ޕީޕީއެމްގެ ޕްރައިމަރީ މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޓިކެޓް ލިބޭ މީހުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ މުއްދަތެއް ނެތް ގޮތަށް ފަސް ކުރުމަށް އެ ޕާޓީގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ނިންމައިފި އެވެ.


އެ ފެކްޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕްރައިމަރީ ބޭއްވުމަށް ޕާޓީގެ ހުރިހާ މެމްބަރުން ހިމެނޭ ސައްހަ ދަފްތަރެއް އޮންނަން ޖެހޭނެ ކަމަށެވެ. އެކަމަކު ޕާޓީ ހިންގުމަށް ބޭނުންވާ މުހިންމު ތަކެތި ހޯދުމަށް ކުރި މަސައްކަތުން މިއަދާ ހަމައަށް ދަފްތަރު ލިބިފައިނުވާ ކަމަށް ބަޔާނުގައިވެ އެވެ. އެހެންވެ، ޕީޕީއެމް އިން އެހެން ގޮތަކަށް ކަނޑައަޅަން ދެން، ޕާޓީގެ ޕްރައިމަރީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން ނިންމީ ކަމަށް ރައީސް ޔާމީންގެ ފެކްޝަނުން ބުންޏެވެ.

މީގެ ކުރިން ޕީޕީއެމް ޕްރައިމަރީ ބާއްވަން ކަނޑައަޅާފައި އޮތީ މާދަމާ އެވެ.

ޕީޕީއެމްގެ ތެރޭގައި ބައިބައިވުން އުފެދި ރައީސް ޔާމީނަށް ތާއީދުކުރާ ފެކްޝަނަކާއި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނެއް އުފެދި ރައީސް ޔާމީންގެ ފެކްޝަނުން ވަނީ، ތެމާގައި ހިންގި އޮފީހުގައި ހުރި ތަކެތި އެހެން ތަނަކަށް ގެންގޮސްފަ އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ބުނި ގޮތުގައި ކޯޓު އަމުރު ތަންފީޒު ކުރުމަށް ފުލުހުންގެ އެހީތެރިކަމާ އެކު، ޕީޕީއެމްގެ އޮފީހަށް ވަދެ ތަކެތި ގެންދިޔައިރު، ބައެއް ކޮމްޕިއުޓަރުތަކުގައި ހާޑް ޑްރައިވެއް ނެތެވެ. އަދި ހާޑްޑްރައިވް ހުރި ކޮމްޕިއުޓަރުތަކުގައި ހުރި އެއްޗެހި ފޮހެލާފައިވާ ކަމަށް އެ ފެކްޝަނުން ވަނީ ބުނެފަ އެވެ. އެގޮތުން ޕީޕީއެމްގެ ހިސާބުތަކާއި ޖަލްސާތަކުގެ ޔައުމިއްޔާތަކާއި އެކި ފަރާތްތަކާ އެކު ހަދާފައި ހުރި އެއްބަސްވުންތައް ފަދަ މުހިންމު ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް އެ ފެކްޝަނުން ތުހުމަތުކުރެ އެވެ. އެ މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވާއިރު، ޕީޕީއެމް އޮފީހުގައި މަސައްކަތް ކުރި މީހުން ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.