ސައޫދީ ރަސްގެފާނުގެ މިސްކިތް އެޅުމަށް އެމްޓީސީސީ ސޯމިލް ސަރަހައްދު ހުސްކުރަނީ

ސައުދީ ސަރުކާރުގެ އެހީގައި ކާނިވާ ސަހަރައްދުގައި އަޅާ "ކިންގް ސަލްމާން" މިސްކިތް އެޅުމަށް ބޭނުންވާ ތައްޔާރީތައް ވުމަށް، އެމްޓީސީސީ ސޯމިލް ސަރަހައްދު ހުސްކުރަން ސަރުކާރުން އަންގައިފި އެވެ.


އެމްޓީސީސީ ޝޯރޫމާއި އެ ކުންފުނީގެ ސްޓޮކް ރައްކާ ކުރުމަށް ބޭނުންކުރާ ސޯމިލް ހުސްކުރަން ސަރުކާރުން އެންގީ ސައޫދީ ރަސްގެފާނުގެ އެހީގައި ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ބައެއް ތައްޔާރީތަކަށް އެ ބިން ބޭނުންވާތީ އެވެ. އެ މިސްކިތުގެ މަސައްކަތް އަންނަ ޖުލައި މަހު ފަށާނެ ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން އެ ބިން ހުސްކުރަން ސަރުކާރުން އަންގާފައިވާ ކަމަށާއި އެތަނުގައި ހުރި ތަކެތި އެހެން ތަންތަނަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލޭ ފެރީ ޓާމިނަލް ޖެހިގެން އޮންނަ އެ ކުންފުނީގެ ޕާކިން ޒޯން ހުސްކުރަން ކަސްޓަމަރުންނަށް އަންގާފައިވަނީ ވެސް ސޯމިލް ހުސްކުރަން ޖެހޭތީ ސޯމިލްގައި ހުރި ބައެއް ތަކެތި އެތަނަށް ބަދަލު ކުރުމަށެވެ.

"އެތަނަށް ވެސް ބައެއް ތަކެތި ބަދަލުކުރަން ނިންމާފައިވަނީ. ދެން ތިލަފުށި އަދި ގުޅީފަޅުން ލިބިފައިވާ ބައެއް ތަންތަނަށް ވެސް ބައެއް ތަކެތި ބަދަލުކުރަން ވަނީ ނިންމާފައި،" އޮފިޝަލް ވިދާޅުވި އެވެ.

އެމްޓީސީސީ ޝޯރޫމާއި އެ ކުންފުނީގެ ސްޓޮކް ރައްކާ ކުރުމަށް ބޭނުންކުރާ ސޯމިލް ހުސްކުރަން ސަރުކާރުން އެންގީ ސައުދީ ރަސްގެފާނުގެ އެހީގައި ކާނިވާ ސަރަހައްދުގައި އަޅާ މިސްކިތުގެ ބައެއް މަސައްކަތްތަކަށެވެ.

އެމްޓީސީސީގެ ޕާކިން ޒޯން ބޭނުންކުރާ ފަރާތްތަކަށް އެ ކުންފުނިން އަންގާފައިވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އެތަން ހުސް ކުރުމަށެވެ.

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު މިސްކިތް ކަމަށްވާ އެ މިސްކިތް އަޅަނީ ސައުދީ ސަރުކާރުގެ ހިލޭ އެހީގަ އެވެ. ހަ ބުރިއަށް އިމާރާތް ކުރާ އެ މިސްކިތުގައި އެއްފަހަރާ 60،000 މީހުންނަށް ނަމާދު ކުރެވޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.