ޑޮކްޓަރުންނާއި ނަރުހުންނަށް ފްލެޓް ދިނީ 10 އަހަރު އައިޖީއެމްއެޗުގައި ހިދުމަތްކޮށްދޭން ޖެހޭ ގޮތަށް ޝަރުތުކޮށްފައި

ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ބޯހިޔާވަހިކަން ދިނުމުގެ ގޮތުން ސަރުކާރުން އައިޖީއެމްއެޗުގެ ޑޮކްޓަރުންނާއި ނަރުހުންނަށް ދިން 20 ފްލެޓް، މިލްކުކުރެވޭނީ ނުވަތަ އެ މީހުންގެ ނަމަށް ރަޖިސްޓްރީ ކުރެވޭނީ ދިހަ އަހަރު ހޮސްޕިޓަލަށް ހިދުމަތް ކުރުމުން ކަމަށް ގަވައިދުގައި ބުނެފި އެވެ.


ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުގެ ޑޮކްޓަރުންނަށާއި ނަރުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގަވައިދުގައި ބުނާގޮތުގައި ފްލެޓަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާ ހަލާސް ކުރި ނަމަވެސް، އެތަން މިލްކު ކުރެވޭނީ އެއްބަސްވުމުގައި ސޮއި ކުރާ ތާރީހުން ފެށިގެން، ދިހަ އަހަރު ވާންދެން އައިޖީއެމްއެޗަށް ހިދުމަތް ކުރުމުންނެވެ.

އެކަމަކު ފައިސާ ހަލާސްކުރުމުގެ ކުރިން، އެއްވެސް ސަބަބަކާ ހުރެ މުވައްޒަފުގެ ހިދުމަތް މެދުކަނޑާލަން ޖެހިއްޖެ ނަމަ، ފްލެޓް މިލްކު ކުރެވޭނީ އޭނާ އެނބުރި އައިސް ކަނޑައެޅިފައިވާ މުއްދަތަށް ހިދުމަތް ކުރުމުންނެވެ.

އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބިވަޑައިގަތް ޑރ. މުހައްމަދު ޝިހާމަށް، ހައުސިން މިނިސްޓަރު މުއިއްޒު، ލިޔުން ދެއްވަނީ-- ފޮޓޯ: ރައީސް އޮފީސް

ގަވައިދުގައިވާ ގޮތުން މުވައްޒަފު ވަޒީފާއިން ވަކިކޮށްފި ނަމަ، އޭނާގެ އަތުން އެ ތަން އަތުލާނެ އެވެ. އަދި މި ހާލަތުގައި، އެ މުވައްޒަފަކު ބަހައްޓާފައިވާ ޑައުންޕޭމަންޓް ވެސް އަނބުރާ ދޭނެ އެވެ. އެކަމަކު އެ މުއްދަތުގައި މުވައްޒަފު ތަނަށް ދައްކާފައިވާ ފައިސާ ބެލެވޭނީ އެތަނުގެ ކުލި ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެ އެވެ.

މީގެ އިތުރުން، މުވައްޒަފު ރިޓަޔާ ވެއްޖެ ނަމަ، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އޭނާ ތަނަށް ފައިސާ ދައްކާ ހަލާސްކޮށްފައި ވާނަމަ ތަން ރަޖިސްޓްރީ ކުރެވޭނެ ކަމަށް ގަވައިދުގައި ބުނެފައި ވެ އެވެ.

އެކަމަކު ހިދުމަތް މެދުކަނޑާލާ މުވައްޒަފާއި ރިޓަޔާ ކުރާ މުވައްޒަފަށް ތަން މިލްކުކޮށްދިނުމުގެ ކުރިން، އެ ސަބަބު އައިޖީއެމްއެޗުން ބަލައި، އެއީ އެކަށީގެންވާ ސަބަބެއްތޯ ނުވަތަ ނޫންތޯ ބަލާނެ އެވެ. އަދި އެއީ އެކަށީގެން ނުވާ ސަބަބެއް ނަމަ އެ މީހަކަށް ތަން މިލްކުކޮށް ނުދޭނެ ކަމަށް ވެސް ގަވައިދުގައި ބުނެފައި ވެ އެވެ.

ދިހަ އަހަރަށް ވުރެ ކުރު މުއްދަތެއްގެ ތެރޭގައި، މުވައްޒަފުގެ ވަޒީފާ އެހެން ތަނަކަށް ނުވަތަ ދާއިރާއަކަށް ބަދަލުކޮށްފި ނަމަ ފްލެޓް އަތުލާނެ އެވެ.

