޯމް ބޭނުންކުރަން ފެށީ މިއަދު ކަމަށްވިޔަސް މިއަހަރު ކުރީކޮޅު ވަނީ އެ ޔުނިފޯމް އިފްތިތާހުކޮށްފަ އެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަންވަރު (ކ) އަދި ޑެޕިއުޓީ ކޮންޓްރޯލަރު އަބްދުﷲ އަލްގީން (ވ) ގައި: މިއީ އިމިގްރޭޝަންގެ އިސްވެރިން ޔުނިފޯމް ބޭނުންކުރެއްވި ފުރަތަމަ ފަހަރު --ފޮޓޯ/ އިމިގްރޭޝަން

އާ ޔުނިފޯމް ބޭނުން ކުރަން ފެށުމުގެ އިތުރުން ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުހައްމަދު އަންވަރާއި ޑެޕިއުޓީ ކޮންޓްރޯލާ އަބްދުﷲ އަލްގީން ވެސް މިއަދު ވަނީ ފުރަތަމަ ފަހަރަށް ޔުނިފޯމްގައި އޮފީހަށް ނުކުމެވަޑައިގެންފަ އެވެ. މިއީ އިމިގްރޭޝަންގެ ތާރީޚުގައި ވެސް އެތަނުގެ އެންމެ ދެ އިސްވެރިން ޔުނިފޯމް ބޭނުންކުރެއްވި ފުރަތަމަ ފަހަރެވެ.

އިމިގްރޭޝަނުން ބުނީ ކޮންޓްރޯލަރާއި ޑެޕިއުޓީ ކޮންޓްރޯލަރު މިއަދު ޔުނިފޯމްގައި އޮފީހަށް ނުކުމެވަޑައިގަތަސް ކުރިއަށް އޮތް ތަނުގައި އެ ދެ ބޭފުޅުން ޔުނިފޯމް ބޭނުން ކުރައްވާނީ ހަމައެކަނި ރަސްމިއްޔާތުތަކުގައި އެކަންޏެވެ.

"ސެރެމަނީތަކަށް ވަޑައިގަންނަވާއިރު ނުވަތަ އިމިގްރޭޝަނުން ކަނޑައަޅާ ދުވަސްތަކުގަައި އެ ބޭފުޅުން ޔުނިފޯމް ބޭނުން ކުރައްވާނީ. އެކަމަކު އާންމު މުވައްޒަފުން މިއަދުން ފެށިގެން މަސައްކަތް ކުރާނީ މި ޔުނީފޯމްގައި،" އިމިގްރޭޝަންގެ ތަރުޖަމާނު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަސްމިއްޔާތުތަކުގައި ބޭނުންކުރަން ވެސް ވަކި ޚާއްސަ ޔުނީފޯމެއް އޮންނާނެ އެވެ.