އަދީބުގެ ފިސްތޯލަ މައްސަލައިގެ އަޑުއެހުން ނިމިއްޖެ، ހުކުމް ކުރާނެ ދުވަހެއް ނޭނގޭ

ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިއަދު ނިންމާލައިފި އެވެ. އެކަމަކު މި މައްސަލައިގެ ހުކުމް ކުރާނެ ދުވަހެއް އަދި އިއުލާނެއް ނުކުރެ އެވެ.


މިދިޔަ އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހު އަދީބު ފިސްތޯލަ ގެންގުޅުނު ކަމަށް ބުނެ ކުރާ ދައުވާގެ ޚުލާސާ ބަޔާން ހުށަހެޅި އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް، ހުޅުވާ ނުލައި ސިިއްރުކޮށްގެންނެވެ. އެއީ ގައުމީ ސަލާމަތަށް ނުރައްކާވެދާނެތީ ކަމަށް ކޯޓުން ބުންޏެވެ.

ބައެއް ހާލަތްތަކުގައި ޝަރީއަތެއް ނުވަތަ ޝަރީއަތުން ބައެއް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމުގެ ބާރު ފަނޑިޔާރުންނަށް އޮންނަ ނަމަވެސް މީގެ ކުރިން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ޝަރީއަތެއްގައި ޚުލާސާ ބަޔާން ހުށަހެޅި އަޑުއެހުން ވަކިން ސިއްރުކޮށްފައެއް ނުވެ އެވެ.

އަދީބު ފިސްތޯލަ ގެންގުޅެނިކޮށް ދުށް ކަމަށް ދެ މީހަކު ހެކިބަސް ދީފައިވާއިރު، އެ ފިސްތޯލަ މިހާތަނަށް ވެސް ފުލުހުންނަށް ހޯދިފައެއް ނުވެ އެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ، ދިގު މުއްދަތުގެ ހުކުމެއް އަދީބަށް އަންނާނެ އެވެ.

އަދީބު ފިސްތޯލަ ގެންގުޅުނު މައްސަލައިގެ އިތުރުން ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެެރިވި ކަމަށް ބުނެ އަދީބާއި އޭނާގެ ގާތް ދެ ބޭފުޅުން ކަމަށްވާ އަބްދުﷲ ޒިޔަތާއި ހާމިދު އިސްމާއިލަށް ކުރާ ދައުވާގެ ފަހު އަޑުއެހުން ވެސް މިއަދު މެންދުރު ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. އެ މައްސަލައިގެ އަޑުއެހުން ވެސް ވަނީ ސިއްރުކޮށްފަ އެވެ.