ރޭ ހައްޔަރު ކުރި ބައެއް މީހުން ހެކި ނެތިގެން ދޫކޮށްލައިފި

ފުލުހުން ރޭ ހިންގި އޮޕަރޭޝަނުގައި ހައްޔަރު ކުރި 19 މީހުންގެ ތެރެއިން، ބަންދުގައި ބައިތިއްބާނެ އެކަށީގެންވާ ވަރުގެ ހެކި ނެތިގެން އަށް މީހަކު މިރޭ ދޫކޮށްލައިފި އެވެ.


ފުލުހުންގެ އޮފިޝަލަކު އެކަން ކަށަވަރު ކޮށްދެމުން ވިދާޅުވީ ކޯޓަށް ނުފޮނުވައި އެ އަށް މީހުން ދޫކޮށްލީ ބަންދުގައި ބޭތިއްބޭނެ ހެކި ނެތިގެން ކަމަށެވެ. އެ އަށް މީހުންނަކީ ވެސް ރޭގެ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންނެވެ.

މާލޭގައި އިއްޔެ އާއި ރޭ ހިނގި މާރާމާރީތަކުގައި 14 އަހަރުގައި ދެ ކުއްޖަކު ވަނީ މަރުވެފަ އެވެ. މިއީ ގޭންގު މާރާމާރީތަކެއްގައި އެއް ދުވަހުގެ ތެރޭގައި ދެ ކުއްޖަކު މަރުވި ފުރަތަމަ ފަހަރެވެ. އެހެންވެ ފުލުހުން ވަނީ ރެއިން ފެށިގެން ޚާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. މިރޭ ޑޯގް ސްކޮޑާ އެކު ސިފައިން ވެސް ވަނީ މަގުތަކަށް ނުކުމެފަ އެވެ.

މާލޭގައި ގޭންގު މާރާމާރީ ހިނގީ ނުރައްކާތެރި ހާލަތަކަށް މި ދިޔައީ ދުވަސްގަނޑަކަށް ފަހު އެވެ.