އައިޖީއެމްއެޗުގެ މުވައްޒަފުންގެ ތެރޭން ފްލެޓް ދީފައިވަނީ ދެ މެޑިކަލް އޮފިސަރަކަށާއި އަށް ސްޕެޝަލިސްޓު ޑޮކްޓަރުންނަށާއި ދިހަ ނަރުހުންނަށެވެ. ޑޮކްޓަރުންގެ ތެރޭގައި އެ ހޮސްޕިޓަލުގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ، މަޝްހޫރު ބޭފުޅުން ވެސް ހިމެނެ އެވެ.

ގަވައިދުގައި ބުނާގޮތުން ފްލެޓް ދޫކުރާނީ ހުޅުމާލޭންނާއިި މާލޭންނެވެ. އަދި ތިން ކޮޓަރީގެ މި ފްލެޓުގެ ޑައުންޕޭމަންޓުގެ ގޮތުގައި، މާލޭގެ ފްލެޓަށް 400،000 ރުފިޔާ ދައްކަން ޖެހޭއިރު ހުޅުމާލޭގައި ދައްކަން ޖެހެނީ 19،000 ރުފިޔާ އެވެ.

މާލޭގެ ފްލެޓަށް މަހަކު، 17،800 އަށް ވުރެ ގިނަ ރުފިޔާ، 20 އަހަރު ވާންދެން ކުލީގެ ގޮތުގައި ދައްކަން ޖެހެ އެވެ. އަދި ހުޅުމާލޭގެ ފްލެޓަށް ކުލީގެ ގޮތުގައި ދައްކަން ޖެހެނީ، 25 އަހަރު ވާންދެން 7،350 ރުފިޔާ އެވެ.

ފްލެޓު ދޫކުރުމުގައި ތިން ބަޔަކަށް ބަހާލައިގެން ޕޮއިންޓް ދީފައިވާ އިރު، އެންމެ ގިނަ ޕޮއިންޓް ލިބެނީ ހިދުމަތުގެ މުއްދަތާއި މުހިއްމުކަމާއި ފެންވަރަށެވެ. އެގޮތުން 70 ޕޮއިންޓް އެ ބަޔަށް ލިބޭއިރު ބޯހިޔާވަހިކަމަށް ބޭނުންވާ މިންވަރަށް، 20 ޕޮއިންޓް އަދި މާލީ ފުދުންތެރިކަމަށް 10 ޕޮއިންޓް ދެ އެވެ.

އައިޖީއެމްއެޗު މުވައްޒަފުންގެ ތެރެއިން ފްލެޓް ލިބިވަޑައިގަތް، ޑރ. މޫސާ ހުސައިނަށް، ހައުސިން މިނިސްޓަރު މުއިއްޒު، ލިޔުން ދެއްވަނީ: މި ފްލެޓް އެތަނުގެ 20 މުވައްޒަފަކަށް ލިބިފައިވޭ-- ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން މުޅިން އަލަށް ފެށި މި ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ބައެއް ޑޮކްޓަރުންގެ ތެރޭގައި ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އަލީ ޝަފީގާއި ނޭވާލުމާ ގުޅޭ ބަލިތަކުގެ ހާއްސަ ޑޮކްޓަރު މޫސާ ހުސައިން އާއި ކިޑްނީގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އިބްރާހިމް ޝިހާމާއި އެތެރެ ހަށީގެ ޑޮކްޓަރު އަލީ ލަތީފު ހިމެނިވަޑައިގަންނަވަ އެވެ.

އައިޖީއެމްއެޗުގެ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ ޑިޕާޓްމެންޓްގެ ޑިރެކްޓަރު އަހުމަދު މައުސޫމް އިއްޔެ ވިދާޅުވީ ގިނަ ދުވަސްތަކެއް ވާންދެން ރައްޔިތުންނަށް ހިދުމަތް ކުރި މި މުވައްޒަފުންނަށް ފްލެޓް ލިބުމަކީ ހޮސްޕިޓަލަށް ވެސް ލިބުނު ކާމިޔާބެއް ކަމަށެވެ.

"މީގެ ތެރޭގައި އެބަ ހިމެނޭ ވަރަށް ގިނަ ދުވަހު ހިދުމަތުގައި ތިބި، އެކަމަކު ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ސީނިއާ ބޭފުޅުން ވެސް. އަމިއްލަ ކްލިނިކްތަކާއި އެހެން ތަންތަނަށް ދިޔުމުގެ ފުރުސަތު އޮއްވައި، ސަރުކާރުން ފްލެޓް ދިނުމުން މި ބޭފުޅުން ހޮސްޕިޓަލުގައި ރީޓެއިން ކުރެވިދާނެ،" މައުސޫމް ވިދާޅުވި އެވެ.