އިންތިހާބަކާ ނުލާ ރައީސް ޔާމީނަށް އިތުރު ދައުރެއް ދޭންޖެހޭ: ރިޔާޒް

އިންތިހާބަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް އިތުރު ދައުރެއް ދޭން ޖެހޭނެ ކަމަށް ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.


ކްލެމެންސީ ބޯޑުން މަޖިލިސް ތަމްސީލް ކުރައްވާ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވަކި ކުރުމާ ގުޅޭ ގަރާރަށް ބަހުސް ކުރައްވަމުން ރިޔާޒް ވިދާޅުވީ ރައީސް ޔާމީނަށް އިތުރު ދައުރެއް ދޭން ޖެހެނީ ތިން އަހަރުގެ ތެރޭގައި ރާއްޖެ އަށް ގެނެސްފައި ހުރި ތަރައްގީތަކުގެ ސަބަބުން ކަމަށެވެ.

ރިޔާޒް ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ބޭފުޅުން ވެރިކަމުން ފައިބައިވަޑައިގަތީ ގައުމު ބަނގުރޫޓު ކޮށްލުމަށް ފަހު އެވެ. އެހެންވެ، އަހުލާގީ ގޮތުން ބެލިޔަސް، މަސްލަހަތު ހުރި ގޮތަކީ 2018ގެ ރިޔާސީ އިންތިހާބުގައި ވޯޓަކާ ނުލައި ރައީސް ޔާމީނަށް އިތުރު ދައުރެއް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެންމެ ރަނގަޅު ގޮތަކީ ވޯޓަކާ ނުލައި 2018ގައި ރައީސް ޔާމީން (ވެރިކަމަށް) އިންތިހާބު ކުރުން. އެއީ އެކަމަކު އިތުރު މީހަކު (ވާދަކުރަން) ކުރިމަތިނުލައްވައިފި ނަމަ،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގައި ދެއްކެވި ވާހަކަތަކާ ގުޅިގެން "މިހާރު"ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގައި ކޮންމެ ބޭފުޅަކަށް ވެސް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީނަށް ވުރެ، ގާބިލް ބޭފުޅަކު ރާއްޖޭގައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު އެހެން ބުނީ ކުރު މުއްދަތެއްގެ ތެރޭގައި ގެނެސްފައި ހުރި ކުރިއެރުންތަކަށް ބަލާފައި. އެތައް މަޝްރޫއުތަކެއް އެބަ ހިނގާ. އެތައް މަޝްރޫއުތަކެއް ނިމިގެން ރައްޔިތުންނަށް އޭގެ ފައިދާ އެބަ ލިބޭ،" މާލެ އާއި ހުޅުލެއާ ދެމެދު އަޅަމުން އަންނަ ބްރިޖުން މިސާލު ނަންގަވަމުން ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ރާއްޖޭގެ މައި އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރު ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި އެ ކުންފުންޏަށް 271 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) ނުދެއްކޭނެ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ފާޑު ވިދާޅުވި ކަމަށެވެ. ނަމަވެސް އެ ފައިސާ ދައްކައި ހަލާސް ކުރީ ރައީސް ޔާމީންގެ ވިސްނުންތެރިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހުރިހާ ކަމެއް ކުރަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި އެކަމާ ސުވާލު އުފެއްދުމުގެ ޖާގަ ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނަށް ބަދަލެއް ގެންނަ ނަމަ، އެކަން ކުރަނީ މަޖިލީހުން ކަމަށާއި އެކަމުގެ ޒިންމާ ރައީސް ނަންގަވަން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންތިހާބަކާ ނުލައި ރައީސް ޔާމީނަށް އިތުރު ދައުރެއް ދޭން ޖެހޭނެ ކަމަށް ރިޔާޒް ވިދާޅުވިއިރު، ޕްރައިމަރީއަކާ ނުލައި ޕީޕީއެމްގެ ރިޔާސީ ޓިކެޓު ދިނުމަށް ރައީސް ޔާމީންގެ ފެކްޝަނުން ދަނީ މަސައްކަތް ކުރައްވަމުންނެވެ.